ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަދީމްގެ މަރުގެ މައްސަލައިގައި ކޯޓުން ދޫކުރި ކުއްޖާ އަނެއްކާވެސް ބަންދަށް!

ޓާމިނަލް ކެފޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި ނަދީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2017 ގައި ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގައި ހައްޔަރުކުރި އޭރު 18 އަހަރު ނުވާ ކުއްޖާގެ މައްސަލަ އަލުން ބަލަން ފަށައި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ނަދީމް މަރާލީ ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު އޭނާ ޓާމިނަލް ކެފޭ ތެރޭގައި، އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނަށް އައިސް އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ އެވެ.

ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެ އެވެ. ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންކަމަށް ދައުލަތުން ބުނެފައި ވެއެވެ.

އެ ހަތަރު މީހުންގެ އިތުރުން، ތަހުގީގު މަރުހަލާ ކުރިޔަށް ދިޔައިރު 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ. އެ މައްސަލަ ކުރިޔަށް ގެންދިޔައީ ޖުވެނަލް ކޯޓުންނެވެ. އަދި މިހާރު 18 އަހަރު ވެފައިވާ އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ވަނިކޮށެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން އެންގީ، ހައިކޯޓުގެ ހުކުމުގައި ފާހަގަކުރި ކަންކަމަށް ރިއާއަތްކޮށް، ޖުވެނައިލް ކޯޓުން އަލުން ބަންދާ މެދު ގޮތެއް ނިންމުމަށެވެ.

ބަންދާއި މެދު ގޮތެއް ކަނޑައަޅަން ދައުލަތުން އެދިފައި ވަނިކޮށް ދައުވާ، ފަހުން ކޯޓުން ބޭރުކޮށްލާފައި ވަނީ، ދައުވާ ކުރީ މުއްދަތު ހަމަވީ ފަހުން ކަމަށް ބުނެއެވެ. ދައުލަތުން ވަނީ ހައިކޯޓުގައި ވެސް އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ހުކުމް ކުރީ ޖުވެނައިލް ކޯޓުން މައްސަލަ އަލުން ބަލަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހޭ ކަމަށް ހުކުމް ކުރިއެވެ.

ހައިކޯޓުގެ އެންގުމާއި އެއްގޮތަށް ޖުވެނައިލް ކޯޓުގައި އޭނާގެ މައްސަލަ ވަނީ އަލުން ބަލަން ފަށާފައެވެ. އަދި ދައުލަތުން އެދިފައިވާ ގޮތަށް، މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ އަނެއް ހަތަރު މީހުންގެ، މައްސަލަ މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގަ އެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ދިޔައީ ތިން ސައިކަލެއްގައި ކަމަށާއި، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބަޔާން ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ނަދީމަށް ހަމަލާ ދިނުމަށް ފަހު ތިން ސައިކަލްގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ނަދީމަށް ހަމަލާ ދޭން ވަން މަފާޒް އާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައި ކަމަށް ބުނެފައި ވެއެވެ.

މައްސަލައިގައި ބުނެފައިވަނީ ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12 ގައި ނަދީމް މަރުވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: