ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާ ވެސް އައްޑޫ ފްލައިން ސްކޫލްގެ މައްސަލައަށް ހައްލެއް އަންނާނެ ކަމުގެ އުއްމީދެއް!

ފޮޓޯ- އެމްވީ ޕްލަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމު ކުރިއަރުވާ ފަސޭހަ ކަމާއެކު ބޭނުންވާ ދާއިރާއަކުން އަމިއްލަ ފަސްގަނޑުގައި ހުރެގެން ކިޔެވޭނެ ގޮތް ފަހިވުމަކީ ކޮންމެ ދިވެއްސަކުވެސް ބޭނުންވާނެ އުންމީދު ކުރާނެ ގޮތެވެ. އާއިލާ އާއި ދުރުގައި ބޮޑެތި ހޭދަތަކެއް ކޮށްގެން ގައުމުން ބޭރުގައި ކިޔަވަން ޖެހުމަކީ އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ. އެގޮތުން ޕައިލެޓް ކަން ކިޔެވުމަކީ ގިނަ ކުދިން އެކަމަށް ޝައުގުވެރިކަން ހުންނަ އަދި ފުރުސަތުތައް ފަހިނަމަ ރާއްޖޭގައި ކުރިމަގުއޮތް ކަމެކެވެ. ދިވެހި ގައުމު ކުރިއަރާ ދިއުމުގައި ރާއްޖެއިން ބޭރުގައި ހަދާ ގިނަ ކޯސްތަކާއި ފުރިހަމަ ކުރާ ގިނަ ތަމްރީންތައް ދިވެހި ފަސް ގަނޑުގައި ފުރިހަމަ ކުރުމަކީ ދިވެހިން ބޭނުންވާ ކަމެކެވެ. ރާއްޖެއިން ޕައިލެޓް ކޯސް ހެދުމުގެ ފުރުސަތު ފަހިވެގެން ދިޔުމަކީ ފަހުރުވެރި ވާނެ ކަމެއް ނަމަވެސް ފްލައިން ސްކޫލް މިވަނީ ދަރިވަރުންނާ ބެލެނިވެރިންގެ ބޮލުރިހުމަކަށް ވެފައެވެ.

އޭޝިއަން އެކަޑަމީ އޮފް ނޮޓިކްސްއިން ހިންގަމުން އަންނަަ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ކިޔެވުން ހުއްޓިފައި އޮންނަ މައްސަލަ ބޮޑުވެ ފްލައިން ސްކޫލާ ދޭތެރޭގައި ސަރުކާރުން ގާނޫނީ ފިޔަވަޅުވެސް އަޅަން ވަނީ ނިންމާފައެވެ. އެގޮތުން އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ އައް ހައްލެއް ނުލިބި ފްލައިން ސްކޫލްގެ ދަރިވަރުންނާ ދަރިވަރުންގެ ބެލެނިވެރިންވެސް ތިބީ މާޔޫސް ކަމެއްގައެވެ.

މިކަމަށް ހައްލެއް ގެނެސްފައި ނުވާއިރު ފްލައިން ސްކޫލްގެ އިސްވެރިންގެ އިހުމާލު މިކަމުގައި ބޮޑުވެ އައްޑޫ ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑި.ސިލްވާ، އެމަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ވެސް ވަނީ ފާއިތުވި މެއި މަހުގެ ތެރޭގައި އަތުލާފައެވެ. އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނެރުނު ނޫސްބަޔާނުގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސްގެ ފަރާތުން އައްޑޫސިޓީ ގަމުގައި ހިންގާ ފްލައިންގ ސްކޫލްގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށާއި، ދަރިވަރުންގެ ކޯސްތައް ފުރިހަމަކުރުމަށް ބުރޫ އަރާފައިވާ ވާތީ އެދެވޭގޮތެއްގައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދިއުމަށް ފްލައިންގ ސްކޫލުގެ މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންނުދާކަމަށް ވަނީ ބުނެފައެވެ. ސިވިލް އޭވިއޭޝަނުން އެ މައްސަލަ ބެލުމަށް ފަހު ފްލައިންގ ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުންނަ ބޭފުޅާ އައްޑޫ ފަލައިން ސްކޫލްގެ މައްސަލައިގައި އިހުމާލުވެފައި ވުމުގެ ސަބަބުން ވަނީ ސިވިލް އޭވިއޭޝަންގެ ފަރާތުން ދީފައިވާ ހުއްދަ ބާތިލް ކޮށްފައެވެ.

މީގެ އިތުރުން ފްލައިން ސްކޫލްގެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ، އެ މަގާމުގައި ހުރުުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރުގެ ލިޔުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ދީފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެކުރިން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ފްލައިން ސްކޫލްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މުހިއްމު ނިންމުންތަކެއް ނިންމަވާފައިވާކަމަށާއި އެގޮތުން 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ސިވިލް އެވިއޭޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ފްލައިން ސްކޫލްގެ އިސް ދެބޭފުޅެއްގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅުއެޅުމަށްވެސް ރައީސް ނިންމާފައިވާކަމަށް މަބްރޫކްވަނީ ވިދާޅުވިއެވެ.

ބީއެމްއެލްގެ ލޯން ސްކީމްގެ ދަށުން 15 ކުއްޖަކު ފްލައިން ސްކޫލްގައި ކިޔަވަމުން އަންނައިރު  ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އިތުރުވަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބަދަލް ކުރައްވާފައެވެ.

މީގެއިތުރުން އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ތަކާއި އެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ހައްގުތަކުގެ އިތުރުން މާލީ ގޮތުން ދަރިވަރުންނަށް ލިބިފައިވާ ބޮޑު ގެއްލުމަށް އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް އިން ބަދަލު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އައްޑޫ ފްލައިން ސްކޫލުގެ މައްސަލާގައި މިނިސްޓަރ ނަހުލާއާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވެސް ވަނީ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ކޮމިޓީގައި މިނސިްޓަރ ނަހުލާ ވިދާޅުވެފައިވަނީ، އައްޑޫ ފްލައިން ސްކޫލުގެ މައްސަލައަށް އޮތް ހައްލަކީ އެހެން ސްކޫލެއް ގާއިމް ކުރުމުން ކަމުގައި ދެކޭ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ގައުމީ އެއަލައިން ހިންގާ މޯލްޑިވިއަނުން ވަނީ ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާންކޮށްފަ އެވެ. މިގޮތުން މާލީ ގޮތުން ގާބިލުކަންހުރި އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ބޭރުގެ ކުންފުނިތަކަށް ވަނީ އެފުރުސަތު ހުޅުވާލާފަ އެވެ. އަދި ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންކަމަށާއި، އެތަން ހިންގާނީ މިނިވަންކަމާއެކުކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.

އައްޑޫ ފްލައިން ސްކޫލްގެ މައްސަލައަށް ހައްްލެއް ގެނައުމަށް ސިވިލް އޭވިއޭޝަންް އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން އެކި މަސައްކަތްތައް ކުރި ނަމަވެސް މިކަމަށް އެދެވޭ ހައްލެއް މިއަދާ ހަމައަށް ލިބިފައެއް ނެތެވެ. އައްޑޫ ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓިފައި އޮތުމުގެ އިތުރުން އެތަނުން ކިޔަވަމުން އަންނަ ދަރިވަރުންނަށް ފިއްތުންތައް ކުރިމަތިކޮށް ކަނޑާލާފައިވެސް ވެއެވެ.

މީގެ އިތުރުން ބިދޭސީ އަދި ދިވެހި ދަރިވަރުންނާއި މެދު ތަފާތުކުރުން ގެންގުޅުންފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއްވެސް ކަހަލަ ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމާއި، ޗެކް ރައިޑް ޝެޑިޔުލްކޮށް ނުދިނުމާއި، އެކަންކަމަށް އެދި ދަރިވަރުން އާދޭސްކުރަންޖެހުންފަދަ އެތައް މައްސަލައެއް ދަރިވަރުން ވަނީ ފެންމަތިކޮށްފައެވެ.

ފާއިތުވެދިޔަ މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފްލައިން ސްކޫލް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްގައި ދުއްވާނެ އެއްވެސް ބޯޓެއް ނެތެވެ.

ސްކޫލްގައި ހުރި މައްސަލަތަކެއް ހައްލެއް ނުލިބި ދިގުލައި، ހާލަތު އިތުރަށް ގޯސްވެފައިވާތީ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުން އަންނަނީ ވާނުވާ ގައި ދަރިވަރުން ނުބޭތިއްބުމަށާއި ސަރުކާރުން އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލަމުންނެވެ. އަދި ދަރިވަރުން އަންނަނީ މިހާރު ބޭނުންވަނީ އޭއޭއޭ ނޫން ހައްލެއް ކަމަށްވެސް ބުނަމުންނެވެ.

ނަމަވެސް އާ ފްލައިން ސްކޫލެއް ހުޅުވުމެ އިތުރުން ސަރުކާރުން އައްޑޫ ފްލައިން ސްކޫލާ ދޭތެރޭގައި އިހުމާލު ވި މީހުންނަށް ފިޔަވަޅުއަޅާ މިކަމުން ދަރިވަރުންނަށް ލިބިފައިވާ ގެއްލުމަށް ބަދަލް ހޯދައިދިނުމަށް ކުރާ މަސައްކަތުން ހައްލެއް ލިބޭނެ ކަމުގެ ކުލަވަރު މިވަނީ ފެންނަން ފަށާފައެވެ. ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ގައުމުގެ ކުރިމަގަށާއި ގައުމުގެ އިގްތިސާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއް ކަމުން މިކަމަށް އެދެވޭ ހައްލެއް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: