ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރަން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ބަލައިނުގަނެ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގު ހުށަހެޅި މި އިސްލާހުގެ ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން އެއްކޮޅަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އަދި ދެކޮޅަށް 50 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކެކޭ އެއް ގޮތަށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވެ، މިނިވަންކަމާއެކު މަސައްކަތް ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަނެއް ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ތޯރިގު ހުށަހެޅުއްވި ބިލުގައި ޖޭއެސްސީގައި ތިއްބަވާ މެމްބަރުންގެ އަދަދު 8 އަށް ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ.
މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.
ތޯރިގު ވަނީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭގޮތަށް ހުށަހަޅުއްވައިފަ އެވެ.
ޖޭއެސްސީ އަށް އައްޔަން ކުރެވޭ މެމްބަރުންގެ ދައުރަކީ ފަސް އަހަރު އެއް ދައުރު ކަމަށާއި، އެ ދައުރު ހަމަވުމުން އެމީހަކު އަލުން އެ ކޮމިޝަނަށް އައްޔަން ނުކުރެވޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.
އަދި އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ޖޭއެސްސީގެ ގާނޫނާއި ގަވާއިދު އިސްލާހުކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތީން ޖޭއެސްސީ އަލުން އެކުލަވާލަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

