ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާ ނިޔާ ވުމުގައި ހެލްތް އިދާރާތަކުގެ އިހުމާލު އިންތިހާއަށް!

ފޮޓޯ- ވަގުތު އިމޭޖެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ވެގެން ގޮސްފައިވަނީ ކޮވިޑް-19 ގައި އަނެއްކާވެސް ރާއްޖެއަށް ބަނަ ދުވަހަކަށެވެ. ގައުމު ސިއްސުވާލީ ކޮވިޑް-19 ގައި އުމުރުން އެންމެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ނިޔާވި ހިތާމަވެރި ހަބަރާއެކު އެވެ. މުޅި ސޯޝަލް މީޑިއާގެ އިތުރުން މީޑިއާތަކުގެ ސަމާލުކަން މިކަމަށް ހުއްޓިފައި އޮތްއިރު މިކަމުގައި ހެލްތް އިދާރާތަކުގެ އިހުމާލު ބޮޑުކަމަށް އާއިލާގެ ފަރާތުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ރާއްޖޭގައި ކޮވިޑްގައި ކުޑަ ކުއްޖެއްގެ ފުރަތަމަ މަރެވެ. ހާލު ދެރަވީ ހަމަ ކުއްލި އަކަށެވެ. ފަރުވާ ދެވުނީ ހާލު ދެރަވިތާ ދެ ގަޑިއިރަށް ވުރެވެސް ފަހުންނެވެ. މި ބިރުވެރި ބަލި އެ މައުސޫމް ފުރާނައަށް ވެރި ގަންތާ އެތައް އިރެއްފަހުން އެމްބިއުލާންސްއަށް އާދެވުނެވެ. އާދެވުނު އިރު މާ ލަސް ވެއްޖެއެވެ.

ވަކިވެގެން ދިޔައީ ދެމެފިރިންގެ ހުރި ހަމައެކަނި ދަރިއެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެ އާއިލާ އާއެކު ގޭގައި ކަރަންޓީންގައި ތިބި ފާތިމަތު މިޝްކާ މުހައްމަދު އާ އޭނާގެ އާއިލާގެ އެންމެންގެ ހާލުވެސް އިއްޔެއާ ހަމައަށް ރަނގަޅުކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް މި ކުއްޖާގެ ހާލު ގޯސްވީ ރޭގައި ކުއްލިއަކަށް ކަމަށް އާއިލާ.އިން ބުނެފައެވެ. ކޮވިޑް-19ގައި މާލޭގައި ރޭގައި ނިޔާވި އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު މާ ބޮޑަށް ދެރަވެ އެމްބިއުލާންސްގެ އިންތިޒާރުގައި ތިން ގަޑިއިރު ތިބެން ޖެހުނު ކަމަށާއި އެހެން ތިއްބާ މިޝްކާ ހޭނެތުނީ ކަމަށް އާއިލާ އިން ބުނެފި އެވެ. އަދި ރޭ ނެވާ ލާން އުނދަގޫވެ ނޭފަތުން ލޭ އައިސްފައި ވާކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. ރޭ 09:00 ޖަހާކަށްހާއިރުން ފެށިގެން އެމްބިއުލާންސް އަށް ގުޅި ކަމަށާއި އެމްބިއުލާންސް އައިއިރު ގަޑިން 11:40 ވަނީ ކަމަށް އާއިލާއިން ބުނެފައިވެއެވެ. އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ތަކުރާރުކޮށް ގުޅުމުން ވެސް، “އެމްބިއުލާންސް މިހާރު ހިނގައްޖެ” ކަމަށް ބުނި ކަމަށާއި އަދި ދިއުން ލަސްވާތީ އައިޖީއެމްއެޗްގެ އެމްބިއުލާންސަށް ވެސް ގުޅި ކަމަށް އޭނާ ބުންޏެވެ. އާއިލާއިން ޓްވީޓްކުރި އިތުރު މީހަކުވަނީ އައިޖީއެމްއެޗްގެ އެމްބިއުލާންސް އެމީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވުމުން އަންނަން ދެކޮޅު ހެދިކަމަށް ބުނެފައެވެ. މި ހުރިހާ ވަގުތު ކުއްޖާއަށް ފަރުވާއެއް ނުދެވި މަރަށް ތެޅުނީއެވެ. 

މިޝްކާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްއަށް ގެންދިޔަތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮންނެވެ. އާއިލާއަށް ލިބުނީ ފުން ހިތާމައެކެވެ. ކޮވިޑްގެ ނުރައްކާތެރި ބަލީގައި އެ ފުރާނަ ވަކިވެގެން ދިޔައީ ހާލަތު ގޯސްވެ، ދެ ގަޑިއިރާއި 25 މިނެޓް ވީއިރުވެސް ފަރުވާ ނުދެވި ލަސްތަކެއް ވެގެންނެވެ. 9:00 ޖެހީއްސުރެ ދަރިފުޅުގެ ހާލު ސީރިއަސްކަން ކަމާ ބެހޭ އިދާރާތަކަށް އެންގި ނަމަވެސް އެކަމަށް މާ ބޮޑު ފަރުވާލެއް ބެހެއްޓި މަންޒަރު ފެނިގެން ނުދިޔަކަމަށް އާއިލާއިން ސިފަކުރެވެއެވެ. ވަކިވެގެން ދިޔަ މިޝްކާގެ މައިންބަފައިންނަށް ކުރާނެ އަސަރު ސިފަކުރަން ދައްޗެވެ. ޒިންމާ ނަގާނީ ކާކު ހެއްޔެވެ. ކަމާ ބެހޭ އިދާރާތަކުގެ އިހުމާލް ބޮޑުވެގެން މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލަން މިހާރު ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމްބިއުލާނސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ރޭ ދިމާވި މި ހިތާމަވެރި ހާދިސާގައި ވަކިވެގެން ދިޔަ ކުއްޖާގެ އާއިލާގެ ކިބައިން ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމުގެ ޔަގީންކަން އޭނާ ވަނީ އާއިލާއަށް ދެއްވާފައެވެ. އާއިލާގެ ކިބައިން މާފަށް އެދުނީ ކުޑަ ކަމެއްގައެއް ނޫނެވެ. ރާއްޖޭގެ ސިހްހީ ދާއިރާއާއި ދާއިރާގެ ވެރިން ނާގާބިލް ކަމުން މިއަދު ވަކިވެގެން އެ ދިޔައީ ހުނަރުވެރި ދިވެހި ދަރިޔެކެވެ.

މި ފަދަ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތްތަކާ ކުރާ ކަންކަން ރަނގަޅަށް ކުރިޔަށް ދޭތޯ ޔަގީން ކުރަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުން ހެއްޔެވެ؟ އެ ފުރާނަ ދުނިޔެ ދޫކޮށް އެ ދިޔައީ ގިނަ ބަޔަކަށް އެތައް ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. އާއިލާއަށް ފުން ހިތާމައެއް ގެނުވާފައެވެ. ޓީޗަރުންނާއި އާއިލާ އެންމެންގެ އިތުރުން ރައްތެހިންނަށް ވެސް ބޮޑު ހިތާމައެއް ކުރިމަތި ކުރުވުމަށްފަހު އެ ހިނިތުންވުން މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ.

ހެލްތް ދާއިރާތަކުގެ އިހުމާލު ކިތަންމެހާވެސް ބޮޑެވެ. މި ބަލި މަޑުކަން ފެށުނީއްސުރެ އަހަރެއް ވީއިރުވެސް ކުއްލި ފަރުވާއެއް ނުވަތަ އިމަޖެންސީގެ ހާލަތުގައި އަވަހަށް ބަލިމީހާއަށް ފަރުވާދެވޭނެ އިންތިޒާމް ގާއިމްކޮށްލުމުގެ ގާބިލްކަން ނެތެވެ. ތެޅިގަންނަނީ ހިތާމަވެރި ހާދިސާއެއް ހިނގާ އަގު ނުކުރެވޭނެ ގެއްލުމެއް ލިބުމުންނެވެ. އަދިވެސް ރާއްޖޭގެ ސިއްހީ ނިޒާމް ފެއިލް ނުވޭތޯ ސުވާލް އުފެދެއެވެ. ގައުމު މިކަމުން އަރައި ނުގަނެވުނީމާ ރައްޔިތުންގެ ކިބައިން މާފަށް އެދޭނީ ހެއްޔެވެ. ސަރުކާރުން ކޮވިޑްގެ ހާލަތަށް ތައްޔާރަށް އޮތް މިންވަރު ދިވެހި ރައްޔިތުންނަށް ވަރަށް ސާފްކޮށް ފެނިއްޖެއެވެ. ވަކިވެގެން ދިޔަ އެ ކުޑަކުޑަ ފުރާނަ ދެ ގަޑީރަށް ވުރެ ގިނަ އިރު ކޮވިޑާ އެއްވެސް ފަރުވާއެއް ނުލިބި ހަނގުރާމަކުރީ އެކަންޏެވެ. ލޯބިވާ މަންމަ އާ ބައްޕަގެ ލޯ ކުރިމަތީ ވަކިވެގެން ދިޔައީ ހަމައެކަނި ހުރި ލޯބި ލޯބި ދަރިފުޅެވެ. މާފަށް އެދުމުން ފުދޭނެ ހެއްޔެވެ؟ ބައެއްގެ ނާގާބިލްކަމުން އިހުމާލުން ވަކިވެގެން އެ ދިޔައީ މައުސޫމް ފުރާނައެކެވެ.

ވަރަށް ގަދަ
92%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: