ޖިންސީ ކުށުގެ ދައުވާތައް އުފުލާފައި ވަނިކޮށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމުން އެކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގައި ޕްރޮސެކިއުޓަރ ޖެނެރަލް އިސްތިއުނާފްކޮށްފިއެވެ.
ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރާ ނިންމެވީ ކްރިމިނަލް ކޯޓުގެ އަމުރު ނެރުނުތާ 48 ގަޑިއިރު ހަމަވިފަހުން މައްސަލަ އިސްތިއުނާފަށް ހުށައަޅާފައިވާތީއެެވެ. ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރިކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.
ހައިކޯޓުން މިއަދު ބުނީ، ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުންޏެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، އަލީ ވަހީދު ފުރައިގެން ދިއުމުގެ ހުއްދަދީ ކޯޓުން ޕާސްޕޯޓު ދޫކޮށްފައިވަނީ، މިބާވަތުގެ އަމުރުތައް ނެރުއްވުމުގައި އަމަލުކުރާ އުސޫލާ ޚިލާފަށް ކަމަށްވާތީ މިމައްސަލަ ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް މިހާރު އެއޮފީހުން ކުރަމުން ގެންދާކަމުގައެވެ.
އަދި ޕީޖީ އޮފީހުން ބުނެފައިވަނީ، އެއަމުރު ކޯޓުން ނެރުއްވާފައިވަނީ ރަގަޅަށް ކަމަށް އެއޮފީހުން ނުދެކޭ ކަމަށެވެ. އަދި އެމައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

