ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީގެ ޕާސްޕޯޓު ހިފަހައްޓައި ނުދިން މަައްސަލަ ހައިކޯޓުން ވެސް ބަލައިނުގަތް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި މަގާމުން ވަކި ކުރި އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރެޖިސްޓްރާ ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގެ ނިންމެވުމަކާއި ހަވާލާދިނުމަށް ފަހު އެވެ.

ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ޣައިރު ހާޒިރުގައި އިސްތިއުނާފް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުގެ ނިންމުމެއްގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ދައުވާ އުފުލުމަށްފަހު އެ ދައުވާއާއި ގުޅިގެން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފީ އަޑުއެހުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިޔަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލައެއްގެ ހުކުމުގައި ބުނެފައި ވަނީ އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) ގައި، ކުށެއް ކުރި ކަމުގެ ދައުވާ އުފުލިފައިވާ ކޮންމެ މީހަކަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އަދި އެ ހައްގު އެއްވެސް މިންވަރަކަށް ހަނިކުރެވޭނީ ގާނޫނު އަސާސީގައި ބުނެފައިވާ އިޖުރާއަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ.

އަލީ ވަހީދުގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާތައް އުފުލީ، ޕާސްޕޯޓު ހިފެހެއްޓުމަށްފަހު އެވެ. ނަމަވެސް ޝަރީއަތް ފަށާފައިވަނީ ޑޮކްޓަރުންގެ ލިޔެކިއުންތަކެއް ހުށަހަޅައި ބޭސްފަރުވާއަށް ދިއުމުގެ ހުއްދައަކަށް އެދުމުން ކްރިމިނަލް ކޯޓުން އަލީ ވަހީދަށް އެ ފުރުސަތު ދިނީ ޕާސްޕޯޓުގެ އަމުރު ބާތިލު ކުރުމަށްފަހު އެވެ.

މި މައްސަލައިގައި ދައުލަތުން ބުނީ، އަލީ ވަހީދަކީ މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގައި އަމިއްލައިން އަރުވާލެވިގެން ހުރި ބޭފުޅެއްކަމުން، އަނބުރާ ނައުމުރު ފުރުސަތު އޮތަތީ ޓްރެވަލް ޑޮކިއުމަންޓަކާއި އެކު ނޫން ގޮތަކަށް އެ ހުއްދަ ނުދިނުމަށް އެދުނު ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމުން، އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކޮށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަން މީޑިއާތަކަށް އެނގުނީ ވެސް ފުރިފަހުންނެވެ.

އެ އަމުރު ބާތިލުކޮށް، އަލީ ވަހީދަށް ރާއްޖޭން ބޭރަށް ދެވޭ ގޮތް ހެދާފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވާ ގޮތަށެވެ. މި އެއްބަސްވުން ހެދީ ހަތަރު މަސްދުވަހަށްވާއިރު އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

އޭގެފަހުން ވެސް އަލީ ވަހީދު ރާއްޖެ އައިސްފައި ނުވަތީ، އޭނާގެ ޕާސްޕޯޓު އަލުން ހިފެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެދެވޭނެތަނެއް ނެތް ކަމަށެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

ޕީޖީ އޮފީހުން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިއަދު އެވެ. ރެޖިސްޓްރާގެ ނިންމެވުމަކާއި މެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމެއް ނިންމާ އެކަން އެފަރާތަކަށް އަންގާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުގެ އިހުތިޔާރު އޮންނާނެ އެވެ.

ހައިކޯޓުގެ ނިންމުމާއި މެދު ދައުލަތުން އަމަލު ކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ދައުލަތުން މިއަދު ވަނީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިޔަށް ގެންދާ މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: