ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަދީމްގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ!

ޓާމިނަލް ކެފޭގައި ތޫނު އެއްޗަކުން ހަމަލާދީ، މަރާލި ނަދީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލައިގެ ހުކުމް ކުރުން ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ތޫނު އެއްޗެހިން ހަމަލާދީ ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެ އެވެ.

ދެން ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން އެ މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ. ތިން މީހުންގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލާނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިއިރު، ބައެއް ހެކިންތައް ހާޒިރު ކުރުމުގައި ދަތިތަކެއް ދިމާވި އެވެ. ސިއްރު ހެކިން ހާޒިރު ނުކުރެވިގެން ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށް ތިން ފަހަރެއްގެ މަތީން ކެންސަލް ކުރަން ޖެހުނެވެ.

މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައި ވަނީ މާދަމާގެ މެންދުރުފަހު 03:00 އަށެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުގެ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ހުއްޓައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިޔަށް ދިޔަ ކަމަށެވެ. އަދި އެ މީހުން ދިޔައީ ތިން ސައިކަލެއްގައި ކަމަށާއި، އޭގެ ތެރެއިން ޓާމިނަލް ކެފޭ ތެރެއަށް ވެދެ ނަދީމަށް ހަމަލާދީފައި ވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބަޔާން ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ނަދީމަށް ހަމަލާ ދިނުމަށް ފަހު ތިން ސައިކަލްގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ނަދީމަށް ހަމަލާ ދޭން ވަން މަފާޒް އާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގައި ކަމަށް ބުނެފައި ވެއެވެ.

މައްސަލައިގައި ބުނެފައިވަނީ ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 05:12 ގައި ނަދީމް މަރުވެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: