ވޭތުވެ ދިޔަ 3 އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދުކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކަމުގައި ވީނަމަވެސް، ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލު ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުން މުހިއްމު ކަމެކެވެ. އެހެންކަމުން، ޑެންގީއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ. އަދި ފަތިސް ގަޑީގައާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި ހުސް ފުޅި ނުވަތަ ދަޅު ފަދަ ފެން ހަރުލާ ފަދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން ވެސް އިލްތިމާސް ކުރި އެވެ.
ޑެންގީ ބަލި ޖެހިއްޖެ ނަމަ ގޭގައި ދެވިދާނެ ފަރުވާތަކުގެ ތެރޭގައި އަރާމުކުރުން ހިމެނެއެވެ. މީގެ ސަބަބުން، ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުން ވެސް ރައްކާތެރި ކޮށްދެއެވެ. އަދި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުން ވެސް ހިމެނެއެވެ. ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާފެން، ލޮނު ޕެކެޓް އަދި ސޫޕްފަދަ ތަކެތި ހިމެނެއެވެ. މީގެއިތުރުން ހުން މަޑުކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ. 3 ދުވަހަށްވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
ތާފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރު އޮކްޓޫބަރު މަހު ޑެންގީ ޖެހިގެން އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ވަނީ 10 މީހުންނެވެ. އެހެންނަމަވެސް، މި އަހަރުގެ އޮކްޓޫބަރު މަހުގެ ފަހު ހަފްތާގައި ޑެންގީ ޖެހިގެން އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ވަނީ އެއް މީހެކެވެ. ނަމަވެސް މި އަހަރުގެ ނޮވެންބަރު މަހުގައި އެޗްޕީއޭއަށް ޑެންގީ ޖެހިގެން 22 މީހަކު ރިޕޯޓު ކުރި އެވެ. ނޮވެންބަރުގެ ފަހު ހަފްތާގައި ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 5 މީހުންނެވެ.
ވޭތުވެ ދިޔަ 3 އަހަރާއި އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.އެޗްޕީއޭއިން ބުނީ، މިދިޔަ މަހާއި އަޅާބަލާއިރު ނޮވެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށެވެ. އެހެންނަމަވެސް، އަދި ރޯގާއިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރި އެވެ.
މިއަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެންބަރު މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ މަދުވެފައެވެ. އަދި މީގެ ތެރެއިން ޕޮޒިޓިވް ވެފައިވާ އަދަދުވެސް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން، ނިސްބަތުން ނޮވެންބަރު މަހު ޕްޒިޓިވިޓީ ވަނީ ދަށްވެފައެވެ.
އެހެންކަމުން މިއަހަރުގެ އޮކްޓޫމަރު މަހު އަރިދަފުސް ރޯގާ ޖެހިގެން އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ވަނީ 3،0483 މީހުންނެވެ. އަދި އޮކްޓޫބަރު މަހުގެ ފަހު ހަފްތާގައި އަރިދަފުސް ރޯގާ ޖެހިގެން އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ވަނީ 5،602 މީހުންނެވެ. މީގެއިތުރުން، މިއަހަރުގެ ނޮވެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ވަނީ 19،598 މީހުންނެވެ. އަދި ނޮވެންބަރު މަހުގެ ފަހު ހަފްތާގައި އަރިދަފުސް ރޯގާ ޖެހިގެން އެޗްޕީއޭއަށް ރިޕޯޓްކޮށްފައި ވަނީ 4،714 މީހުންނެވެ.
މީގެއިތުރުން، މިއަހަރު އޮކްޓޫބަރު މަހު އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނީ 2،176 މީހުންނެވެ. އަދި އޮކްޓޫބަރު މަހު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 598 މީހުންނެވެ. އެހެންކަމުން، މިއަހަރު ނޮވެންބަރު މަހު އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނީ 685 މީހުންނެވެ. އަދި ނޮވެންބަރު މަހު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 104 މީހުންނެވެ. މި އަހަރު މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު އަދަދަކީ 3،757 މީހުންނެވެ. އަދި މިއަހަރު މިހާތަނަށް އިންފްލުއެންޒާއަށް ޕްޒިޓިވްވި މީހުންގެ އަދަދަކީ 875 މީހުންނެވެ.
އާއްމު އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން ހިމެނެއެވެ. އަދި އާއްމު ސާފުތާހިރުކަމަށް ހާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަން ދިނުން ހިމެނެއެވެ. މީގެއިތުރުން، ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި އާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުންވެސް ހިމެނެއެވެ.
ބަލިވެގެން ޑޮކްޓަރަށް ދައކާއިރު ބަލިމީހާ އާއިއެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުމާއި، ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާަލަތްތަކުގައި މެނުވީ ހޮސްޓަލަށް ނުދިއުންވެސް ހިމެނެއެވެ. އަދި މިއީ ކޮވިޑްގެ ބަލިއުޅޭ ދަވަސްވަރެއްކަމުން ބޭރުތެރޭގައި އުޅޭއިރު އަބަދުވެސް މާސްކު އަޅައިގެން އުޅުން މުހިއްމު ކަމަށް އެޗްޕީއޭއިން ބެނެފައިވެއެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ 3 އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ބޭރަށްހިނގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު މަދުކަމަށް އެޗްޕީއޭއިން މައުލޫމާތު ދެ އެވެ.
މިދިޔަމަހާ އަޅާބަލާއިރު ނޮވެންބަރު މަހު ބޭރަށްހިނގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ބޭރަށްހިނގުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން ބޭރަށްހިނގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި، ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި، ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީ އާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުންކުރުން ހިމެނެއެވެ.
މީގެއިތުރުން، ގޭގައި ކާބޯތަކެތި ރައްކާކުރާއިރު، ރައްކާކުރާ ތަނަކީ ސާފިތާހިރު ތަނެއްތޯ ބެލުމާއި ކާބޯތަކެތި ތައްޔަރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުމާއި، ކެއކުމަށާއި ފެންބުެިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުަވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓަރ ސަޕްލައި ފެން ނުވަތަ ފެން ކައްކާގެން ބޭނުންކުރުން ވެސް ހިމެނެއެވެ.
ހަމައެހެންމެ، ބޭރަށް ހިނގުމއި ހޮޑުލުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓު (އޯ އާރ އެސް) ފެން އަދި ސޫޕާއި ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރުދިނުން ކުރިއަށް ގެންދިއުމާއި ބޭރަށް ހިނގުމުގެ އިތުރުން އާދަޔާ ހިލާފަށް ކަރުހިއްކުމާއެކު އެނބުރުން އެރުމާއި މާބޮޑަށް ވަރުދެރަވުމާއި ކުޑަކަމުދެވޭ މިންވަރު މަދުވުމާއި ގިަނގިނައިން ހޮޑުލެވުން އަދި ލެވޭހޮޑުގައި ލޭގެ އަސަރު ހުރުމާއި ބޮޑުކަމުދެވޭ ތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކަން ވާނެއެވެ. އަދި ބޭރަށް ހިނގުމުގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން ސްކޫލު ކުދިން ސްކޫލަށް ނުފޮނުވާ އަދި ވަޒީފާއަށް ދަމީހުން މަނައްކަތައް ނުނިކުމެ ގޭގައި އަރާމުކުރުން ވެސް ހިމެނެއެވެ.

