ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސްނުމަކީ ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދިނުން: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުރުމަށްވުރެ، މިވަގުތު ވިސްނުންހުރީ ދައުރުހަމަވުމުގެ ކުރިން އިސްތިއުފާ ދިނުމަށްފަހު އެހެންދިމާލަކަށް ދިޔުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން މަސައްކަތްކުރި ދުވަސްވަރު ވެސް އިންތިޚާބު ނިމުމާއެކު، ދައުރު ހަމަވުމުގެ ކުރިން ކޮމިޝަނުން އިސްތިއުފާ ދިނުމަށްފަހު އެހެންދިމާލަކަށް މަސައްކަތްތައް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި އަދި މިހާރު ވެސް ގެންގުޅެނީ އެ ވިސްނުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު މިހާބޮޑަށް ދިގުދެމިގެން ދިޔުމުން، އިސްތިއުފާ ދެއްވާނީ އިންތިޚާބު ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ޝަރީފްގެ ދައުރު ހަމަވަނީ 2023 ވަނަ އަހަރުއެވެ. ނަމަވެސް ޝަރީފް ވިދާޅުވީ ދައުރު ފުރިހަމަ ކުރުމަށްޓަކައި ކޮމިޝަން މެންބަރެއްގެ ގޮތުގައި ހުރުމަށް އޭނާ ބޭނުމެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް އަލަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ކޮމިޝަނުގެ މެންބަރަކަށްވެ ހުރެ، ވަރަށް ގިނަ ކަންކަން ކުރުމަށް ހުރަސް އެޅިގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކޮމިޝަނުގެ މެންބަރުންނަށް އާމްދަނީ ހޯދުމަށާއި އެހެނިހެން ކަންކަމަށްވެސް ވަރަށް ބޮޑެތި ހުރަސްތައް ހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އަލަށް ގެންނަ އިސްލާހުތަކުގެ ސަބަބުން، އާއިލާގެ މީހަކު ކުރާ ވިޔަފާރިއެއްގައިވެސް ބައިވެރިއެއް ނުވެވެއެވެ. އަދި ދިރިއުޅުނުން ބައްޓަން ކުރަންޖެހެނީ ހަމައެކަނި ކޮމިޝަނުން މެންބަރުންނަށް ކަނޑައަޅާފައިވާ މުސާރައިން ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުގެ ދެ ކަމެއް އެބައޮތް، މިހާރު ޤާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ވަރަށް ގިނަ ހުރަސްތައް އެބަހުރި، ދިރިއުޅުން ބައްޓަންކުރަން އާއިލާ ބަޔަކާއި ގުޅިގެން ވިޔަފާރިއެއްވެސް ނުކުރެވޭ، އަނެއްކާ އަޅުގަނޑުގެ އަންހެނުން ވިޔަފާރިއެއް ކުރަންޏާއި އެކަމަށްވެސް އެހީތެރިއެއް ނުވެވޭ، ދެ ވަނަ ކަމަކީ އަޅުގަނޑު އަދި ބޭނުންވޭ ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާން” ޝަރީފް

ޝަރީފް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަންކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަރީފް ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރައްވަން ރުހުން ދިނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން އޭރުގެ އިދިކޮޅު ޕާޓީތަކުން ވެސް ޝަރީފަށް އިންތިހާ އަށް ފާޑުކިއުން އަމާޒުކުރި އެވެ. ޝަރީފަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން މިނިވަންކަންމަތީ މަސައްކަތް ކުރާނެ ކަމަށް ގަބޫލް ނުކުރާ ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީނާއި ޕީޕީއެމްގެ ފުރިހަމަ އިތުބާރު ޝަރީފަށް އޮތެވެ. އެއީ، ރައީސް ޔާމީންގެ ޒަމާންވީ އެކުވެރިއަކަށް ވުމާއި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވަން، ޝަރީފް މަސައްކަތް ކޮށްދެއްވާފައިވާތީ އެވެ. އެކަމަކު އިންތިޚާބުން ރައީސް ޔާމީން ބަލިވުމާ އެކު ރައީސް ޔާމީނާއި ޕީޕީއެމުން ވެސް ތުހުމަތުގެ އިނގިލި ދިއްކުރީ ޝަރީފަށެވެ.

ވަރަށް ގަދަ
9%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 18%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: