ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ފުރުވާލުމަށްފަހު ދެނަހުރިކަމަށް ވެސް ނުހެދި!

ޖީންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކިކޮށްފައިވާ އަލީ ވަހީދާއި، ރައީސް ސޯލިހު އަދި ރައީސް ނަޝީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މައިދާނުގައި އަޑުގަދަ ދުވަސްވަރެއްގައި، އަލީ ވަހީދުގެ ތަރި އޮއްސުނީ އެރި އިރާއި އެކު އެވެ. ކޮވިޑު-19 ގެ ދުވަސްވަރު، މާލޭގެ ހާލަތު އެންމެ ގޯސްވެފައިވާ ދަނޑިވަޅެއްގައި އޭރުގެ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި، ޖެންޑާރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކާއި ހެދި އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާކަމަށް ހޫދު ވިދާޅުވެފައި ވެއެވެ.

މި މައްސަލައާއި އެކު މީޑިއާތަކުން އަވަސްވެގަތީ، އަލީ ވަހީދާއި މެދު ހުށަހެޅުނު މައްސަލަ ދެނެގަތުމަށެވެ. އަދި އެ ވަގުތު ސޯޝަލް މީޑިއާގައި ޓޫރިޒަމް މިނިސްޓްރީގެ ބައެއް އިސްވެރިންނާއި، ބައެއް މުވައްޒަފުން އަލީ ވަހީދަށް އަމާޒުކޮށް ޓްވީޓުތަކެއް ކުރިއެވެ. އަދި ޔަގީން ވީ އަލީ ވަހީދުގެ މައްޗަށް ކުރެވެނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކަމެވެ.

އޭގެ ދުވަސްތަކެއް ކުރިން އަލީ ވަހީދު ދައުލަތުގެ ވަޒީރުންނާއި ބެހޭގޮތުން ބޭއަދަބީކޮށް ވާހަކަދައްކަވާ އޯޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ލީކު ކުރިއެވެ. ސިލްސިލާ އެޕިސޯޑުތަކެއްހެން އައި އެ އޯޑިއޯތަކުގައި އަލީ ވަހީދު ވަނީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް އަމާޒު ކުރައްވާ ހުތުރު ބަހުން މުއާމަލާތް ކުރައްވާފައެވެ. އެ މައްސަލަތައް ބަލައި ތަހުގީގުތަކެއް ކުރަން ގޮވާލަމުން ދިޔަ ނަމަވެސް، އެކަމަށް މާ ބޮޑު ސަމާލުކަމެއް ސަރުކާރުން ނުދެއެވެ. ފިލްމް ސީރީސްއެއްހެން ލީކުވީ އެ އެޕިސޯޑުތަކުން ފެނިގެން ދިއައީ އަލީ ވަހީދުގެ އަސްލު ސިފަކަމަށް ބައެއް މީހުން ދެކެއެވެ. ކޮރަަޕްޝަންގެ ބޮޑު ސައްލާތަކުން ފެށިގެން، ތިމާ މީހާގެ “ގަދަ” ކަމުގެ ވާހަކައިން އެންމެފަހުން ސަފާރީތަކަށް “ކުދިންކޮޅެއް” ގޮވައިގެން ޕާޓީކޮށްލަން ދާ ވާހަކަތައް އޭގައި ދައްކަވައެވެ.

ދިވެހި ރާއްޖޭގެ ވަޒީރެއްގެ ފަރާތުން މިފަދަ ހުތުރު ހަޑި މަންޒަރެއް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެނގި ހާމަވީ ކަމަކީ، ފުރައްސާރައިގެ ވާހަކައާއި، ކޮރަޕްޝަންގެ ވާހަކަ އަދި އަނެކާގެ “ސިޔާސަތުގެ” ގޯސްކަމުގެ ވާހަކައިގެ ސައްލާ މޭޒަކަށް ވީ އޭރު އަލީ ވަހީދުގެ ކޮޓަރިކޮޅުކަމެވެ. އޭގައި އޭނާ ދެއްކެވި ވާހަކަތައް އަޑުއަހަން ކިތަންމެހާވެސް އުނދަގުލެވެ. އެ އޯޑިއޯތަކަކީ މީޑިއާއަކަށް އާއްމުންނާއި ހަމައަށް ގެނެސްދެވޭ ވަރަށް ވުރެ ދަށު ދަރަޖައިގެ ވާހަކަތައް ދައްކާ އޯޑިއޯތަކެކެވެ.

އަލީ ވަހީދާއި ގުޅޭ ޝަކުވާތައް ރައީސް ސޯލިހުއަށް ހުށަހެޅުމާއި އެކު ނުހަނު ބާރު މިނުގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅުއްވިއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވަން އެނގެވިއެވެ. ގަދަ ބާރު ދައްކައި، އަލީ ވަހީދު އިސްތިއުފާ ދޭން ދެކޮޅު ހެދުމާއި އެކު އަލީ ވަހީދު މަގާމުން ދުރު ކުރިއެވެ. މިހުރިހާކަމަކަށް ވެސް އަލީ ވަހީދަށް ދެންނެވުނީ، “އެއީ އަބުރު ކަތިލުން” ކަމަށެވެ. “އަޒުމެއް ނުގުޑާނެ” ކަމަށް ބުނެ އަޑަށް ބާރުލިއެވެ.

އަލީ ވަހީދަކާއި އެހެން އެހެން “ނުކުޅެވޭނެ” މިހެން ބުނާތީ ވެސް މީގެ ކުރިން އަޑުއެހީމެވެ. އެކަން މިއަދު ސާފެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކުގައި 07 ދައުވާއެއް އުފުލާފައިވާ މީހެއްގެ ޕާސްޕޯޓު ކޯޓުން ދޫކުރުމާއި އެކު އޭނާ ފުރައިގެން ދިޔަކަން އެނގުނީ މީޑިއާތަށް މެދުވެރިކޮށްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

ދައުވާތަކުގެ އަޑުއެހުން ކޯޓުގައި ފެށިތައް މާ ގިނަ ދުވަހެއް ނުވަނީސް، ބަލި ހާލަތު ގޯސްކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އަލީ ވަހީދު އެދިވަޑައިގަތެވެ. އަދި އެއާއި އެގޮތަށް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރީ ޑޮކްޓަރުންގެ ލިޔެކިއުންތަކަށް ރިއާޔަތް ކުރުމަށްފަހު އެވެ.

އަލީ ވަހީދާއި ގުޅޭގޮތުން އޭގެ ފަހުން ދެން ބައެއް ސިޔާސީ ބޭފުޅުން ދެއްކެވި ވާހަކަތަކަށް ބަލާލުން މުހިންމެވެ. މައްސަލައިގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ “އެކި މީހުންނާއި މެދު އަމަލު ކުރަނީ އެކި ގޮތަށް” ކަމަށެވެ. އަދި ޖިންސީ އަނިޔާތަކާއި ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އުފުލި ދައުވާތަކާއި އަލީ ވަހީދުގެ މައްސަލައާއި އަޅާ ކިޔުއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ބޮޑު ދައުވާއެއް އުފުލުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަލީ ވަހީދުގެ ބަޔާން ވެސް ވިދާޅުވެފައިވާނެ ކަމަށާއި، އެ ބަޔާން ބެއްލެވުމަށްފަހު “އަޖައިބުވެފައި” ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑު ދައުވާއެއް ކުރާ ކަމީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. މާބޮޑަށް އެކި މީހުންނަށް އެކި ގޮތް ހަދާތަން ފެންނަނީ. ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެން މީހާ މަރާލި މީހާއަށް ވެސް ކުރި ދެ ދައުވާ. އެހެން ކިތަންމެ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް އެބަ ދޫކޮށްލާ،” ރައީސް ނަޝީދު

އޭގެ ފަހުން ރައީސް ސޯލިހު ރާއްޖޭގެ ޕްރައިވެޓު މީޑިއާއެއްކަމަށްވާ “ރާއްޖެ ޓީވީ” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ ގޮތުން ކުރިމަގެއް އޮތް ބޭފުޅެއް ކަމަށެވެ. އަދި އަލީ ވަހީދަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަލީ ވަހީދާއި މެދު އަބަދުވެސް އެދެނީ ރަނގަޅަށް ކަންތައް ހިނގުމަށް ކަމަށާއި، އަލީ ވަހީދަކީ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކަށްވުމާއި އެކު އޭނާ ބޭނުންވާ ގޮތަކަށ ދާއިރާއިން ކުރިޔަށް ދިއުމުގެ ފުރުސަތު އޭނާއަށް ހޯދައިދިނުން އެއީ އެނމެން ވެސް ކުރާނެ މަސައްކަތެއް ކަމަށް ރައީ ސޯލިހު ވިދާޅުވިއެވެ. އަލީ ވަހީދާއި މެދު ރައީސް ސޯލިހު ގެންގުޅުވި ބަސްމަގުން ވެސް، ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މީހަކާއި މެދު ސަރުކާރުން ދެކޭ ގޮތް ވަރަށް ބޮޑަށް ސާފުވިއެވެ.

އެއީ އޭރު ރައީސް އެ މައްސަލަ ނެންގެވި ގޮތެވެ. އޭގެ ހަތަރު މަސް ފަހުން އެ މަނިކުފާނު އަލީ ވަހީދާ މެދު އިއްވެވީ ތައުރީފާއި ހެޔޮއެދުމުގެ ބަސްތަކެވެ. ދެއްވީ އަލީ ވަހީދު ބޭނުން ގޮތަކަށް ސިޔާސީ ގޮތުން ކުރިއަށް ދާން ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.

“އަޅުގަނޑު އަބަދުވެސް އަލީ ވަހީދަށް ރަނގަޅު ގޮތްތައް އެދެން. އަލީ ވަހީދަކީ ސިޔާސީ މުސްތަގުބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓީޝަނެއް. އެހެންވީމާ އަލީ ވަހީދުގެ މުސްތަގުބަލު އަލީ ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެން ވެސް ހަމަ، ކުރާނެ ކަމެއް،” ރައީސް

ރައީސްގެ އެ ވާހަކަފުޅު ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ، އަލީ ވަހީދު ފުރުމަށް ދިން ފުރުސަތަށް ފަހު އެވެ. އަދި އެ ވާހަކަތަކަށް އަމާޒުވި ފާޑުކިއުންތަކުގައި ގިނަ މީހުން ދެކުނު ގޮތުން، މިއީ ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތަކާއި، އެފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހުންނާއި މެދު ސަރުކާރެއްގެ ވިސްނުން ހުންނަ ގޮތެވެ.

ކްރިމިނަލް ކޯޓުގައި އަލީ ވަހީދާއި ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހެޅި އެވެ. ޖިންސީ ގޯނާގެ މައްސަލަތަކަކީ ސިއްރުން ކުރިޔަށް ގެންދާ އަޑުއެހުންތަކެއް ކަމުން މައްސަލައިގައި ދެކެވުނު ވާހަކަތަކާއި އަދި ހެއްކާއި ބެހޭ މާބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް، އެ ދުވަހު އަލީ ވަހީދު ވެސް ވަނީ ދިފާއަށް ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދިފައެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުމެއްގައި ފިފާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެކަމަށް މައްސަލަ ބެއްލެވި ގާޒީ ވިދާޅުވެފައިވެއެވެ.

މި މައްސަލަ ކުރިޔަށް ގެންދިޔަ އިރު، އަލީ ވަހީދުގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައެވެ. ބޭސްފަރުވާއަށް ދާން ބޭނުންވާކަމަށް ޝަރީއަތުގައި އެދުވަހު ވާހަކަ ދެކެވިފައި ނުވެއެވެ.

ޖިންސީ އަނިޔާ ކުރުމާއި ގޯނާ ކުރުމާއި ރޭޕްކުރަން އުޅުން ހިމެނޭ ގޮތަށް އަލީ ވަހީދުގެ މައްޗަށް ކުރި ހަތް ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފެށި އެވެ. އަލީ ވަހީދު ދައުވާތަކަށް އިންކާރުކުރެއްވުމުން ދައުލަތުން ހެކި ހުށަހެޅި އެވެ. ދިފާއުގައި ހެކި ހުށަހަޅަން ކޯޓުން އަލީ ވަހީދަށް ފުރުސަތުދިނެވެ. އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ކުރިންސުރެ ނެރެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ.

މައްސަލަ ގޯސްވީ ހިސާބަކީ، ކުއްލިއަކަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު އަލީ ވަހީދުގެ ފުރުމުގެ އަމުރު ބާތިލުކޮށް، އޭނާއަށް ފުރަން ފުރުސަތު ދިނުމާއި ހަމައިންނެވެ. އެ ނިންމުން ނިންމަން، ކަށީގެ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ހާޒިރު ކުރުމުން އޭނާ ވެސް ވިދާޅުވީ، އަލީ ވަހީދުގެ ފަރުވާއަށް ކޮންމެހެން ވެސް ބޭރަށް ދާންޖެހޭ ކަމަށެވެ.

މި އަމުރު ނެރުނީ، ދައުލަތުން ވެސް އެކަމަށް އިއުތިރާޒު ނުކުރާތީކަމަށް ކޯޓުން މީޑިއާތަކަށް މައުލޫމާތު ދިނެވެ. އަދި އަލީ ވަހީދާއި އެކު ޖާމިނުވާނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަލީ ވަހީދާއި ގާތް ގުޅުމެއް އޮންނަ އައްސަދު އަލީ (އަޑުބަރޭ) ކަމަށް ބުނުމުން ވެސް ދައުލަތުން އެކަމަށް ސުވާލު ނުކުރެއެވެ.

މި މައްސަލައިގައި ފާޑުކިއުންތަކަށް އޭގެ ޖެހިގެން އައި ދުވަހު ބަޔާނެއް ނެރެ، ޕީޖީން ބުނީ އަލީ ވަހީދަކީ ފިލާފާނެކަމަށް “ބެލެވޭ” މީހަކަށް ވާތީ އެކަމަށް ދެކޮޅު ހެދި ކަމަށެވެ. އަދި ދައުލަތުން އެދުނީ ކުރު މުއްދަތެއްގެ ޓްރެވެލަ ޑޮކިއުމަންޓެއް ދޫކުރުމަށެވެ. މިއީ އަލަށް ރާއްޖޭގައި ހިނގި ކަމެއް ނޫނެވެ. ޕާސްޕޯޓު ދޫކުރުމުން އެތައް ތުހުމަތުތަކެއް ކުރެވިފައިތިބި ބަޔަކު ފުރައިގެން ގޮސްފައި ވެއެވެ.

މި މައްސަލައިގައި އަތަށް ބާރުލައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ޓްވީޓުތަކެއް ކުރެއްވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޝަމީމް ވިދާޅުވީ، އަލީ ވަހީދު ފުރިކަމަށް ބެލެވެނީ މި މަހުގެ 09 އެގައިކަމުން އެކަން ކަށަވަރުުކުރުމަށްޓަކާ އިމިގްރޭޝަނަށް ސިޓީއެއް ހުށަހެޅިކަމަށެވެ. އިމިގްރޭޝަނުން ފޮނުވި ސިޓީގެ ޖަވާބުގައިވާގޮތުން އަލީ ވަހީދު ފުރީ މި މަހުގެ 09 ގައި، ތުރުކީގެ ޓާކިޝް އެއާލައިނުން އެރޭ 11:09 އެއްގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބުރުއަރީ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލީ 10 ވަނަ ދުވަހު ކަމަށް އަމުރުގައި އޮތަސް، ނުވަ ވަނަ ދުވަހުގެ ރޭ އަލީ ވަހީދު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. ކޯޓު އަމުރުގައި 10 ފެބުރުއަރީ އޮތް ނަމަވެސް ޕީޖީ ވިދާޅުވީ އައްސަދުގެ ޖާމިނު ލިޔުމުގައި އޮތީ ފެބުރުއަރީ ނުވަ ވަނަ ދުވަހު އަމުރު ނެރުނު ކަމަށެވެ. އެހެންކަމުން ތާރީހުތަކުގައި ވެސް ގޯހެއް އެބައުޅެއެވެ.

އާދައިގެ ގޮތަކަށް ވިސްނާނަމަ، އަލީ ވަހީދު ފުރައިގެން ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ހަދާނެއެވެ. ޓިކެޓު ނަގައި ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާނެއެވެ. ފުރައިގެން ދިޔައީ، އެއާޕޯޓުގެ ވީއައިޕީ ލައުންޖު މެދުވެރިކޮށެވެ. އެ މުއާމަލާތް ކުރާނީ، މޯލްޑިވް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެވެ. ޓިކެޓު ކްލިއާ ކުރާނީ، އިމިގްރޭޝަނުންނެވެ. އެހެންކަމުން، އަލީ ވަހީދު ފުރަން އުޅޭކަމާއި، ފުރައިގެން ދިޔަ ގައުމެއް ބޮޑު ދައުލަތަކަށް ނޭނގެންވީ އެއްވެސް ސަބަބެއް ނެތެވެ.

ކޮންމެ ވަގުތެއްގައި ވެސް ފުރާވަޑައިގަތުމަށް އަލީ ވަހީދު ހުންނެވީ ތައްޔާރަށެވެ. އަލީ ވަހީދު ފުރާވަޑައިގެންނެވި، ޓާކިޝް އެއާލައިންސްގެ ދަތުރުތައް އޮންނަނީ ހަފްތާއެއްގެ ތިން ދުވަހުއެވެ. އެއީ ކޮންމެ ހުކުރު ދުވަހަކާއި، އާދީއްތަ ދުވަސް، އަދި އަންގާރަ ދުވަަހަކު އެވެ. އަލީ ވަހީދު ފުރިކަމަށް ބުނާ ތާރީހަކީ އަންގާރަ ދުވަހަކަށް ވެފައި، އަޑުއެހުމެއް ތާވަލު ކުރީ ވެސް އެ ދުވަހަށެވެ. އެހެންކަމުން، އެއީ އިއްތިފާގެއް ނޫނެވެ.

ގައުމުގައި ބޮޑުކަމެއް ހިނގުމާއި އެކު، ރައްޔިތުންގެ ވިސްނުން އެހެން ފަރާތަކަށް އަނބުރާލުން އެއީ އާކަމެއް ނޫނެވެ. އަލީ ވަހީދު ފުރި ދުވަހަކީ، ރައްޔިތުންގެ މަޖިލީހުގައި “ނާޗަރަންގީ ކުޅޭ ޖަގަހަތައް” ހެދުމާއި މެދު ބަހުސް ކުރި ދުވަހެވެ. މުޅި ގައުމާއި، މީޑިއާތައް އަދި ސޯޝަލް މީޑިއާ ވެސް ހުސްވެފައި އޮތީ އެކަމަށެވެ.

އަލީ ވަހީދު ފުރިކަމުގެ މައުލޫމާތު ކޮންމެވެސް ގޮތަކުން ލިބި، އެކަން ރިޕޯޓު ކުރަން ފެށުމާއި އެކު ސަރުކާރުން އާއްމު ކުރީ ފްލެޓުތަކުގެ ލިސްޓެވެ. ކަމާއި ކަން ހުޓާ މީޑިއާތައް ޖެނުނީ އެއަށް ފޯކަސް ކުރާށެވެ. ނިކަމެތި މީހާ އެ ލިސްޓަކާއި އެކުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ އިސްތިއުނާފް ހައި ކޯޓަށް ހުށަހަޅާފައި އޮތަސް އެ މައްސަލަ ހައި ކޯޓުން ކުރިއަށް ގެންގޮސްފާނެތޯ ސުވާލު އުފެދެ އެވެ. ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި އިސްތިއުނާފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމަކުން ސާފުވާން އެބަ އޮތެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލައެއްގައި ކުރެއްވި ހުކުމުގައި ބުނެފައި ވަނީ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި، ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. މި ހައްގު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ގާނޫނުއަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް ހައި ކޯޓުން މި އަހަރު ކުރި ހުކުމެއްގައި ވެސް “ޖިނާއީ ކުށެއްގައި ދައުވާ އުފުލުމަށް ފަހު އެ ދައުވާއާ ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން، އިސްތިއުނާފް ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންވެފައި ނުވާކަން” ފާހަގަކޮށްފައިވެ އެވެ.

އަލީ ވަހީދު ރާއްޖެ ގެނެވޭނެކަމާއި މެދު ޝައްކެވެ. އަޑަށް ބާރުލައި، އިސްތިއުނާފު ކުރާނެކަމަށް ބުނުމަކުން ވާނެ ފައިދާއެއް ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: