ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުން ހީކުރަނީ ބަޖެޓުގައި ޖަހާލާ އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބްރައީސް މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައި ޖަހާލާ ކޮންމެ އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އެމްޑީޕީ މެމްބަރުންނަށް ހީވާކަމަށްވިދާޅުވެ އެމްޑީޕީ މެމްބަރުންނަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބްރައީސް މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.

ބަޖެޓު ކޮމެޓީއިން ބަޖެޓު ފާސްވެގެން އައި ގޮތަށް ފާޑު ވިދާޅުވެ ސައީދު ވިދާޅުވީ ބަޖެޓު ފުރަތަމަ މަޖިލީހަށް ހުށައެޅިގެން އައިއިރު، އެމްޑީޕީ މެމްބަރުންވެސް އަދި ޚާއްސަކޮށް އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ވަކި ފެކްޝަނަކަށް ނިސްބަތްވާ މެމްބަރުން ބަޖެޓުގެ ދަރަނި ބޮޑުކަމުގެ ވާހަކަތައް ދެއްކެވި ކަމަށެވެ.

އެގޮތުން އޭރު 34.7 ބިލިއަން ރުފިޔާގެ އަދި 15 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ހުށައެޅުއްވިއިރު، މާލީ ހުރިހާ އިދާރާއަކުންވެސް އިރުޝާދު ދެމުންދިޔައީ އެގޮތަށް ކަންތައް ނުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އޭގެ އަނެއްދުވަހު ހޯރަފުށި އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން  ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް މިއީ ހަމަ އެންމެ ރަނގަޅު، އެންމެ އެކަށީގެންވާ ބަޖެޓެއްކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް ވަނީ ފާޑު ވިދާޅުވެފައެވެ.

އަދި އޭގެ އިރުކޮޅެއްފަހުން މުޅި މަޖިލިސް އެލާޓަށް އައިސް، ބަޖެޓު ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ބަޖެޓަށް އާޓިފިޝަލް އިންކްރިމެންޓެއް ގެނައުމަށްފަހު ވަރަށް މޮޅު ހައްލެއް ގެނެސްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި 4 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް ބަޖެޓު ފޮރުގައި ޖެހުމަށްފަހު، މިހާރު އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް އެތިއްބެވީ އަންނަ އަހަރު ބަޖެޓު ފޮތުގައި ޖަހާފައިވާ އަދަދަށް އާމްދަނީ ލިބޭނެކަމަށް ގަބޫލުކުރައްވައިގެންކަމަސް ވިދާޅުވިއެވެ. އަދި މިއަށްވުރެ ބޮޑު މުއުޖިޒާތެއް ކޮބައިތޯ ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.

ޓުއަރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދަައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ އުތުރުން ދެކުނަށް ބަލާއިރު އުފެއްދުންތެރިކަމުގެ ނިސްބަތް 0.5 އިންސައްތައަށްވެސް ނާރާ ކަމަށެވެ. ފަތުރުވެރިކަން ފުޅާ ކުރަން ބޭނުންވާ ކަމުގައިވާނަމަ، ރާއްޖޭގެ އެކި ރަށްތަކުން އެހެނިހެން ގައުމުތަކަށް ޑައިރެކްޓް ފްލައިޓްތައް އޮަޕރޭޓްކުރަން ފަށަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަންކަން ނުވާ ސަބަބަކީ ފާސްކުރަމުންދާ ތާކުންތާކު ނުޖެހޭ ގާނޫނުތަކާއި ގަވާއިދުތައްކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި މައްސަލަތައް ނިންމާއިރު، ސިނާއަތާއި ގުޅުންހުރި ސްޓެކްހޯލްޑަރުންގެ ޚިޔާލު ހޯދުން މުހިންމުކަމަށް ސައީދު ވިދާޅުވިއެވެ. އަދި ކަންކަން ނުވާ ސަބަބުތަކަށް އަލިއަޅުއްވާލައްވައި ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި އިގްތިސާދާއި ގުޅުންހުރި ދެ މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ މިނިސްޓްރީއަކާއި، ދަނޑުވެރިކަމުގެ މިނިސްޓްރީއެއް ހުރިއިރު، އެއްވެސް ކަމެއް ނުވާ ސަބަބަކީ އެމްޑީޕީގެ ނާގާބިލުކަން ކަމަށެވެ. އަދި މައިގަނޑު ދެސިނާއަތް ބަލަހައްޓަމުންދާ ފިޝަރީޒް އަދި ޓުއަރިޒްމް މިނިސްޓްރީ އެމްޑީޕީ އަތުގައި ނެތި، އެމްއާރުއެމް އަދި ޖޭޕީގެ އަތުގައި އޮތުމަކީވެސް އެމްޑީޕީގެ ނާގާބިލުކަންކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: