ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ޝުޖާ ގެންނަން ބޮޑު ކެމްޕެއިނެއް!

ޕީއެންސީގެ ނައިބް ރައީސް ޝުޖާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ބޮޑު މެޖޯރިޓީ ކާމިޔާބު ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރުންގެ މެދުގައި މާލޭގެ ޑެޕިއުޓީ މޭޔަރިކަމަށް ހުޅުމާލޭގެ ގޮނޑި ކާމިޔާބު ކުރި އިބްރާހިމް ޝުޖާއު ގެނައުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.

އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މާލޭގެ މޭޔަރުކަމުގެ ގޮނޑިއާއި އެކު 14 ދާއިރާއެއް ކާމިޔާބުކޮށްފައި ވެއެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކާއި ރައްޔިތުންނަށް ބޮޑެތި ބާރުތަކެއް ދީ ބޭއްވި އިންތިހާބުގައި ސިޓީގެ މޭޔަރުންނާއި އަތޮޅު ރައީސުން އަދި ކައުންސިލް ރައީސުން ހޮވާފައިވަނީ ރައްޔިތުންގެ ވޯޓަކާއި އެކު އެވެ. މީގެ ކުރިން އެ ދާއިރާތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލް މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލުގެ ފުރަތަމަ ކިއުން މަޖިލީހަށް ހުށަހެޅިއިރު އޭގައި އޮތީ ޑެޕިއުޓީ މޭޔަރު ވެސް ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށެވެ. ނަމަވެސް މަޖިލީހުގެ ބަހުސް މަރުހަލާގެ ތެރެއިން، ޑެޕިއުޓީ މޭޔަރުން ކައުންސިލް މެމްބަރުންގެ މެދުގައި ވޯޓެއް ނަގައި އިންތިހާބު ކުރާ ގޮތަށް ބަދަލު ގެނައީ އެވެ.

މާލޭ ސިޓީ ކައުންސިލް ދާއިރާތަކުގެ ތެރެއިން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ލިބުނީ އެންމެ ހަ ގޮނޑި އެވެ. އެހެން ކަމުން އެމްޑީޕީގެ މެމްބަރަކަށް ޑެޕިއުޓީ މޭޔަރުކަމަށް އާދެވުން އެއީ ނާދިރުކަމެކެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރި މެމްބަރުން އަދި މިހާތަނަށް ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރާނެކަން އިއުލާނުކޮށްފައި ނުވެއެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ހުޅުމާލޭގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު އާއި ވިލިމާލެ ގޮނޑި ކާމިޔާބު ކުރެއްވި ނަހުލާ އަލީގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގެ ކެމްޕެއިން ހަރަކާތެއް ފަށާފަ އެވެ. އޭގެ އިތުރުން މާފަންނު ދެކުނުގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ނާސިރު ވެސް ވަނީ ޑެޕިއުޓީ މޭޔަރުކަމަށް އައުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޝުޖާއުއަށް ކެމްޕެއިން ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ވެސް ހިމެނެއެވެ. އެކި ބޭފުޅުން ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވާ ގޮތުން ޝުޖާއު އަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުވެ އެތައް ބަޔަކު ޕާޓީ ދޫކޮށް ދިޔަ ވަގުތު ރައީސް ޔާމީނާއި ޕާޓީއަށް އިހުލާސްތެރިކަން ދެއްކެވި ބޭފުޅެކެވެ. އަދި ޝުޖާއުއަކީ އެއްވެސް ވަރުބަލިކަމެއް ނެތި ޕާޓީ ކޮނޑައްލައި ކުރިޔަށް ދިޔަ ލީޑަރެއްކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

ޑެޕިއުޓީ މޭޔަރުކަމަށް ޝުޖާއު ގެނައުމަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ޑެޕިއުޓީ ސެކޭޓްރީ ޖެނެރަލް ހަމްދާން ޝަކީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ޝުޖާއުއަކީ ޒުވާނުންގެ ތެރެއިން ނިކުތް ހީވާގި މެނޭޖަރެއް ކަމަށެވެ. އަދި ޝުޖައުއަކީ ބުނާ ބަހުގައި ހިފަހައްޓާނެ މީހެއްކަމަށް ހަމްދާން ވިދާޅުވެފައި ވެއެވެ.

ޕާޓީގެ އިތުރު ބައެއް ސަޕޯޓަރުން ވަނީ، ކޮންގްރެސް ކޯލިޝަން އެންމެ ހާލުގައި ޖެހުނު ދުވަހު ކާނިވާ ސަރަހައްދުގައި ބޮޑެތި ޖަލްސާތައް އިންތިޒާމު ކުރުމުގެ އެންމެ ކުރީގައި ހުންނެވީ ޝުޖާއުކަން ފާހަގަކޮށްފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޒުވާނުންނާއި އެކު ސައިކަލް ބުރު ހަރަކާތްތައް ބޭއްވި ޝުޖާއުކަމަށް ބުންޏެވެ.

ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރުމާއި ގުޅޭގޮތުން ޝުޖާއު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ޕީއެންސީގެ ނައިބް ރައީސެއްގެ ގޮތުގައި ހުންނެވި ޝުޖާއުއަކީ، އިދިކޮޅުގައި މިވަގުތު އޮތް ލީޑާޝިޕްގެ އެންމެ ވަރުގަދަ އެއް ބޭފުޅާ އެވެ. އަދި ހަރަކާތްތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުއްވަނީ ޝުޖާއު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: