ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއް ހަމަލާ: އަދުހަމްއަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ނަޝީދަށް ދިން ހަމަލާގެ ޝަރީއަތަށް މީހުން ހާޒިރުކުރުން— ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މޭއި މަހުގެ 06 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލިކަމަށް އިއުތިރާފް ވެފައިވާ އަދުހަމް އަހުމަދު ރަޝީދަށް ހުކުމް ކުރަން ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލުކުރަން ނިންމައިފިއެވެ.

ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ، އަދުހަމްގެ ޝަރީއަތް މިއަދު ނިންމާލާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ހުކުމް އިއްވުމުގެ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބޮން ގޮއްވާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އަދި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ. އަދުހަމް ކުށަށް އިއުތިރާފުވެ ދައުލަތާއި އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އުފުލި ނިރުބަވެރި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓު ހަމާއަތަކަށް ތާއީދު ކުރި ދައުވާ އަނބުރާ ގެންދިޔަ އެވެ. މި ދައުވާތައް އުނި ކުރުމުން އޭނާގެ މައްޗަށް އަންނަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އޭގެ ކުރިން ހުރި ދައުވާތައް ހިމެނޭހެން ކުރިޔަށް ގެންދިޔަ ނަމަ 37 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަދުހަމްގެ މައްޗަށް އަންގާރަ ދުވަހު ހުކުމް އިއްވުމަށް ނިންމާފައި ވަނީ އަވަސް ނިޔާގެ ދަށުންނެވެ. އަވަސް ނިޔާގެ ދަށުން ހުކުމް އިއްވުމަކީ، ކުށަށް މިހާ އިއުތިރާފު ވުމުން ޝަރީއަތުގެ އެހެން މަރުހަލާތަކަށް ނުގޮސް މައްސަލައިގެ ނިޔާ ކަނޑައެޅުމެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދުހަމްއަކީ ހަމަލާ ދިނުމުގައި އަމަލީކޮށް އުޅުނު އެކަކެވެ. ހަމަލާ ދިނުމަށް އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލު ގޮއްވާލީ، ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގަ އެވެ. އަތަމާ ޕެލެސްގެ ތެރޭގައި ހުރެ ރިމޯޓެއް ބޭނުންކޮށްގެން އަދުހަމް ބޮން ގޮއްވާލާ މަންޒަރު ސީސީޓީވީން ފެނެ އެވެ. އަދި ބޮން ގޮވުމާއި އެކު އޭނާ މަޖީދީ މަގަށް ނިކުމެ ދުއްވައިގަނެ އެވެ.

ފުލުހުން ވަނީ ބޮން ގޮއްވާލުމަށް ފަހު އަދުހަމް އެރޭ މާލޭގައި އެކި މަގުތަކުގައި އުޅުނު މަންޒަރު ވެސް ފެންނަ ފުޓޭޖު ދައްކާފަ އެވެ. މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ބައްދަލުކޮށް، އެ މީހުން މަލޭގެ ގިނަ މަގުތަކުގައި ހިނގާފައި އުޅޭ މަންޒަރު ސީސީޓީވީން ފާހަގަ ކުރެވެ އެވެ.

މައްސަލައިގައި މީޑިއާތަކަށް ފުލުހުން ބުނީ ހަމަލާގެ ތިން ދުވަސް ކުރިން އަދުހަމް ރައީސް ނަޝީދަށް ފާރަލާން ފެށި ކަމަށެވެ. އަދި ބޮން ހަރުކޮށްފައިވާ ސައިކަލު މަޖީދީ މަގުގައި ބެހެއްޓީ ހަމަލާގެ އެއް ދުވަސް ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: