ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ ކާމިޔާބު އަހަރާއި އެކު، އަމާޒަކީ ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން: މުޣުނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ 2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަދި ގިނަކަންކަން ހާސިލް ކުރެވުނު އަހަރެއްކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ އެގޮތަށް ވިދާޅުވީ، މިފެށުނު 2021 ވަނަ އަހަރު ފުރަތަމަ މަސައްކަތު ދުވަހު ސްޓެލްކޯގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ލައިވް ސްޓްރީމް މެދުވެރިކޮށް ކުންފުނިން ބަލަހައްޓަމުން ގެންދާ އިންޖީނުގެއެއްގެ މުވައްޒަފުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މުޣުނީ ވިދާޅުވީ، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު ސްޓެލްކޯގެ މަސައްކަތްތަކުގެ މައްޗަށް ނަޒަރު ހިންގާ ބަލާލަން ޖެހޭ ކަމަށާއި، އަދި ކުރިއަށް ކަނޑައަޅަންވާ މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަނެ، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭކަމަށެވެ. އަދި ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ނިމިދިޔަ އަހަރަކީ ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، ކޮވިޑް-19 ގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި އެކު ހިދުމަތްތަކަށް އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށެވެ. އަދި އެގޮތުގެ މަތީން ސްޓްކެކޯގެ އިމާރާތުގައި 220 މުވައްޒަފުން ފުރަބަންދު ވެ، އާއިލާއާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި މުޣުނީ ފާހަގަކުރެއްވިއެވެ.

ލޮކްޑައުންގެ މުއްދަތުގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ފަރަތުން ފެނިގެން ދިޔައީ ގައުމީ ހިތްވަރާއި، ކުންފުންޏާއި މެދު އޮތް އިހުލާސްތެރިކަމުގެ ނަތީޖާއެއްކަމަށް މުޣުނީ ވިދާޅުވިއެވެ. މުޣުނީ ވަނީ ރާއްޖޭގެ ރަށްތަކުގައި ސްޓެލްކޯގެ ސަޕޯޓިން މަސައްކަތްތަކާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގައި މަސައްކަތް ކުރި މުވައްޒަފުންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

“ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ NEOC ގެ އެކި ހިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ކަން މި ފާހަގަ ކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރި ވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައި ވާނެ” މުޣުނީ

މީގެ އިތުރުން އެ އުދަނގޫ ދަނޑިވަޅުގައި ކަރަންޓު މެދު ނުކެނޑި ފޯރުކޮށްދިނުމާއި، ވޮލަންޓިއަރ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވަރ ހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ “ޕީކް” ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި،ހިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިންވެސް ލިޔެވިގެން ދާނެ ފަހުރުވެރި މަސައްކަތްތައް ކަން ފާހަގަ ކުރާ ކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ވާ “ފިފްތް ޕަވަރ މަޝްރޫއު” އާއި “އިންޓަރ ކަނެކްޝަން” މަޝްރޫއު މަސައްކަތް ވެސް ނުހުއްޓި އެ ހާލަތުގައި ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފަ އެވެ.

“ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާ ކުރުމާއި ސޯލާގެ ވިޔަފާރި ފުޅާ ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް “ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް” ގެ ނަމުގައި ނިމުނު އަހަރު އެންމެ ފަހު މަސައްކަތް ދުވަހު ލޯންޗް ކުރުމާއެކު، މިއީ މި ސިނާއަތަށް މި ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް. އަދި މިއީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، ސްޓެލްކޯގެ ހިދުމަތުގެ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގައުމީ ޖަލްސާއަށް ވަޑައިގެން މި ސިނާއަތުގައި އަމިއްލަ އުފެއްދުމާއި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ކުރެއްވި އުއްމީދު ހަގީގަތަށް ހެދުމަށް ކުރެވިގެން ދިޔަ ވަރަށް ފަންނުވެރި އަދި ބިނާ ކުރަނިވި މަސައްކަތެއް” މުޣުނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާގޮތަށް މި ފެށުނު އާ އަހަރަކީ ގައުމު އާރަސްތުކުރުމުގެ އަހަރުކަމަށް ވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ އަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އައު ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި، ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުންކަމުގައި މުޢުނީ ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: