ކޮންމެ ނިޒާމެއްގައި ވެރިކަން ކުރި ނަމަވެސް އެމްޑީޕީ ވާނީ ފެއިލް ކަމަަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ނިޒާމުގެ ވާހަކަ އެމްޑީޕީން ދައްކަނީ ސަރުކާރާ މެދު އޮތް ނުތަވަސްކަން ކައުންސިލް އިންތިހާބުން ހާމަވެގެން ދިއުމާއެކު އެކަމުން ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކަމަަށެވެ.
ޝިޔާމް ވިދާޅުވީ ޖެހިގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި މައްސަލަ އަކީ ނާގާބިލް ބައެއްގެ މައްޗަށް ގައުމު ދޫކޮށްލުން ކަމަށެވެ.
”ނާގާބިލް ބައެއްގެ މައްޗަށް ގައުމުގެ ބާރުވެރިކަން ދިޔައީމަ ވެގެން އުޅޭ ގޮތެއް މިއީ އިނގޭތޯ. ރާއްޖޭގެ ހުންގާނު ނާގާބިލް ވެރިއަކާއި އޭނާގެ ޓީމުގެ އަތް މައްޗަށް ދިޔައީމަ ވެގެން އުޅޭ ގޮތެއް މިއީ. ރައްޔިތުންގެ އިންޓްރެސްޓެެއް ނެތް އެކަމަކަށް. ރައްޔިތުންގެ އިންޓްރެސް ނެތިއްޔާ އަޅުގަނޑުމެންގެ[އިިދިކޮޅު] ވެސް އިންޓްރެސްޓެއް ނެތް އެކަމަކަށް. ރައްޔިތުންގެ މިބުނަނީ ރައްޔިތުންނަށްވީ ވައުދު ފުއްދުމުގެ ބިޒީ ވާށޭ. ނިޒާމު ބަދަލުކުރުމުގައި ބިޒީ ނުވާށޭ. އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ނިޒާމެއްގައި ވެރިކަމެއް ކުރަން ލިބުނަަސް އެމްޑީޕީ ވާނީ ފެއިލް.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުން ގޮވައިގެން ގައުމަަށް ހިދުމަތް ކުރުމުގެ ގާބިލް ކަމެއް އެމްޑީޕީއަކު ނެތް ކަމަށާއި އިހްލާސްތެރި ކަމާއި ތެދުވެރިކަމެއް ވެސް ނެތް ކަމަށެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.
ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށެވެ.
ނަޝީދުގެ އެ މެސެޖަށް ފަހު އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ގެންދަނީ ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަށް ފާޅުގައި ވިދާޅުވަމުންނެވެ.

