ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް މަރުތަށް، ބައެއް މީހުންނަށް ނަންބަރުތަކެއް!

ކޮވިޑުގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ގެންދަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރުވާއެއް ހޯދިފައި ނުވާ ގޮތްނޭންގޭ ކޮވިޑް-19 ދުނިޔޭގައި އަތްގަދަކޮށްލިތާ ދޮޅު އަހަރާއި ގާތް ވަނީ އެވެ. އިންސާނުންގެ ނިކަމެތިކަން އެ ކުޑަ ކުޑަ ވައިރަސް އެދަނީ މުޅި ދުނިޔެއަށް ދައްކަމުންނެވެ. ރާއްޖެއަށް ކޮވިޑް-19 ގެ ބިޔަ ރާޅު ބިންދާލިތާ އަހަރަކަށް ވުރެ ދުވަސް ވީ އެވެ. ކޮވިޑްގެ ފުރަތަމަ ކޭސްއެއް ފުނުމުން ދިވެހިން އުޅުނު ގޮތާ މިއަދުގެ ހާލަތާ އުޑާއި ބިމާހާ ތަފާތެވެ. އެއްބަޔަކަށް މިހާރު ކޮވިޑަކީ ހަމަ އާދައިގެ ރޯގާއެކެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖެއިން އެކްޓިވް ކޭސްއެއް ފެނުމުން، މީހުން ކުޑަ ކަކޫ މައްޗަށް ތިރިކޮށްލީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އެންމެން އަވަސް ވެގަތީ ތިމާއާއި، ތިމާގެ އާއިލާއަށް ސަލާމަތްތެރިކަން ހޯދައި، ގެއަށް ކާޑުގެ ބާވަތްތަކާއި މަހަކަށްވާވަރަށް ކާބޯތަކެތި ވެއްދުމަށެވެ.

ފިހާރަތައް ކިއު ޖެހި ހުރިހާ ރައްޔިތުން ގޭގައި ތަޅުލައި އަމިއްލަ ނަފްސު މި ބަލިމަޑުކަމުން ރައްކާތެރިކުރުމަށް ފަރުދީ ޒިންމާ އަދާކުރީ، ގަދަ ބާރުންނެއް ނޫނެވެ. އެރޭ ގައުމާއި މުހާތަބުކޮށް ވާހަކަ ދެއްކެވިރު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކީތިރި ކުރެއްވުނެވެ. ގައުމެއް ގައުމެއްގެ ގޮތުގައި ބަލިކަށިވެ، ގޮތް ހުސްވެފައި އޮތް މިންވަރު އެމަނިކުފާނުގެ 10 ވަރަކަށް މިނެޓުގެ ވާހަކައިން އަޅުގަނޑުމެންނަށް ސިފަވި އެވެ.

އޭޕްރިލް މަހުގެ 15 ގައި އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއްގެ ގައިން ކޮވިޑު ފެނި، މާލެ ލޮކްޑައުން ކުރިއެވެ. ދުވާލެއްގެ މައްޗަށް މާލޭން ފެނުނު ކޭސްތަކުގެ އަދަދު 100 އިން މައްޗަށް ނާރަ އެވެ. އެހެން ނަމަވެސް، ދިވެހިންގެ މެދުގައި އޮތް ބިރުވެރިކަމަށް އެއްވެސް ބަދަލެއް ނައެވެ.

ބަލީގައި ފުރަތަމަ ފަހަރަށް މީހަކު ނިޔާވީ އޭޕްރިލް 29 ގައެވެ. އުމުރުން ދުވަވީ އަންހެނަކު ނިޔާވުމުގައި އެ ދުވަހު އިންތިހާއަށް އިހުމާލުތަކެއް އޮތުމާއި އެކު މީޑިއާތަށް ކެކި އެރި އެވެ. ސޯޝަލް މީޑިއާ އޮތީ އެފުށް މިފުށަށް ޖެހިފައެވެ. އެރޭ ދަންވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަބްދުﷲ އަމީނާއި އަމާޒު ކުރި ސުވާލުތައް އިއްޔެ ހިނގިކަމެއްހެން މިއަދު ވެސް ކަންފަތުގައި ގުގުމާ ކަހަލަ އެވެ.

އޭގެ އަހަރެއް ފަހުން، ދިވެހިން މިތިބީ ކޮންމެ ކަމެއް ވިޔަސް ވަރިހަމަ އުސޫލެއްގެ ތެރޭގައެވެ. އަދަދުތައް ދެހާހުން މައްޗަށް އެރި ދުވަހު ވެސް އަޅައެއް ނުލި އެވެ. އެ މީހަކާއި އެ މީހެކެވެ.

މި ދައްކަނީ މާ ދުރު މާޒީއެއްގައި ހިނގި ކަމެއްގެ ވާހަކައެއް ނޫނެވެ. މިއަދު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދަކީ ބަޔަކަށް ނަންބަރު ތަކެކެވެ. އެއްގޮތަކަށް ވެސް އެންމެންގެ ވާހަކައެއް ނޫނެވެ. މަރުވާ މީހުންގެ އަދަދުތައް ވެސް އެއްބަޔަކަށް ހަމަ ނަންބަރު ތަކެކެވެ. ދިވެހިންގެ އުޅުމުން މިއީ ރާއްޖޭގައި ނެތް ބައްޔެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 ފަހަނަ އަޅައިފިއެވެ. ދުވާލެއްގެ މަށްޗަށް 10 ވަރަކަށް މީހުން މިބަލީގައި ދުނިޔެ ދޫކުރެއެވެ. ސިއްހީ މާހިރުން ދެމުން ގެންދާ އިރުޝާދުތަކާއި ކުރަމުންދާ އާދޭހަށް ދެނީ ބީރު ކަންފަތެކެވެ. ޖަނާޒާ އަކަށްފަހު ޖަނާޒާއެކެވެ. ސިއްހީ ހިދުމަތް ތެރިން ކުރަމުންދާ އާދޭހަކަށް ކުޑަވެސް ފަރުވާލެއް ނެތެވެ.

މަރުވެގެން ސަރަހަރާއަށް މައްޔިތާ ގެނެސް އާއިލާއިން އަލްވަދާއު ކިޔަން ޖެހޭ ގޮތް ކިތަންމެހާ ވެސް ހިތްދައްޗެވެ. އާއިލާ އާ ލޯބިވާ މީހުންގެ ދުރުގައި އެއް މަހަށްވުރެ ގިނަ ދުވަހަށްފަހު ދެން ފެންނަނީ ފުރާނަ ނެތް މަސްގަނޑު ސަހަރާއިންނެވެ. އެންމެ ފަހުގެ ވަސިއްތް އަޑުއަހައި، ޝަހާދަތް ލައިދޭން ތިބެނީ ނަރުހުންނާއި ޑޮކްޓަރުންނެވެ. ބަލީގެ ބިރުވެރިކަން އިހުސާސް ހަގީގަތުގައިވެސް ދިވެހިންނަށް ނުކުރެވެނީ ބާއެވެ. މިކަން ލޮލުން ފެންނަ ބަޔަކަށް މިކަމުން ކުރާނެ އަސަރު ތަސައްވަރު ނުކުރެވެނީ ބާއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރޭ ތަފާސް ހިސާބުތައް ވެސް މިހާރުއެއީ ހަމަ ނަންބަރު ބޯޑެކެވެ. ހާލަތުގެ ހަގީގީ ބިރުވެރިކަން ދިވެހިންގެ ތެރެއިން ފަނޑުވެގެން ދިޔައީއެވެ. ނިމިދިޔަ މެއި މަހު އެކަނިވެސް ކޮވިޑް ބަލީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންގެ އަދަދު 50 އަށްވުރެ އިތުރެވެ. އެއް ދުވަހެއްގެ މައްޗަށް މަރުވި މީހުންގެ އަދަދު 13 އަށް އެރިއެވެ. ބަލީގެ ސީރިއަސް ކަމެއް މިއީ ކިހާވަރެއްގެ ކަމެއްކަން ތަހައްމަލް ކުރި މީހުން ފިޔަވާ މަދު ބަޔަކަށް ނޫނީ އިހްސާސްނުވެއެވެ. ގިނަ ބަޔަކު ދެކެން ފެށީ މިއީ އާދައިގެ ރޯގާއެއްކަމަށެވެ. އެއްވެސް ހާލަތެއްގައި ދިފާއީ ނިޒާމް ދަށް މީހަކަށް އަދި އުމުރުން ދުވަސްވީ މީހުންނަށް މިބަލީގައި ނުރައްކާ އޮތް މިންވަރު ވިސްނާނުލެވިއެވެ. ގިނަ ބަޔަކަށް ގަބޫލު ކުރެވުނީ އެންމެ ރަނގަޅު ގޮތަކީ ބަލި ޖެހިފައި ރަނގަޅު ވުން ކަމަށެވެ.

ގޮތް ނޭންގެ މި ބަލީގައި ތަފާތު ވޭރިއަންޓްތައް ފެންނަމުންގޮސް މިހާރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު އިތުރެވެ. ބޮޑުވަރުވަނީ ހަމަ ކުއްލި އަކަށެވެ. ނޭވާ ލާން އުނދަގޫވެ ދެންވަނީ މަރެވެ. ޖަނާޒަގެ މަސައްކަތްކުރާ ޖަމާއަތް ތެރިންނާއި އާއިލާގެ މެމްބަރުންގެ ހިތްތަކަށް ގެނުވާ ފުން ވޭން އިހުސާސް ނުކުރެވެނީއެވެ.

މިބަލީގައި ކުޑަކުއްޖެއްގެ މަރު ހިތާމަވެރި ގޮތަކަށް ހިނގާދިޔައީ މުޅި ގައުމު ރޮށްވާފައެވެ. މިއީ އާދައިގެ ރޯގާއެއްކަމަށް ދެކުނު އެންމެންނަށް ފިލާވަޅެއް ދަސްކޮށްދީފައެވެ. މިބަލީގައި ބޮޑުވަރުވަނީ ހަމައެކަނި ދުވަސްވީ މީހުންނެއް ނޫނެވެ. ތަކުރާރުކޮށް ސިއްހީ ހިދުމަތްތެރިން މިބަލީގައި ބޮޑުވަރުވެ އައިސީޔޫގައި ފަރުވާދޭ ޒުވާނުންގެ އަދަދުތައް އިތުރުކަމަށްދިން އިރުޝާދުތަކަށް ދެވުނީ ބީރު ކަންފަތެކެވެ. ދިވެހިންގެ އުޅުމުން މަރެއް އިއުލާން ކޮށްލިޔަސް ބިރުވެރިކަމެއް ފެނިގެންނުދެއެވެ.

ދުވާލެއްގެ މައްޗަށް އެތައް މަރެއް ވެގެންދާއިރު މީ ހަމައެކަނި ހިސާބު ނަންބަރު ތަކެއް ގޮތުގައި ދެކުމަކީ ހިތާމަ ހުރި ކަމެކެވެ. ސިއްހީ ހިދުމަތްތެރިންނަށް ކޮންމެ ދުވަހަކު ދުނިޔޭން ވަކިވެގެން އެދާ ކޮންމެ ފުރާނައެއްވެސް ފަހު ވަގުތު އެކަނިން މަރަށް ހުށައެޅޭ މަންޒަރު ވާނީ އާދައިގެ ކަމަކަށް ނޫނެވެ. އަހަރެމެންނަށް އެކަން އިހުސާސް ނުވަނީ މިކަމުގެ ސީރިއަސްކަން ލޮލަށް ނުފެންނާތީ ބާއެވެ. އާއިލާތަކަށް ލޯބިވާ މީހުންނަށް ކުރާ އަސަރު ނުފެންނާތީ ބާއެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ސިއްހީ ހިދުމަތް ތެރިންގެ އާދޭހުގެ އަޑު ކޮވިޑް ބަލީގައި ބޮޑުވަރުވާ މީހުންގެ ވޭން ތަޖުރިބާ ކުރަން ނުޖެހުނަސް މެދުކެނޑުމެއްނެތި އެވާހަކަތައް މިދަނީ ދައްކަމުންނެވެ. މިއީ އާދައިގެ ބައްޔެއް ނުވަތަ ނަންބަރު ތަކަކަށް ނަހަދާށެވެ. ތިމާއާ އާއިލާގެ ރައްކާތެރިކަމަށްޓަކާ މިކަމާ ވިސްނާށެވެ. ފަރުދީ ޒިންމާ އަދާކޮށް މިކަމުން ގައުމު އަރައިގަންނަން އެންމެން އެއްކޮށް މަސައްކަތް ކުރަންޖެހެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 29%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: