ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް، ޒިންމާވާނީ ކާކު؟

ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް ނަވާރަވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީން އުފަންވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އިޓަލީ އާއި އެމެރިކާ ފަދަ ބޮޑެތި ގައުމުތައް ކުޑަ ކަކޫމަށްޗަށް ތިރިކޮށްލި ނަވާރަވަނަ ގަރުނުގެ ކަޅު ވިލާގަނޑު ރާއްޖޭގެ އުޑުމަތި ބަނަ ކޮށްލައިފިއެވެ. މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމެއް ބަނޑަށް ޖައްސާލުމުގެ އިތުރުން މިއީ ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގެ ސިއްހީ ނިޒާމަށްވެސް ލޮޅުންގެނުވި ނުރައްކާތެރި ބަލިމަޑުކަމެއް ކަމާމެދު ޝައްކެއް ނެތެވެ.

ކޯވިޑް-19 ގެ އަސަރު އެންމެ ފުރަތަމަ ރާއްޖެއިން ފެނުނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 07 ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިއެއްގެ ގައިންނެވެ. އެކި ރިސޯޓްތަކަށް އަންނަ ފަތުރުވެރިންގެ ކިބައިންބަލި ފެންނަމުން ގޮސް މާލެއިން އެންމެ ފުރަތަމަ އެކްޓިވް ކޭސްއެއް ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ރާއްޖެ ދިޔައީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ކޮވިޑުގެ ތޫނު ވަކިތަކުން ވަކި ހިތްޕާލަމުން ދިޔައީ ދިވެހިން ހަމަ ބަލަބަލައި ތިއްބައި އެންމެންގެ ލޯ ކުރިމަތީގަ އެވެ.

އެއްވެސް ހާލަތެއްގައި ރާއްޖެ މި ހާލަތަށް ދިޔައިރު ބަލިން ދިވެހި ގައުމު ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތެއް ނުކުރާ ވާހަކައެއް ނޫނެވެ. ރާއްޖޭގައި މިބަލި ފެތުރުންތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އިރުވެސް ކުރެވުނީ ކޮންކަމެއްތޯ ވެސް މިއީ އުފެދޭ ސުވާލެކެވެ. މިއަދު ރާއްޖެ މިއޮތް ހާލަތަށް ދާން ދޫކޮށްލީ ވަކި ބައެއްގެ މަސްލަހަތައްޓަކައި ހަމަ ދިވެހި ރައްޔިތުންގެ ސަރުކާރަކުން ނޫން ހެއްޔެވެ؟

މިދިޔަ އަހަރު ދުވާލަކު 10 މީހުން ޕޮޒިޓިވްވަމުން އައިއިރު އަނޅުގަނޑުމެން ގޭގެ ދޮރުލައްޕާ ފިލި ހަނދާނަކީ މާ ދުރު މާޒީއެއްވެސް ނޫނެވެ. އޭރު ދައްކާ ވާހަކައާއި އިވޭ އަޑުތަކުން ބިރުން ބޭރަށް ނިކުންނަންވެސް ނުކެރެއެވެ. ނަމަވެސް މިއަދު މަންޒަރު މުޅިން ތަފާތެވެ. އޭރު އޮތް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ވަރަށް ގަވާއިދުން ރައްޔިތުންނަށް ހަބަރު ފޯރުކޮށްދިނުމަށް ބުރަކޮށް އުޅުނެވެ. އޭރު ދުވާލެއްގެ މަށްޗަށް ޕޮޒިޓިވްވީ 20-30 މީހުންނެވެ. ސަރުކާރުގެ ފަރާތުން އަބަދުވެސް ބުނަމުން ދިޔައީ ވޯސްޓް ކޭސް ސިނޭރިއޯއެއްގައި ރާއްޖެ އޮތްއިރު ދެން އަންނާނެ ހާލަތަކަށްވެސް ގައުމު އޮތީ ތައްޔާރަށްކަމަށެވެ.

ރާއްޖެ ލޮކްޑައުން އަކަށް ދިޔައީ އެކްޓިވް ކޭސްއެއް މާލެއިން ފެނުނު ދުވަހެވެ. ރާއްޖެ ފުރަބަންދުގައި އޮތް ހިތި ދަތި އުނދަގޫ ހަނދާންތައް ޔަގީނުންވެސް އަދި އެއްވެސް މީހެއްގެ ހިތަކުން ފިލައިގެން ނުދާނެެއެވެ. ކާންބޯން ކުރި މަސައްކަތް ހުއްޓާލަން ޖެހުނެވެ. އާމްދަނީ ހޯދާނެ ގޮތެއްނެތި މަގުމަތިވީ އެތައް ދިވެހި ރައްޔިތުންނެކެވެ. ދިރިއުޅުމަށް ކުރި އެތައްފޮނި އުންމީދުތަކެއް ވެއްޔާ މޮޑެވިގެން ދިޔައީ އެވެ.

ވަކި ބައެއްގެ ފައިދަށަށް ކަންކަން ކުރުމުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. މަރަކަށް ފަހު މަރެކެވެ. އެހީގެ އަތެއް ދިއްކޮށްލާނެ މީހަކު ނެތެވެ. ނިކަމެތި ރައްޔިތު މީހާ ވީ އިތުރަށް ފަގީރެވެ.

ސަރުކާރުގެ އިސްވެރިން ހަމަ މަހުޖަނުންނެވެ. ކޮވިޑުން އަރައިގަންނަން އުނދަގޫވާނެ ބޮޑު އަނދަވަޅަކަށް މިއަދުމިވަނީ ރާއްޖެ ވެއްޓިފައެވެ. މުޅި ގައުމުން އިވެނީ ރުޔުމާ އާދޭހުގެ އަޑެވެ.

2021 ވަނަ އަހަރު ފެށުންއިރު ރާއްޖެއިން ދުވާލެއްގެ މަށްޗަށް 100 އަށްވުރެ ގިނަ ކޭސްތައް ދިޔައީ ފެންނަމުންނެވެ. ރާއްޖެ ފުރަބަންދުން އުވާލި އިރުވެސް ކޮވިޑުން ރައްކާތެރިވުމަށް އެކި ފިޔަވަޅުތައް ހުރީ އެޅިފައެވެ. ކޮންމެ އަކަސް މި ފިޔަވަޅުތަކަށް ލުއި ދިނީ ސަރުކާރުގެ އެންގުމަށެވެ. އެކަން މިއަދު ތަހައްމަލް ކުރަން ޖެހިފައި ވަނީ ނިކަމެތި ރައްޔިތު މީހާއެވެ. މިއަދު އެކްޓިވް ކޭސް ތަކުގެ އަދަދު ހުރީ 1،000 އިން މަތީގައެވެ. އައިސީޔޫ ފުރި ފަރުވާދޭން ހުރި އެނދުތައް ފުރިއްޖެއެވެ. ހަމަ އަމިއްލަ ފައިދާއަށް ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ކަރަންޓީން ވުމަކާނުލާ ރިބަން ފަށެއް ކަނޑާލަން ދިޔަ މީހުން އައީ ކޮވިޑް އެރަށަށް ހަދިޔާކޮށްފައެވެ.

ނިކަމެތި ރައްޔިތު މީހާ ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހެއެވެ. ރިބަންފަށް ކަނޑާލަން ދިޔަ ވަފަދުތައް ދަތުރު ކުރުމުގެ ނަތީޖާ މިހާރު އަތޮޅުތެރޭން ވަރަށް ސާފްކޮށް ފެނެއެވެ. 70 އަށްވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަތޮޅު ތެރޭގައި ކުޑަމިނުން ޓެސްޓް ކޮށްލެވޭނެ ފެންވަރުވެސް ނެތެވެ. ކޮވިޑަށް ހަރަދު ކުރަން ހޭދަވި ހަތަރު މިލިއަން ރުފިޔާއިން ޓެސްޓްކުރާ މެޝިނެއްވެސް ނެތްކަންމިއީ ލަދުގަންނަންޖެހޭ ކަމެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެގެން ދިޔައީ ސަރުކާރަަށް ކޮވިޑުން އަރައިގަތުމަށް ނުކުޅެދުނު ބޮޑު ފްލޮޕަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދިވެހި ރައްޔިތުންގެ ސަލާމަތަށް ނިންމުންތައް ނިންމާ އެޗްޕީއޭ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ފެނުނީ ސިޔާސީ ނިންމުން ނިންމާ ތަނެއްގެ ގޮތުގައެވެ. ވޯޓްލާން ދާންވީމައި ކަރަންޓީން ވުމެއްވެސް ނެތެވެ. ނުވިތާކަށް ކެމްޕޭނު ކުރަން ކަރަންޓީނު ނުވެ ދެވޭގޮތަށް ނިންމައި އެގޮތަށް އެކަން ކުރަން އުޅުނަކަ ދިވެހިންނެއް ނުދިނެވެ.

އެޗްޕީއޭއަށް ކުރަމުންއައި އިތުބާރާ ޔަގީންކަން އެއްކޮށް ގެއްލުނީއެވެ. ލޯބިވާ މަންމަ ނިޔާވުމުން ޖަނާޒާއަށް ނުދެވުނަސް ވެންޓިލޭޓަރުގައި އޮންނަ ބަލި މީހާ ވެޒް ވޯޓްލާން ދާން ހާއްސަ ހުއްދަލިބުނެވެ. ކޮވިޑް ކިތަންމެ ގަދަޔަށް ފެތުރިފައި އޮތްރަށަކަށްވެސް ވޯޓްލާން 48 ގަޑީރަށް ރަށަށް ދެވުނެވެ. މާލޭގައި ނިކަމެތި ރައްޔިތުމީހާ ވަޒީފާގެއްލި ރަށަށް ދާން އެޗްޕީއޭގެ ޖަވާބެއްގެ އިންތިޒާރުގައި ހުރެ މަގުމަތިވަނީއެވެ.

ހަގީގަތުގައިވެސް މިކަމުން އަރައިގަތުމަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ވެންޓިލޭޓަރުތައް ވެސް ވުޖޫދުގައިވެސް ނެތެވެ. މިކަމުން ސަލާމަތްވާން ގެންނަން ބުނި ވެކްސިންވެސް ވީ ހިސާބެއް ނޭންގެއެވެ. މަހެއްގެ ތެރޭގައި 50އަށްވުރެ ގިނަ މީހުން މަރުވާއިރު އަދިވެސް ގައުމުއޮތީ ނިދާފައެވެ. މިކަން ކުރަން ތިބި ވެރިންނަށް ކަމެއް ނުވަނީ އޭވެސް ހީވާކަހަލައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިތުރުވެ މިހާރުވަނީ ހާލު ދެރަވާ މީހުންގެ ތެރެއިންވެސް އެންމެ ހާލު ގޯސްވާ މީހުން ބަލާ ދަރަޖައަށް މިރާއްޖެ މިހާރު މިވަނީ ގޮސްފައެވެ.

ފަރުވާދޭނެ ސިއްހީ ހިދުމަތްތެރިނެއް ނެތެވެ. ވޮލެންޓިއަރުންގެ ބޭނުންވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަތޮޅުތެރޭގެ ރައްޔިތުން ތިބީ ނިކަމެތިކަމެއްގެ ތެރޭގައެވެ. ޓެސްޓްކުރަން ކޮންމެ ފަހަރަކު މާލެ ފޮނުވާ ނަތީޖާ ލިބުމާ ދޭތެރޭ ހޭދަވަނީ މާޔޫސް އަދި ކަންބޮޑުވާ ދުވަސްތަކެކެވެ. ސަރުކާރަށް ނުވަތަ ހެލްތް މިނިސްޓަރަށް ޓެސްޓްކުރާނެ އިތުރު މެޝިންތަކެއް ނުހޯދުނެވެ. މިވީ އެއް އަހަރު ތެރޭގައި ގާއިމްކުރި ފެސިލިޓީއެއް ގައުމު މިހާލަތުގައި އޮތްއިރު ފެންނާކަށް ނެތެވެ. ކުރެވުނު އެއްވެސް ކަމެއް ނެތެވެ. މިކަމާ ޖަވާބުދާރީ ވާންވީ ދިވެހި ރައްޔިތުންހެއްޔެވެ؟

ކޮވިޑް-19 ގެ މި ބިޔަ ރާޅުގައި ރާއްޖެ ހަފުސްވަމުންދާ މި ދަނޑިވަޅުގައި އަދިވެސް އެޗްޕީއޭގެ ގައިޑް ލައިންތަކަށް ތަބާވެ މި ބަލިމަޑުކަމުން އަރައި ގަތުމަކީ ވަރަށް މުހިއްމުކަމެކެވެ. ފަރުދީ ޒިންމާއަދާކޮށް މިބަލިން އަރައިގަތުމަށް އެންމެހާ ދިވެހިން އެކީގައި މަސައްކަތްކުރުން ވަރަށް މުހިއްމެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންޑިޔާއިން ގަލްފަށް ދާން އައި މީހުންނާ އިންޑިޔާސިފަންގެ އާއިލާ އެއމީހުން ތިބި ރައްތަކަށް ގެނެސް ޕޮސިޓިވްވި ވާހަކަ އާއި އިންޑިޔާއަށް ބޯޑަރ ބަންދު ނުކުރި ވާހަކަ މީގަ މަދު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: