ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތުގެ މާހައުލުގައި ކޮވިޑުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ބައެއް ކަންތައްތައް!

ސިވިލް ސާވިސް ގެ މުވައްޒަފުން / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮވިޑް 19 ގެ ފުރަތަމަ ރާޅަށްވުރެ ހަމަގައިމުވެސް ދެވަނަ ރާޅުގެ ބާރު މިން ވެސް އަދި ބިރުވެރިކަން ބޮޑެވެ. އެހެން ނަމަވެސް ފުރަތަމަ ކޮވިޑް ފެތުރެން ފެށި ދުވަސްވަރު މުޅި ދިރިއުޅުން ހުއްޓުމަކަށް ގެނައުމަށް ފަހު ގޭގައި ތިބި ފަދައިން މިފަހަރު ތިބެވޭކަށް ނެތެވެ. ސަރުކާރުގެ ގިނަ ވުޒާރާތަކާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސި ނަމަވެސް އަދިވެސް އޮފީސްތަކަށް ގޮސް ވަޒީފާ އަދާކުރަން ޖެހޭ ފަރާތްތައް މަދެއް ނޫނެވެ. މިސާލަކަށް ނޫސްވެރިންނާއި ބޭންކް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ސިފައިންނާއި ފުލުހުން އަދި ފިހާރަތަކާއި ޑެލިވަރީގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނެއެވެ. އެހެންކަމުން މިހާލަތުގައި ވަޒީފާ އަދާކުރާ މާހައުލުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސައްކަތުގެ މާހައުލުގައި ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ގެއިން ބޭރަށް ދާއިރު މާސްކް އަޅައިގެން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް އޮފީސްތަކުގައި މުވައްޒަފުން ތިބޭ މޭޒުތައް ވަރަށް ކައިރި ކައިރީގައިވެސް ހުރެދާނެއެވެ. އެހެންކަމުން މާސްކް އަޅައިގެން ނޭފަތާއި އަނގަ ނިވާކޮށްގެން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. މަސައްކަތް ކުރާއިރު ފަރުވާކުޑަކޮށް ނުވަތަ ފަސޭހައަކަށް މާސްކް ނަގައިގެންނާއި ދަތްދޮޅީގައި މާސްކް އަޅައިގެން އުޅުމަކީ އެހާ ރައްކާތެރިގޮތެއް ނޫނެވެ. ވިސްނައިނުލާ މާސްކް ނާޅައި އުޅެނިކޮށް އޮފީހުގައި އެންމެ ކައިރީގައި އިންނަ މުވައްޒަފުވެސް ކޮވިޑަށް ފައްސި ވެދާނެއެވެ. މިހާލަތުގައި ތިބާގެ ކައިރީގައިވާ ކޮންމެ މީހަކީވެސް ކޮވިޑަށް ޕޮޒިޓަށް ކޮންމެ ވަގުތެއްގައިވެސް ފައްސި ވެދާނެ މީހެއްކަން ދަނެ އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

މަސައްކަތް ކުރާ މާހައުލުގައި ކޮވިޑް 19 ޖެހުމުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންކަމުގެ ތެރޭގައި ތިން ފޫޓް ބަލައި ގައިދުރުކުރުމާއި އެކީގައި މަސައްކަތް ކުރާ މުވައްޒަފުން ގެންގުޅޭ ތަކެތީގައިވެސް އަތް ނުލައި އުޅުމަށް އިސްކަމެއް ދިނުން ވެސް ހިމެނެއެވެ. މި ހަލާތުގައި ވަޒީފާ އަދާކުރާ އޮފީހުގައި މުވައްޒަފުންނަށް ތިން ފޫޓްގެ ދުރުމިނެއް ބަހައްޓައިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ހަމަޖައްސައިދިނުމަކީ އޮފީސްތަކުގެ އިސްވެރިންގެ މަސްއޫލިއްޔަތެކެވެ. އެގޮތުން އެކީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގައިގޯޅިވެ ސަލާންކޮށް ހެދުމާއި ދުރުވުމަކީވެސް ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

ވަޒީފާ މާހައުލުގައި ބުރަކޮށް އެކި މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅޭއިރު އިރުކޮޅު ކޮޅުން އަތް ސެނެޓައިޒް ކޮށް އަތް ދޮންނަން ހަނދާން ނެތިދާނެއެވެ. އެހެެންނަމަވެސް އޮފީހުގައި ހުންނަ ފާހަނާ ނުވަތަ ކޮފީ ބޯ ސައި ކޮޓަރި ފަދަ ތަންތަން ބޭނުން ކުރުމަށްފަހު ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮންނަން ނުވަތަ ރަނގަޅަށް އަތް ސެނެޓައިޒް ކުރަން އަބަދުވެސް ހަނދާން ކުރަން ވާނެއެވެ. މީގެ އިތުރުންވެސް ސާފުތާހިރުކަމަށްވެސް ވަރަށް ބޮޑު އިސްކަމެއް ދިނުމަށް ސަމާލުކަން ދޭންވާނެއެވެ. އެކީގައި މަސައްކަތް ކުރާ މީހަކު ފެން ބޯ ޖޯޑަކުން އެ ޖޯޑު ނުދޮވެ ފެންބޮއުން ފަދަ ކަންކަމާއި އެއްކޮށް ދުރުހެލިވާން ވާނެއެވެ.

މަތީގައި ބަޔާންކޮށްފައި އެވާ ކަންތައްތަކީވެސް އަހަރެމެންނަށް ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. ވަޒީފާވެސް މުހިންމެވެ. ކޮވިޑް 19 އިން ރައްކާތެރިވެގެން ތިބުންވެސް ހަމަ އެހާމެ މުހިންމެވެ، އެހެންކަމުން މިހާލަތުގައި އެމީހަކު ވިސްނަންވީ އެމީހާކަށް ވީވަރުން ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކޮށްގެން ރައްކާތެރިކަމާއިއެކު އުޅުމަށެވެ. އަހަރެމެންނަށް ފަރުވާ ކުޑަކޮށްލުމަށް ފަހު ކުރެވޭ އެންމެ ކަމަކުން ވެސް އެތައް ބަޔަކު އެ ވައްޓާލެވެނީ ކޮވިޑް 19 ގެ ނުރައްކާތެރިކަމުގެ ތެރެއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: