ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ އިއްތިހާދުގެ ސިޓީއެއް ހާރިޖީ ވަޒީރަށް: ފައްޅިއާއި އެހެން ދީންތަކަށް އދ. ގައި އިންކާރުކޮށްދެއްވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހު އ.ދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ބާއްވާ ޔޫޕީއާރުގެ 36 ވަނަ ‌‏ބައްދަލުވުމަށް ހުށައެޅުމަށް އެމްޑީއެން އާއި ފަރަންސޭސި ޖަމިއްޔާ ‘ފިދް’ އާއި އުތެމަ ޖަމިއްޔާއިން ރާއްޖޭގައި ފައްޅި އެޅުމާއި ޣައިރުދީން ފެތުރުން ހުއްދަކުރާ ރިޕޯޓާ ރަސްމީކޮށް ދެކޮޅު ހެއްދެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހުގައި އެދެފިއެވެ.

ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން މިނިސްޓަރު ޝާހިދުއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ބުދުކޯލުތަކާއި ‌‏ފައްޅިތައް އެޅުމަށާއި ޣައިރު ދީންތަކަށް އުޅޭމީހުން ފާޅުގައި މާތް ﷲ އަށް ކުފުރުވެ ޝިރުކުގެ އަނިޔާވެރި ޢަމަލު ކުރުމަށް ފުރުޞަތު ދިނުމަށާއި އަދި ޒިނޭކުރުން ހުއްދަ ކުރުމަށާއި އެކަމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢުޤޫބާތާއި ޙައްދުތައް ރާއްޖޭގެ ޤާނޫނު ޢުޤޫބާތުން ފޮހެލުމަށާއި، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މާތް ﷲ ބާވައިލައްވާފައިވާ ޤުރްއާނާއި ފޮނުއްވި ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އެކިއެކި ބޮޑެތި ‏ކުށްތަކަށް ކަނޑައަޅުއްވާފައިވާ މަރުގެ އަދަބު އުވާލުމަށް ގޮވާލައި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ކަނޑައެޅިގެން ދިމާއަށް ދެކޮޅުހަދައި، ﷲ ތަޢާލާގެ ދީނުގެ ޙައްދުތަކަށް ފާޅުގައި އިންކާރުކޮށް އުތެމަ އާއި އެމްޑީއެން އަދި އިސްލާމްދީނާއި ކީރިތި މާތް ރަސޫލާ صلى الله عليه وسلم އަށް މިހާރުވެސް ފުރައްސާރަކޮށް ދެކޮޅުހަދާ ކަމަށެވެ.

މުޅި އިސްލާމީ ދުނިޔެ އެބަޔަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ޔޫރަޕްގެ ޤައުމެއްކަމުގައިވާ ފުރާންސުގެ އެފްއައިޑީއެޗް ކިޔާ މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން 3 ‌‏އޮކްޓޯބަރ 2019 ގައި ތައްޔާރުކޮށްފައިވާ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި ބެހޭ ރިޕޯޓު މިމަހު އ.ދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ބާއްވާ ޔޫ.ޕީ.އާރުގެ 36 ވަނަ ‌‏ބައްދަލުވުމަށް ހުށައެޅުމަށް ވަނީ ފޮނުވާފައިވާ ކަމަށް އިއްތިހާދުން ބުނެއެވެ.

“އެހެންކަމުން އަޅުގަނޑުމެން މިއެދެނީ ޔޫ.އެންގެ ޗާރޓަރގައި ހިމެނޭ ދޭދޭ ޤައުމުތަކުގެ ދާޚިލީ މިނިވަންކަން ނަގާލުން މަނާކުރާ މުޢާހަދާތަކާއި ޤަވާޢިދުތަކަށް ވެސް ރިޢާޔަތްކުރާ ޙާލު، މިދެންނެވި އެމް.ޑީ.އެން އަކީ ދިވެހި ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން އުވާލެވިފައިވާ ޖަމިއްޔާއެއްކަމާއި، އަދި އެމީހުންގެ ތަޙްޤީޤް މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ކުރިއަށް ގެންދާކަން ޢިއުލާންކޮށްފައިވާ ބައެއްކަމާއި، އުތެމަ އާއި އެމް.ޑީ.އެން ގެ ރިޕޯޓަށް ބާރުލިބޭ ގޮތަށް އެއްވެސް ވާހަކައެއް ދައްކާ އެއްވެސް ބަޔަކީ ދިވެހިރާއްޖޭގެ އެއްވެސް ކަމެއް ޤާނޫނީ ގޮތުން ތަމްޘީލު ކުރުމުގެ ޙައްޤު ލިބިގެންވާ ބައެއް ނޫންކަމަށާއި، އެއީ ބޭރުގެ ފަރާތްތަކުން ތަމްރީނާއި ފައިދާއާއި މަޢުނަޥީ އެހެނިހެން އެހީތައް ހޯދައިގެން މިޤައުމުގެ ދާޚިލީ ހަމަޖެހުން ނަގާލައި، ޤައުމު ބައިބައި ކުރަން ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ މަދު ބައެއްކަން އިނގިރޭސިބަހުން ރަސްމީކޮށް ލިޔެ އަންގަވައި ދެއްވުމަށެވެ.” ސިޓީގައި ވެއެވެ.

އިއްތިހާދުން ބުނީ ޚާރިޖީ ވަޒީރުގެ ޙައިޘިއްޔަތުން މިކަން ރަސްމީކޮށް ނާންގާ ހުންނަވައިގެން އިސްލާމްދީނަށް ފުރައްސާރާކުރާ މީހުންނަށް ނުސީދާކޮށް އެއްބާރުލުން ދެއްވޭނަމަ، ޔޫއެންއަށް މިމަހު މިހާރު ފޮނުވިފައިވާ ރިޕޯޓަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައި ބުދުކޯލާއި ފައްޅި އަޅައި ޣައިރުދީންތަކަށް ރަސްމީކޮށް ޖާގަދިނުމަށް ނިންމައި އަދި އެކަމުން ދިވެހިރާއްޖެއަށް ފިއްތުންތައް އައިސް އޭގެ ނަތީޖާއެއްގެ ގޮތުން ބާރުހުރި ފަރާތްތަކަކުން ބަހަނާ ދައްކައި، ދެން އެހެން ގޮތެއް ނެތޭ ކިޔައި އެފަދަ ފުރުސަތަކަށް ޖާގަ ހުޅުވުން މިހާރުން މިހާރަށް ބަންދު ކުރުވުމަށްޓަކައެވެ. އަދި މިކަމުގައިވާ އިހުމާލެއްގެ ސަބަބުން އެފަދަ ރިޕޯޓެއް ފާސްވެ ދިވެހިރާއްޖޭގެ ސައްތައިން ސައްތަކަން ނަގައިލާން އެހީވާ މީހުންގެ ތެރެއިން މިނިސްޓަރު ހިމެނިގެން ނުދިއުމަށް އެދޭތީ ފޮނުވި ސިޓީއެއް ކަމަށް ވެއެވެ.

“މިއީ މި ނުރައްކާތެރި ވާހަކަ މަނިކުފާނަށް ރަސްމީކޮށް ސިޓީގެ ވަޞީލަތް ބޭނުންކޮށްގެން ހަނދުމަކޮށްދެވޭ ދެވަނަ ފަހަރުކަން މި ސިޓީގައި ތަކުރާރު ކޮށްލަމެވެ. ވަގުތު އޮށްވައި ކުރިއަލާ 11/08/2020 މިއަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު އަޅުގަނޑުމެން ގިނަ މަދަނީ ޖަމްޢިއްޔާތަކުން މިވާހަކަ އެހެން ޢިބާރާތަކުން ދެންނެވި ސިޓީއަށާއި، އަދި ހަމަ މިކަމާއި ކަންބޮޑުވުން ފާޅުކޮށް އަޅުގަނޑުމެންގެ މަޝްވަރާ އާއި ޚިޔާލުތައް ޙިއްސާކުރުމަށް ބައްދަލުވުމުގެ ބޭނުމުގައި ރަސްމީ އެޕޮއިންޓްމަންޓަށް އެދި މިދިޔަ އޯގަސްޓްމަހުގެ 31 ވަނަ ދުވަހު ފޮނުވި ސިޓީއަށް 2 މަސް ފާއިތުވެގެން ދިޔައިރު ރަސްމީ އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަން އަޅުގަނޑުމެން މަދަނީ ޖަމްޢިއްޔާތަކުން ނުހަނު ހިތާމަޔާއެކު ފާހަގަ ކުރަމެވެ.” ސިޓީގައި ވެއެވެ.

އަދި ހަމައެއާއެކު މިފަހުން ފުރާންސުން މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި މުޅި އިސްލާމީ އުންމަތަށް މަލާމާތް ރައްދު ކުރުމުންވެސް މިނިސްޓްރީއިން ނެރެފައިވާ އިންކާރި ބަޔާންނުގެ ލޮނު މަޑުކަމާއި ފިނޑި ރާގާއި ޙަޤީޤީ މަޢްޟޫއިން ބޭރުވެ އަމާޒުން ކައްސާލާފައިވާ ވާހަކައަކީ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް ފާހަގަވެ އެވާހަކަ މުޅި ސޯޝަލް މީޑިއާގައިވެސް ޢާއްމުވެގެން ގޮސްފައިވާ ވާހަކައެއް ކަމަށް އިއްތިހާދުން ބުނެއެވެ.

“މިއަދު ދިވެހިރައްޔިތުން ތިޔަ ބޭފުޅުންނާ މަސްއޫލިއްޔަތު ހަވާލުކޮށްފައިވައިވަނީ މިފަދަ ކަންކަމުގައި ވަރަށް ކެރޭ ހިތްވަރުގަދަ ފަހުލަވާނުން ކަމުގައި ވުމުގެ އުންމީދުގައެވެ. އިސްލާމް ދީނުގެ އަސާސްތަކާއި މިޤަޥްމުގެ ޥަޙްދަތު އޭގެ މައްޗަށް ބިނާވެފައިވާ ބިންގަލަށް ހަމަލާދޭ އިރު އެކަންކަމާ ކުރިމަތިލައި ޘާބިތުކަން ދެއްކުމުގެ ބަދަލުގައި ގޮތް ހުސްވެ ކަމީނާވެގެން ގޮސް ފަހަތު ފަޔަށް ބުރަވެ ހިރިލަހިރިލަ ތިއްބަވާކަށް ނޫނެކެވެ. ވީމާ، މިކަންކަމުގައި ތިޔަބޭފުޅުންގެ ކިބައިން އުންމީދީ ފާލުތަކެއް ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެއްކެވުމަށް ތަރުރާރުކޮށް އިލްތިމާސް ކުރަމެވެ. އަދި ދިވެހި ތާރީޚު ފަޚުރުވެރިވާނެ ފަދަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވެސް ހިތްވަރު ދެމެވެ.” ސިޓީގައި ވެއެވެ.

އިއްތިހާދުން ބުނީ ބުދުކޯލުތަކާއި ފައްޅިތައް އަޅުގަނޑުމެންގެ މިލޮބުވެތި ފަސްގަނޑުގައި އަޅައި މިބިން ކުފުރާއި ޝިރުކުގެ ނަޖިހުން މުޑުދާރު ކުރުމަށް ސިއްރުން ތިބެ އަޑީ ދަޥްލަތްތަކުން އެކުލަވާލަމުން އަންނަ ޕްރެޝަރާއި ރޭވުންތައް ހުއްޓުވައި މައިތިރި ކުރުމަށްޓަކައި ސަރުކާރަށް ލިބިފައިމިވާ ފުރުޞަތަކީ އެންމެ ފަހު ފުރުޞަތުގައި ކަމުގައިވެ، މިފުރުޞަތުގެ ބޭނުން ނުހިފި ކަމުގެ ޒިންމާއަށް ހަވާލުވާން ޖެހި، ދުނިޔެއާއި އާޚިރަތުގެއި  ތާއަބަދީ ނިކަމެތިކަމަށް ހުށައެޅިގެން ދިއުމަކީ ނުހަނު ގާތް ކަމެއް ކަމުގައިވެސް ރައްޔިތުންގެ އިއްތިޙާދުގެ ފަރާތުން ހަނދުމަކޮށްދޭ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: