ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓްތަކުގެ މައްސަލައިގައި ވަކި ސަރުކާރަކަށް ގުދޯގުދޯ ކިޔޭކަށެއް ނެތް!

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފިޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓުތަކުގެ މައްސަލަތަކުގައި، އެ ހައްގުވާ މީހުންނާއި، ޝަރުތު ހަމަވާ މީހުންނަށް ނުލިބި، އެ ފްލެޓުތައް ސަރުކާރުން އަތުމުށުން ހޮވާލާ މީހުންނަށް ލިބޭކަމީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އަރަތެއް ކަހަލަ ކަމެކެވެ. ކުރީ ސަރުކާރޭކޭ ދެން އޮތް ސަރުކާރެކޭ ބުންޏަސް ވަކި ތަފާތު އަންނަ ކަމެއް އެބައޮތްބާއޭ ހިތަށް އަރައެވެ. ބެހީ އޭރުވެސް ނުހައްގުންނެވެ. މިހާރުވެސް ނުހައްގުންނެވެ. ޝަރުތު ހަމަވެ، ޝީޓުގައި ލިބެންވާ ވަރަށް ވުރެ ގިނައިން މާކްސް ލިބުމުން، އުފަލުން މޭގަނޑުނަގައި އަތަށްލިއެއް ކަމަކު ފްލެޓުތައް ލިބޭނެކަމަށްވެސް ހީކުރުމަކީ މިހާރު މޮޔަކަމެކެވެ. އެ ދޭނީ ހަމަ ދޭން ބޭނުންވާ މީހުނަށް ކަމަށްވެސް ދިވެހީން މިއަދު ދަންނަންޖެހެއެވެ.

ކުރީ ސަރުކާރުގައި އިވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން އިހަކަށް ބަހައްޓާލާފައި، ދެން ދިބި މީހުންނަށް ފްލެޓްދިން މައްސަލަތަކެވެ. ވެރިކަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅަށް ބަދަލުވުމާއި އެކު ކުރީގެ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް ނުހައްގުން ފްލެޓް ބެހި މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމަކީ ރައީސް ގެ ވައުދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިކަންވެސް ވަނީ ހަމަ އަރަތަކަށެވެ. ރާއްޖޭގެ ވެރިކަން ލިބުނު އެއްވެސް ސަރުކާރެއްގައި މިކަން އެންމެ އެކަށީގެންވާ ގޮތުގައި ކޮށްފައިވަނީ ކޮން ބަޔަކު ބާއޭ ހިތަށް އަރައެވެ. ފަހަރުގައި ޓީވީތަކާއި ނޫސްތަކަށް އޮޅުވާލެވުނަސް، ރައްޔިތުންގެ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލައި ސިއްރު ކުރެވޭނެތޯއޭ، މީއީވެސް ސުވާލެކެވެ.

މިސާލަކަށް ބަލާލަމާތޯއެވެ؟ ރައީސް ޔާމީންގެ ޒަޢާމަތުގައި އަޅާފައިވާ ހިޔާ މަޝްރޫޢުގެ 7000 ފްލެޓް ލިބޭ ކެޓެގަރީތަކުން އެއް ކެޓެގަރީ އަކީ ނުކުޅެދޭ ކުދިންގެ ކެޓެގެރީއެކެވެ. މިދިޔަ ދައުރުގައި ބައެއް ފަރާތްތަކަަށް ފްލެޓްގެ ލިޔުން ހަވާލުކޮށްފައި ވަނިކޮށް، މި ސަަރުކާރުން ވަނީ އެއަށް ބަދަލު ގެނެސް އަލުން ލިސްޓެއް އިއުލާން ކޮށްފައެވެ. މިކަމުގައި އެތައް ބަޔެއްގެ ޙައްޤުތައް ފޭރިގަނެފައި ވާކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، އޭގެން އެކަކުގެ ވާހަކަ އޭނާގެ އާއިލާއިން ވަނީ ސަންގާއި ހިއްސާކޮށްފައެވެ.

ހިޔާ ފްލެޓުގެ ނުކުޅެދޭ މީހުންގެ ކެޓަގަރީއަށް ލައި، މާކްސް ޝީޓުން ފުރިހަމަ އަދަދަށް މާކްސް ލިބުނު ރ.އިނގުރައިދޫއަށް ނިސްބަތްވާ އަލީ ހުސައިން ކަލޭފާންގެ ނަން ދެސަރުކާރުންވެސް އާންމުކުރި ލިސްޓުގައި ހިމެނިފައިއޮތެވެ. މީގެ 23 އަހަރު ކުރިން އުމުރުން އެންމެ 7 އަހަރުގައި ދިމާވި ހިތާމަވެރި ޕިކަޕް އެކްސިޑެންޓުގައި މޭކަށިގަނޑުން ތިރި އެއްކޮށް ވާގިނެތި ނުހިނގި ބަލި ދާނެއްގައި ވާއިރު، ލޯބިވާ ބައްޕަ ނިޔާވެ ކިރިޔާވެސް އަޅާލަން ހުރީ މުސްކުޅި މަންމައެކެވެ. ދާނެ ވަކި ދިމާލެއް ވަންނާނެ ތަނެއް ނެތެވެ. ބޭސްފަރުވާއަށް މާލެއަށް އައިނަމަވެސް ގައި ބާރުދެރަ މުސްކުޅި މަންމައެއްގެ އެހީއާއިއެކު ރަށުން ދުރު ހިސާބަކަށް އަންނަން ވެއްޖެނަމަ އުފުއްލަންޖެހޭ ދަތިކަން ތަޞައްވަރު ކޮށްލެވޭނީ އެފަދަ ހާލަތެއްގައި ދިރިއުޅުމުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްށެވެ.

އާއިލާގެ ނިސްބަތަށާއި، މާލީ ހާލަތަށް ބަލައި އޭނާއަށް ލިބުނީ ލިސްޓުގެ އެއްވަނައިންނެވެ. އެހެންނަމަވެސް ދާއިމީ ލިސްޓު ނެރުނުއިރު، އެލިސްޓުގައި އޭނާގެ ނަމެއް ނުހިމެނުނެވެ. ނުހިމެނެންވީ ސަބަބަކީ ކޮބައިކަމެއްވެސް އެންމެ ކުޑަމިނުން ނޭނގުނުތާނގައި، އެއްވެސް އިދާރާއަކުންވެސް އެއަކަށް ޖަވާބުދާރީއެއް ނުވެވުނެވެ. މިމައްސަލައިގައި، އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށާއި ޖެންޑާ މިނިސްޓާ އާއިޝަތު މުހައްމަދަށް ސިޓީއެއް ހުށަހަޅާފައެވެ. އެހެންނަމަވެސް ޖަވާބެއް ނުލިބުނެވެ.

އެހީއަށް އެދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، ރައީސް ޞާލިހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމަށްވެސް ސިޓީއެއް ހުށަހެޅިއެވެ. ކޮންމެވެސް އެހީތެރިކަމެއް ލިބޭނެކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ޖެހުނީ ހަމަ އެއްތާންގައެވެ. ޖަވާބެއް ނުލިބެއެވެ. ހައުސިން މިނިސްޓްރީގެ އިދާރާއަށް ގޮސް އަމިއްލައަށް އެމީހުންނާއި ބައްދަލުކޮށް މައްސަލަ ހުށަހެޅުމުން ބުނީ، ނުކުޅެދޭ ކުދިންގެ ކެޓަގަރީއަށް ނުހިމެނެންވީ ސަބަބެއް ނެތްކަމެވެ. މިހެން ބުނެ މައްސަލަ ބަލައިދޭނަމޭ ބުނުމުން އުންމީދުގެ ހުޅުކޮޅެއް އުފެދުނު ކަމުގައިވީނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ނުލިބޭކަމަށް އާއިލާއިން ކިޔައިދެއެވެ.

މިއީ އަދި އެއްމެ މީހެއްގެ ވާހަކައެވެ. މިފަދައިން މައްސަލަ ހުށަހަޅާ ކިތަންމެ މީހެއް އަތޮޅު ތެރެއިންނާއި މާލެއިން އެބަތިއްބެވެ. އެހެންނަމަވެސް ވާނެ ވަނި ކަމެއް ނުވަތަ ކުރެވޭނެ ވަކި ކަމެއް އޮތްބާއޭވެސް ހިތަށް އަރައެވެ. ލިބޭނީ ހަމަ ލިބޭ މީހުންނަށް ށެވެ. ފަގީރު މީހާއަށް އޮތީ ފަގީރު ގޮތެވެ. މިއަށްވުރެ މައްޗަކަށް ރާއްޖެއަކު ދެވޭކަށެއް ނެތެވެ. އަތުގައި ފައިސާ ނުވަތަ އެތެރޭގެ ގުޅުމެއް އޮތްނަމަ ޔަގީނުންވެސް ފްލެޓާއި، އެހެން ތަންތަނުންވެސް ޖާގަ ލިބުނީހެވެ. އެއީކީއެއް ލިބެން ހައްގުވާ މީހުންނަށް ބަލައިގެން، ނުވަތަ ޝަރުތު ފުރިހަމަވާ މީހުންނަށް ބަލައިގެން ދޭ އެއްޗެއްކަމަށް ބުނާ ބުނުމަކީ ހަގީގަތުގައިވެސް އަރަތެއް ބާއޭ ސުވާލު އުފެދެއެވެ.

ކެޔޮކޭވަރު އެނގޭނީ ބިރުފަންގެ ނެގީމައޭ މީހުން ކިޔައި އުޅޭ އަޑު އަހަމެވެ. އެހެންނަމަވެސް މިހާރަކު ބިތެއް ނެތެވެ. ހަމައެހެންމެ ނަގާނެ ފަންގެއެއް ނެތި އުޅޭ ހާލު، ކެޔޮކޭ ވަރު އެނގޭނެ ގޮތެއް ވެސް ހަމަ ނެތީއެވެ. މިވާގޮތުންނަމަ ކެޔޮލެއްގެ އަގު ހަމައަށް ދައްކައިގެންވެސް ކެވޭކަށެއް ނެތެވެ. ވީއިރު ކެޔޮކެވޭނީ ދާދިމަދުބަޔަކަށެވެ. ފްލެޓުގެ ތަޅުދަނޑި އޮތް މީހުން ކެޔޮ ކައިފާނެއެވެ. އެހެންނަމަވެސް އެމީހުންވެސް ކާނެ ގިނަ ކެޔޮތަކެއްވެސް ވަކި އޮންނާނެބާއޭ ހިތަށް އަރައެވެ.

ކޮންމެ ސަރުކާރަކުންވެސް، ކުރާ ކަންތައް ތަކުގެ ތެރޭގައި ފެންނަނީ ހަމަ އެއްކަމެކެވެ. މިއީ އިންސާފުގެ ދަތުރޭ ކިޔައިގެން ވެރިކަމަށް އައި ސަރުކާރެކެވެ. ނަމަވެސް މިފަދަ ވާހަކަތަށް އަަޑު އިވުމުން، އެއީ އިންސާފުގެ ދަތުރެއްތޯ، ނުވަތަ އަނިޔާގެ ދަތުރެއްތޯ ސުވާލު އުފެދެއެވެ.

ކޮންމެއަކަސް މިއޮތީ މިއަދެވެ. މިއީ އިއްޔެއެއްނޫނެވެ. ބަދަލުކުރުމާއި ބަދަލުވުމުގެ ފެށުންނިމި މިހާރު އެކަންކަމުގެ މެދާއި ހަމައަށް މިއޮތީ އާދެވިފައެވެ. އާންމު ރައްޔިތުންނަށް ދެން އޮތީ ބަދަލުގައި ހިފުމެވެ. ކެޔޮކޭވަރާއި ފެންބުއި ވަރު ވެސް ހޯދޭނީ އެކަންގަބޫލުކޮށްގެންނެވެ. އެހެންނޫނީ ބެލެވޭނީ އަނގައޮތީތީ ގުދޯ ގުދޯ ގޮވަނީކަމަށެވެ. މިހާރު މި ޒަމާނަކު ގުދޯ ގުދޯ އަކުން ކުރާނެ އަސަރެއް ނޯންނާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: