ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގިނަވަނީ، ކޮންޓްރޯލްއެއް ނުކުރެވޭ!

ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގައި، އާބާދީގެ ދެބައިކުޅަ އެއްބައެއްހައި ބިދޭސީން ދިރިއުޅުނެވެ. މި ގައުމުގައި ދިރިއުޅޭ ބިދޭސީން އަދަދު ގައުމުގެ ރައްޔިތުންނެކޭ އެއްވަރުވެގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެވެ. ހަމައެހެންމެ މި އަދަދު ދުވަހެއް ދުވަހަކަށް ބޮޑުވާކަމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ރާއްޖޭގައި ބިދޭސީން ދިރި ނޫޅޭނެ ތަނަކީ ނެތް ތަނެކޭ ބުނުމުން ވެސް ދޮގަކަށް ނުވާނެއެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެއާޕޯޓުގެ ގޭޓުން ނިކުމެގެން ދާއިރު ފެންނާނީ ބިދޭސީއެކެވެ. ހުންނާނީ ބަންގްލަދޭޝް މީހެކެވެ. ފެރީއަށް އަރާއިރުވެސް ބިދޭސީއެކެވެ. މާރުކޭޓުތަކުގައި ވެސް ބިދޭސީއެކެވެ. ހޮޓާތަކާއި ރެސްޓޯރެންޓުން ގޮސް މާލެ މަގުމަތީގެ އެއްކޮޅުން އަނެއްކޮޅަށް ބަލައިލިކަމުގައިވީ ނަމަވެސް ފެންނާނީ އަދަދު ނުކުރެވޭހާ ގިނަ ބިދޭސީންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ނިމިދިޔަ ސަރުކާރުގައި ބިދޭސީންނަށް ފިހާރަތަކާއި އެކި ތަންތަނުގެ ކައުންޓަރުތަކުގައި ވަޒީފާ އަދާނުކުރެވޭ ގަވާއިދެއް އެކުލަވާލާފައެވެ. އެހެންނަމަވެސް އެންމެ އެދެވޭ ގޮތަށް އެކަން އެފަދައިން ތަންފީޒުކުރުމުގެ ކުރިން ސަރުކާރު ބަދަލުގެ ކަންކަން އަލުން އޮތް ގޮތަށް ވަނީ ބަދަލުވެފައެވެ.

މިހެން މިކަން ވާއިރު، ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެވެގެން އުޅޭ ބިދޭސީންގެ އަދަދަކީވެސް މަދު އަދަދެއް ނޫނެވެ. މިއީ އާންމު ކަމެކޭ ހީވާކަހަލައެވެ. މިފަދައިން ދިރިއުޅެނީ ކިހާ އަދަދެއްގެ ބިދޭސީންނެއް ކަމެއް ހުދު ދިވެހި ދައުލަތުގެ އެއްވެސް އިދާރާއަކަށްވެސް ނޭނގެއެވެ. އެހާވެސް ގިނަ އަދަދުން ބިދޭސީން ދިރިއުޅެއެވެ.

ބައެއް އިދާރާތަކުން ލަފާކުރާ ގޮތުގައި ގަވާއިދާ ހިލާފަށް ދެ ލައްކައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި އެބައުޅެއެވެ. މީގެތެރޭގައިވެސް ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ގަވާއިދާ ހިލާފަށް އުޅެނީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ. އަލަށް ރާއްޖެ އަންނަ ބިދޭސީ މީހާއަށް ވެސް ރާއްޖެ އާ ތަނަކަށް ނުވާކަހަލައެވެ. ރާއްޖެ އަންނަ ދުވަސް ނޫން އަނެއް ދުވަހު ވަޒީފާއެއް ހޯދައި ވަޒީފާއަށް ނިކުމެއެވެ.

ކޮންމެވެސް ފިހާރައަކުން ނޫނީ ކޮންމެވެސް ސައި ހޮޓަލަކުން ނުވަތަ މާރުކޭޓް ގޮޅިއަކުން ނަމަވެސް ކުރާނެ މަސައްކަތެއް ހޯދާނެއެވެ. ވަޒީފާއެއް ނުލިބި ނުދާނެއެެވެ. ނުވަތަ ލާރި ލިބޭނެ ކޮންމެވެސް ގޮތެއް ހޯދާނެ އެވެ. ވިޔަފާރިކޮށްގެން ވިޔަސް އެމީހަކަށް މާލޭގައި ދިރިއުޅޭވޭނީ ފައިސާ ހުރެގެންނެވެ. ރާއްޖޭގައި އުޅޭ ދެލައްކައެއްހާ ބިދޭސީން ކޮންމެ ދުވަހަކު އެމީހުންގެ ކެއިން ބުއިމާއި ބޯހިޔާވަހިކަމަށާއި އެހެނިހެން ކަންކަމަށް ހަރަދުތަކެއް ހިނގާނެތާއެވެ. މިހިސާބަށް ރާއްޖޭގެ ކަންކަން ދިއުމުން ބަންގްލަދޭޝް މީހުންއަތުގައި ޕޯސްޕޯޓެއް ނެތަސްވެސް އެއީ އަދި މައްސަލައަކަށް ވާނެ ކަމަކަށް ނުވާނެއެވެ.

މިފަދައިން ރާއްޖޭގައި ބަންގަލްދޭޝް މީހުން ހިންގާ ވިޔަފާރިތައްވެސް މަދެއް ނޫނެވެ. މިހެން ބުނުމުން ގިނަ ބަޔަކު މިކަމަށް ދެކޮޅު ހަދައި ގަބޫލު ނުކުރި ނަމަވެސް ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ.

ނަމަކަށް ދިވެއްސެއް ބަހައްޓައި އޭނާގެ ނަންމަތީގައި ރާއްޖޭގައި ފިހާރައާއި ވިޔަފާރިކުރާ މީހުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިހެންގޮސް މިހާރު ރާއްޖޭގައި ބިދޭސީން ކުރާ ވިޔަފާރިތައް އިތުރުވެ، މުޅި ރާއްޖެ ނުބައި މިސްރާބަކަށް ދާން ފަށައިފި އެވެ.

ހަމައެހެންމެ ބިދޭސީންގެ ފަރާތުން ކުރިމަތިވާ ހަމަނުޖެހުންތަކަކީވެސް ފާހަގަކޮށްލެވޭ ކަންތައްތަކެކެވެ. ގާނޫނާއި ހިލާފަށް ގެންނަ ބިދޭސީންގެ ފަރާތުން އެމީހުން ވޭނުންވާ ކަންކަން ފުރިހަމަ ނުކުރުމުން ހުރިހައި ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށެވެ. މީގެ އެއް މިސާލަކީ މިދިޔަ އަހަރު ބ. އަތޮޅުގައި ރިސޯޓެއް ތަރައްޤީ ކުރަމުންދާ އެ އަތޮޅު ބޮޑު ފިނޮޅުގައި ބިދޭސީންގެ ބަޔަކު ބޮޑެތި ހަމަނުޖެހުންތައް ހިންގާ ދިވެހިން ތަކެއް ރަހީނުކުރި މައްސަލައެވެ. މިމައްސަލައިގައި 12 ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ހިންގި އޮޕަރޭޝަނުގައި އެމީހުން ވަނީ ސަލާމަތްކޮށްފައެވެ.

އަދި މަސައްކަތުގެ މުސާރަ ނުދިނުމުން ހުޅުމާލޭގައި ބިދޭސީންތަކެއް މުޒާހަރާ ކުރީވެސް މާގިނަ އަހަރުތަކެއް ކުރިންނެއް ނޫނެވެ. މި މުޒާހަރާގައި ގިނަ ފުލުހުންނަކަށް ބިދޭސީންގެ ފަރާތުން އަނިޔާވެފައިވާއިރު ފުލުހުންގެ ވެހިކަލްތަކަށާއި އާންމު މީހެއްގެ ގެދޮރަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން ހިޔުމަން ރައިޓްސް ވޮޗްއިން ލިޔެފައިވާ ލިޔުމެއްގައި ވަނީ ބިދޭސީންގެ ހާލަތު މިހާހިސާބަށް ދިޔަ ސަބަބު ނުވަތަ މިހިސާބަށް ދިޔައީ އަމިއްލަ ކުށުންނާއި ނާގާބިލްކަމުންކަން ފޮރުވުމަށް މަސައްކަތްތަކެއްް ކުރާކަމަށް ފާހަގަކޮށްފައެވެ. އަދި އެކަން ފޮރުވައި ބިދޭސީންނަކީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ދައްކަން މަސައްކަތްކުރާ ކަމަށް ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ބިދޭސީން މުޒާހަރާތަކަށް ނުކުންނަނީ ހަމައެކަނި މުސާރަ ނުލިބިގެން ނޫންކަމަށާއި އޭގެ ފަހަތުގައި އެހެން ސަބަބުތަކެއް ވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ގައުމަށް ނުރައްކާވާފަދަ ހާލަތަކަށް ގޮސްފައިވާކަމަށްވެސް މާރިޔާ ވިދާޅުވެފައިވެއެވެ. މިފަދަ މައްސަލަތަކުގެ އިތުރުން މަސްތުވާ ތަކެތި ރާއްޖެ އެތެރެކުރުމާއި، ހިޔާނާތުގެ މައްސަލަތަކާއި އެހެނިހެން މައްސަލަތައްވެސް މީގެތެރޭގައި ހިމެނެއެވެ.

މިއަދު މިވަނީ ސަރުކާރުން އާންމު ރައްޔިތުންނަށް އަންގާ އެންގުންތައް ތާނައިން އިއުލާން ކުރުމުގެ އިތުރަށް ބަންގަދޭޝް ބަހުންވެސް ނެރެންޖެހޭ ހިސާބަށް ރާއްޖޭގެ ކަންކަން ގޯސްވެފަ އެވެ.

ބިދޭސީން ގެނައުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އެކަށީގެންވާ ގޮތުގައި ނުކޮށް އެއްލައްކައަށްވުރެއް ގިނަ ބިދޭސީން ރާއްޖެ ދިިރިއުޅޭއިރު، މިފަދަ މީހުން ގަވާއިދާއި ހިލާފަށް އެތެރެވެ، ހަމަނުޖެހުންތައް ހިންގުމަކީ ގައުމުގެ މިނިވަންކަމަށް ލިބޭ ނުރައްކަލެކެވެ. ހަމައެހެންމެ ރާއްޖޭގައި ބިދޭސީން ބޭނުންކޮށްގެން ވަގުފާރިކޮށް ނަހަމަ ގޮތުގައި އުޅޭ މީހުންގެ އަމަލުތަކަކީ މާދަމާ ދިވެހީންގެ މުސްތަގުބަލަށާއި ދިވެހީންގެ ގައުމު ދިވެހިން އަތުން ބީވެދާނެ ކަމުގެ ވަރުގަދަ އިންޒާރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: