ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަދީމްގެ މަރު: ކުށް ސާބިތު ނުވެ ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ!

ނަދީމް މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގެ ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.

ޖުލައި، 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން، ހުކުމް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. ދެން ތިބި ތިން މީހުންނަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ.

ނަދީމަށް ހަމަލާ ދީ މަރާލި މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން ކޯޓުގައި ދިގުދެމިގެން ދިއުމަށް ފަހު މައްސަލައިގެ ހުކުމާއި ހަމައަށް އާދެވި އެންމެ ފަހުން ހެކިވެރިން އެ މީހުންގެ ހެކި ބަސް އަނބުރާ ގެންދިޔަ އެވެ. ހެކިވެރިން ހެކިބަސް އަނބުރާ ގެންދިޔަ ސަބަބެއްކަމަށް ކޯޓަށް ފޮނުވި ސިޓީގައި ބުނީ ނަދީމަށް ހަމަލާ ދިން މީހުން ޔަގީން ނުވުމާއި އެއީ ދޮގު ހެކިބަސްކަމަށް ބުނެ އެވެ.

ހެކި ބަސް އަނބުރާ ގެންދިޔައީ ދެ ސިއްރު ހެކިވެރިންނެވެ. އެ މީހުންގެ ހެކި ބަހުގައި ފުރަތަމަ ބުނީ ހާދިސާ ހިނގި މަންޒަރު ސާފުކޮށް ފެނުނު ކަމަށެވެ. މަފާޒާއި ދެކޮޅަށް ހެކި ބަސް ދީ އެ މީހުން ބުނެފައި ވަނީ، ނަދީމަށް ހަމަލާ ދިން ވަގުތު އޭނާ ހުރީ މޫނު ފޮރުވައިގެން ނަމަވެސް ހާދިސާގެ ތެރޭގައި އެ ފޮތިގަނޑު ވެއްޓުނުކަމަށާއި އެ ވަގުތު މޫނު ފެނިފައިވާކަމަށެވެ. ފަހުން ފޮނުވި ސިޓީގައި ބުނީ، އެއީ ހީވި ހީވުމެއްގެ މައްޗަށް ދިން ހެކިބަސް ކަމަށެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ، ހެކި ބަސް ބަދަލު ކުރުމަށް ބައެއް މީހުންގެ ސިޓީތައް ލިބިފައިވާއިރު އެއާއި މެދު ސުވާލުތަކެއް އުފެދިފައިވާކަމަށެވެ. އެހެންވެ، ކޯޓުން ނިންމީ ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްވި ހުކުމުގައި ބުނެފައި ވަނީ ނަދީމަށް ހަމަލާދީފައި ވަނީ ގަސްތުގައި މަރާލުމުގެ ނިޔަތް އޮވެގެންކަން ސާބިތުވާކަމަށެވެ. އަދި ނަދީމްގެ ބޮލަށް ހަމަލާ ދިނީ މަފާޒުކަމަށް ދައުވާގައި ބުނާއިރު ސިޓީތަކާއި ގުޅިގެން، އުފެދޭ ޝައްކުތައް ފިލުވައިނުލެވޭކަމަށް ހުކުމުގައި ވެއެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމި ނަމަވެސް، އަދި މައްސަލަ ކޯޓަށް ހުށަހަޅާފައި ނުވެ އެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. ތިން ސައިކަލެއްގައި އެ ސަރަހައްދަށް ގޮސް، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ތުހުމަތު ކުރި އެވެ. އަދި ޓާމިނަލް ކެފޭއަށް ނަދީމަށް ހަމަލާ ދޭން ވަން މަފާޒް އާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައިކަމަށް ބުންޏެވެ.

މައްސަލައިގައި ބުނެފައިވަނީ ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 05:12 ގައި ނަދީމް މަރުވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: