ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯތްބާއި އިޙްތިރާމާއެކީ ދަރިންނާ ވާހަކަދެއްކުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި ގުޅުން ބަދަހިކުރުމަށްޓަކައި މުޖުތަމަޢުގައި ކުރާކަންކަމާއި ދޭ މެސެޖުތައް އެއްގޮތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާރުއަޅުއްވައިފިއެވެ.

އެކަމަނާ މިކަމަށް ބާރުއަޅުއްވާފައިވަނީ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މާހައުލެއް ބިނާކުރުމަށްޓަކައި މީހުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ޔޫ.އެން.އެޕް.ޕީ.އޭ އާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ތައްޔާރުކޮށް ސިލްސިލާކޮށް ގެނެސްދެމުންދިޔަ ގެވެށި ގުޅުން “ސާސްތްރަ” ޕްރޮގްރާމްގެ އެންމެ ފަހު އެޕިސޯޑުގައި މިރޭ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މީޑިއާތަކުން ގެނެސްދޭ ބައެއް އިޝްތިހާރުތަކުން ގޭތެރޭގެ މައްސަލަތައް ފާހަގަވާގޮތަށް އިޝްތިހާރު ގެނެސްދިނުމުގެ ބަދަލުގައި ގޭތެރޭގައި މީހުން މުޢާމަލާތްކުރާ ރަނގަޅުގޮތްތަކާއި، ރަނގަޅު އާދަތައް އިޝްތިހާރުތަކުން ވެސް ދައްކައި އެއް މެސެޖެއް މުޖުތަމަޢަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ހަމަ އެއާއެކު އަޅުގަނޑުމެން އުޅެމުން އަންނަ އަވަދިނެތިކަމުގެ ތެރެއިން ޢާއިލާއަށް ވަގުތުކޮޅެއް ދިނުން މުހިންމުކަމަށާއި، އަދި އެފަދަ ވަގުތުތަކުގައި ފޯނާއި ދުރުވެ، އެކުވެރިކަމާއި އެކު ގޭތެރޭގެކަންކަން އިންތިޒާމްކޮށް ޢަމަލުތައް ހެޔޮގޮތުގައި ބަހައްޓާނަމަ މުޖުތަމަޢު ތެރޭގައި އުޅޭއިރުވެސް އެ ރީތި އާދަތައް މި ގޮތަށް ހުރުން ގާތްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޭތެރޭގައި އެކަކު އަނެކަކާ މުޢާމަލާތް ކުރާއިރު، ލޯތްބާއި އިޙްތިރާމާއެކީ މައިންބަފައިން ވާހަކަދެއްކުމަށް ބާރު އަޅުއްވާފައެވެ. އެކަމުން ދަރިންނަށް ރައްކާތެރިކަމާ އަމާންކަން އިހުސާސްވޭނެކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. އަދި ހަމަ އެއާއެކު ކުދިންގެ ނުވަތަ ބޮޑެތިމީހުންގެވެސް ޢަމަލެއް ބަދަލުކުރުމަށް މަސައްކަތްކުރާއިރު ފައްސި ބަސް ބޭނުންކުރުމަށް ސަމާލުކަންދިނުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ ސަބަބުން އެ ޢަމަލު ބަދަލުކުރަން ފަސޭހަވާނެކަމަށް އެކަމަނާގެ މެސެޖުގައި ފާހަގަކުރައްވައިފައިވެއެވެ.

ސާސްތުރަ ޕްރޮޤްރާމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މި ސިލްސިލާތަކުން އެކަމަނާއަށް ފާހަގަވި އެއްކަމަކީ ގެވެށި އަނިޔާއިން ރައްކާތެރިވުމަށްޓަކައި، ބަދަހި ގެވެށި ގުޅުމެއް އޮތުން މުހިންމުކަމުގައެވެ. އެހެންކަމުން ބަދަހި ގެވެށި ގުޅުމެއް ބިނާކުރުމަށްޓަކައި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށާ ފިރިހެނުންނަށް އެނގުން މުހިންމުކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި އެންމެ ފަހު ނުކުތާއެއްގެ ގޮތުން ފާހަގަ ކުރައްވާފައިވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އެކަމުން އަރައިގަނެވޭނެ ގޮތްތަކެއް ހޯދައިދިނުމުގެ މައްޗަށެވެ. އެގޮތުން އެކަމަނާ ވަނީ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމުން އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ލިބޭނެ މަގުފަހިކޮށްދިނުން މުހިންމުކަމުގައި ފާހަގަކުރައްވާފައެވެ. މިސާލަކަށް ދަރިފުޅަށް ޚަރަދު ނުދިނުމުން ދާންވީ ކޮންތާކަށްތޯ ފުރަންވީ ކޮންފޯމެއްތޯ، ފޯމް ފުރަންވީ ކިހިނެތްތޯ ނޫންނަމަ ޖިންސީ ގޯނާ ނޫނީ ރޭޕްގެ މައްސަލައެއްނަމަ ފުލުސް އޮފީހުންނާއި، ހޮސްޕިޓަލުން ޢަމަލުކުރަން އޮންނަނީ ކިހިނެއްތޯ، މިފަދަ މަޢުލޫމާތު މީހުންނަށް އެނގި ސަޕޯޓް ސިސްޓަމް ވަރުގަދަ ކުރެވިއްޖެނަމަ އެމީހުން ބާރުވެރިވުމުގެ ފުރުޞަތު ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނާކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންނަމަވެސް މި ހުރިހާ ކަމަކީ މިނިސްޓްރީއިން އެކަނި ކުރެވޭނެކަމެއްކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށާ ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން ވެސް މިފަދަ މަޢުލޫމާތު ފޯރުކޮށްދީ އެހީތެރިވުން މުހިންމު ކަމުގައި އެކަމަނާ ދެކިވަޑައިގަންނަވާ ކަމުގައި މިއަދުގެ މެސެޖުގައި ފާހަގަކުރެއްވެވިއެވެ.

ސާސްތްރަ ޕްރޮގްރާމަކީ ގެވެށި ގުޅުން ޤައުމީ ކެމްޕެއިންގެ ދަށުން ރާއްޖޭގައި ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ގެވެށި އަނިޔާ ‘ޑޮމެސްޓިކް ވައިލެންސް’ އާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށާއި، ގެވެށި އަނިޔާ ރިޕޯޓުކޮށް މިކަމަށް ބާރުވެރިކުރުވުމަށް ގެނެސްދެމުން އައި ސިލްސިލާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: