ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން “އީޖާދީ މަންސަ”އިގެ ނަމުގައި ޚާއްސަ މުބާރާތެއް ފަށައިފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި ތަރައްގީކުރުމަށްޓަކައި އެޗްޑީސީއިން ކުރިއަށްގެންދާ މުބާރާތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްމާއިލެވެ.
މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި ފުޅާކޮށް، އީޖާދީ ޚިޔާލުތަކާއި ޚިދުމަތްތައް ފުޅާކުރުމަށް ފަހި މާހައުލެއް ފޯރުކޯށްދިނުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. އަދި ހުޅުމާލޭ ތަރައްގީވެގެންދާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު ހުޅުމާލެ ތަރައްގީވުން، މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ހިމެނެއެވެ.
މުބާރާތް ކުރިއަށްގެންދަނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަންނު، ކާބޯތަކެތި، ދުޅަހެޔޮ، ވައްޓަފާޅި އަދި ޚިދުމަތް، މި ފަސް ކެޓަގަރީއެވެ. މިކެޓަގަރީތަކުގެ ދަށުން ބައިވެރިވާން ބޭނުންވާ މީހުންނަށް އެޗްޑީސީގެ “އީޖާދީ މަންސަ”އިގެ މުބާރާތުގެ ގައިޑްލައިންއިން ލިބެން ހުންނާނެއެވެ.
މި މުބާރާތުގެ ބައިވެރިންގެ ތެރެއިން، ކޮންމެ ކެޓަގަރީއަކުން 1 ވަނަ އަދި 2 ވަނަ ހޮވޭ ޖުމްލަ 10 މީހުންނަށް އިނާމެއްގެ ގޮތުގައި އެއްވެސް ކުއްޔަކާ ނުލައި، އެޗްޑީސީން ކަނޑައަޅައި ވަކި މުއްދަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި “ހިޔާ” މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ފުލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން 1 ވަނައަށް ހޮވޭ މީހުންނަށް ހަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލައި 1 އަހަރުދުވަހުގެ މުއްދަތަށް ހަވާލު ކުރެވޭ ޔުނިޓުތަކެއްކަމަށް ގައިޑްލައިންގައިވެއެވެ. އަދި 2 ވަނައަށް ހޮވޭ މީހުންނަށް ހަވާލުކުރެވޭ ޔުނިޓުތަކަކީ، އެއްވެސް ކުއްޔަކާ ނުލައި 6 މަސްދުވަހުގެ މުއްދަތަށް ހަވާލު ކުރެވޭ ޔުނިޓުތަކެކެވެ.
މިމުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ޒުވާނުންނަށް އެކަންޏެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު އޮންލައިންކޮށް ލިބެން ހުންނާނެއެވެ.