ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް: އިދިކޮޅު

އިދިކޮޅުން ހުސްވި ހަފްތާގައި ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން އޭސީސީގެ މެމްބަރުން ވަކި ކުރަންއުޅުމަކީ ސަރުކާރުގެ ނުފޫޒު މިނިވަން މުއައްސަސާތަކަށް އޮތްކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ކޯލިޝަން ކަމަށްވާ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ކޯލިޝަނުން އާއްމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް ނިމި، ޗުއްޓިއަށް ގޮސްފައިވަނިކޮށް، ދައުރުން ބޭރުން ޖަލްސާއެއް ބާއްވުމަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ. އެއީ ދައުރުން ބޭރުން ޖަލްސާ އެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް، އެ މެމްބަރުން ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ގޮތަށް ބާއްވާ ޖަލްސާއަކަށް ވުމުންކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅުން ބުނި ގޮތުގައި ޕީޕީއެމްގެ މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން، މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާއި މުޅިން ހިލާފު ކަމެކެވެ. ސަރުކާރުގެ މިފަދަ އަމަލުތަކުން ދޭހަވެގެންދަނީ މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އޮންނަ ކަމަށާއި، އޭސީސީގެ ހުރިހާ މެމްބަރުން ވަކި ކުރުމަކީ އެ މުއައްސަސާގެ ބާރު ކަނޑުވާލައި، ޑިމޮކްރަޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިހްތިރާމެއް ނުކުރާ ކަމުގެ ހެއްކެއް ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ކޯލިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އޭސީސީ އިން މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި، މި ކޮމިޝަނުގެ މަސައްކަތް ކުރަންޖެހޭ ފުރިހަމަ ގޮތުގައި ނުކުރެވޭ ކަމަށް ފާޑުކިއުމާއި އެކުއެވެ.

ކޮމެޓީގެ މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ނުނިމި ދިގުލައިގެން ދިޔުމެވެ. މިމައްސަލައާއި އޭސީސީގެ މަސައްކަތުގެ ސްޕީށް ޖުމްލަކޮށް ލަސްވުމާއި ގުޅިގެން  ކޮމިޝަންގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރުމުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި ނިންމުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާނެކަމަށާއި އިތުރު މުވައްޒަފުންވެސް ބޭނުންވާނެކަމަށެވެ. އާންމު އުސޫލެއްގެ ގޮތުގައި ބަލާއިރު، އެމްއެމްޕީއާރްސީ ފަދަ ޚިޔާނާތުގެގެ މައްސަލަ ބަލައި ނިންމުމަށް އަށް މަސްދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިވަގުތު ހުރި ވަސީލަތްތަކާއި ބަޖެޓުން ސަރުކާރާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ސްޕީޑްގައި އެމަސައްކަތް ކުރިއަށްނުދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ. އޭސީސީގެ މަސައްކަތްތައް ކުރިއަށްވުރެ ރަނގަޅުވެފައިވާކަން ގަބޫލުކުރާނަމަވެސް، އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ސްޕީޑް ލަސްކަމަށް ގަބޫލުކުރައްވާކަމަށްވެސް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަންގެ ރައީސާ ޝިއުނާ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވައި ކޮމެޓީގެ ބައެއް މެމްބަރުން ވަނީ އެކަށީގެންވާ ވަސީލަތްތަކާއި ހިޔުމަން ރިސޯސް ނެތްކަން ކޮމިޝަނުން ފާހަގަކުރުމުން ކޮމިޝަނުން ބޭނުންވާ ގޮތަށް ސްޓްރަކްޗަރ ބަދަލުކުރުމަށް ބޭނުންވާ ކަންކަން ހުށައެޅުމަށް ކޮމިޝަނަށް ދަންނަވާފައިވާނެކަމަށް ކޮމެޓީ މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެފަދަ އެއްވެސް ކަމެއް ހިއްސާކުރައްވާފައިނުވާކަން ކޮމެޓީގެ މެމްބަރުން ފާހަގަކުރައްވައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގެ އިތުރުން ވެންޓިލޭޓަރު މައްސަލާގައިވެސް އޭސީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އޭސީސީއިން ތިން ފަހަރަށް ވެންޓިލޭޓަރު މައްސަލާގައި ދައުވާކޮށްދިނުމަސް ފޮނުވުމުންވެސް ބައެއް ކަންކަން ފުރިހަމަނުވާކަމަށް ބުނެ ޕީޖީއިން ތިން ފަހަރުމަތިންވެސް އެމައްސަލަ ވަނި އަނބުރާ އޭސީސީއަށް ފޮނުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: