ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަޅުގަނޑު މަރާލަން ފަންޑު ކުރީ ކާކު”

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް އަހަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުމަށް މަސައްކަތް ކުރިތާ މިއަދަށް މިވަނީ އަހަރެއް ވެފައެވެ. ހަމަލާގައި ސީރިއަސް ޒަހަމްތަކެއް ލިބި، އޭޑީކޭގައި ރައީސް ނަޝީދުގެ ގިނަ ސާޖަރީތަކެއް ކުރަން ޖެހުނެވެ. އަދި އެއަށްފަހު ޖަރުމަން ވިލާތުގައި ފަސް މަސް ދުވަހު ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.

ރައީސް ނަޝީދަށް ފާރަލައި، އެމަނިކުފާނަށް ޖާސޫސްކޮށް ހިންގި މި ހަމަލާގެ ތަހުގީގު ކުރިޔަށް ދާ ގޮތާއި ގުޅޭ ގޮތުން ފުލުހުން އެންމެ ފަހުން ޕްރެސްއެއް ބޭއްވީ މިދިޔަ އަހަރު މެއި މަހުގެ 20 ގައެވެ. އެއީ ހަމަލާ ހިނގި ހަފްތާގެ ތެރޭގައި ޕްްރެސްތަކެއް ބޭއްވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. އެހެން ނަމަވެސް، އެ ދުވަހުގެ ޕްރެސް ވެސް ނިންމާލަން ޖެހުނީ ނޫސްވެރިންނާއި އާއްމު ރައްޔިތުންނަށް ތަހުގީގުގެ ކުރިއެރުންތަކާއި ބެހޭ އެއްވެސް މައުލޫމާތެއް ނުލިބި އެވެ.

މިހާތަނަށް ފުލުހުން ބޭއްވި ޕްރެސްތަކުގައި ލިބިގެން ދިޔަ މާބޮޑެތި އާ މައުލޫމާތުތަކެއް ނެތެވެ.

 

އެންމެ ފުރަތަމަ ޕްރެސް: 07 މެއި 2021

މައްސަލައިގައި ފުލުހުންގެ ފަރާތުން ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާގެ އިންޓެލް އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. އެ ދުވަހުގެ ޕްރެސްގައި ނޫސްވެރިން ވަނީ މިފަދަ ބޮޑު ހަމަލާއެއް ދިންއިރު އޭގެ ހިލަމެއް ފުލުހުންގެ އިންޓެލިޖެންސްއަށް ނުވި ސަބަބާއި މެދު ސުވާލު އުފައްދާފައެވެ. ނަމަވެސް ސީޕީ ހަމީދު ވިދާޅުވީ އިންޓެލިޖެންސްގެ މަސައްކަތްތައް ނުހުއްޓޭކަމަށެވެ. އަދި ހަމަލާގެ އިންޓެލިޖެންސް ފުލުހުންނަށް ނުލިބި އޮތީ ކީއްވެގެންތޯ ކަމާއި ގުޅުންހުރި ފަރާތްތަކުން ބަލައި ތަހުގީގު ކުރާނެކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މަސައްކަތް ކުރަނީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ތިބި މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމަށެވެ.

އެ ދުވަހުގެ ޕްރެސްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ދިވެހި މުޖްތަމައުގެ ތެރޭގައި ބޮން ހެދުމާއި، އައިއީޑީތައް ގޮއްވާލުމުގެ ތަމްރީނާއި އެ ގާބިލުކަން ލިބިގެންވާ މީހުން އެބަތިބި ކަމަށެވެ. އެ މީހުން މުޖްތަމައުއަށް ދޫވެފައި ތިބި ސަބަބާއި މެދު އޭނާ އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

ރިޔާޒް ވަނީ ހަމަލާގެ އެއްވެސް ބައިވެރިއަކަށް ނުވަތަ ތުހުމަތު ކުރެވޭ މީހަކަށް ފިލައިގެން ރާއްޖެއިން ބޭރަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ބުނެފައެވެ.

މިއީ އެންމެ ފުރަތަމަ ޕްރެސްގައި ފުލުހުން އަލިއަޅުވާލި މައިގަނޑު ހަތަރު ނުކުތާ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު އެންމެ ފުރަތަމަ ހައްޔަރު ކުރީ 2021، މެއި 08 ގައެވެ. އެ ދުވަހު މާލެއާއި ހުޅުމާލޭގެ ގެއެއް ބަލާ ފާސްކޮށް އައިއީޑީއެއް ހެދުމަށް ބޭނުންކުރާ ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ދެވަނަ ޕްރެސް: 08 މެއި 2021

މި ޕްރެސްގައި ފުލުހުން ހިއްސާ ކުރީ އެ ދުވަހު ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރެވެ. އަދި ރައީސް ނަޝީދު ނީލޯފަރު މަގުން ގޮސް މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅާއި އަރާ ހަމަވާތަނުން އައިއީޑީ ގޮއްވާލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު އާއްމު ކުރި އެވެ.

މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މުޖާޒް އަހުމަދު، މއ. ފޭރުގެ، (21 އ) އާއި ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ، (32 އ) އެވެ. އޭސީޕީ ރިޔާޒު ވިދާޅުވި ގޮތުން މި ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ.

ފުލުހުން މުޖާޒް ހައްޔަރު ކުރީ، އަލިކިލެގެފާނު މަގުގައި ހުންނަ ގެއަކުންނެވެ. އަދި އޭނާ ހައްޔަރު ކުރީ ބޭރުގައި އުޅުމަށްފަހު ގެއަށް އައި ވަގުތު އެވެ. އެދުވަހު އެސަރަހައްދުން ސައިކަލެއް ވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައެވެ. އޭގެ ފަހުން ތަހުމީން ހައްޔަރުކުރީ ހުޅުމާލެ ރަބަރުގަސްމަގު ހަތަރު ނަމްބަރު ގޯޅީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މި މައްސަލަ ގޮސް ގުޅެނީ ހަރުކަށި ފިކުރާއިކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ޕީޖީގެ ވާހަކާއި އެކު ނޫސްވެރިންގެ ސުވާލުތައް އިތުރުވުމުން ސިޕީ ހަމީދު ވިދާޅުވީ އެ މީހުން ގުޅެނީ ކޮން ޖަމާއަތަކާއިކަން ހޯދިފައި ނުވާ ކަމަށެވެ.

ހަމަ މި ބައްދަލުވުމުގައި އަތަމާ ޕެލެސް ކައިރީ ހުރުމަށްފަހު، ކުއްލިއަކަށް ގޯޅީގެ ތެރެއަށް ވަދެ ދުވެފައި ދާ މީހެއް ފެންނަ ފޮޓޯތަކެއް އާއްމު ކުރިއެވެ. އެ ފޮޓޯއަކީ އެއީ ރައީސް ނަޝީދަށް ހަމަލާ ދިން ރޭގެ ޖެހިގެން އައި ރޭ ވެސް ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކެކެވެ. މި ފޮޓޯ އާއްމުކޮށް ފުލުހުން ބުނީ، މިއީ ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މައި މީހާ ކަމަށެވެ. އެހެންވެ، އޭނާ ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދުނެވެ.

އޭގެ ޖެހިގެން އައި ދުވަހުގެ ފަތިހު، ފުލުހުން އޭނާ ހައްޔަރު ކުރީ ހުޅުމާލޭ ފްލެޓު 95 ޖީ2 އިންނެވެ.

ތިންވަނަ ޕްރެސް: 09 މެއި 2021

ޓެރަރިސްޓު ހަމަލާގެ ޕްރައިމް ސަސްޕެކްޓެއްގެ ގޮތުގައި އަދުހަމް އަހުމަދު ކިޔާ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަ ކުރީ މި ޕްރެސްގައެވެ. މިއީ މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ތިންވަނަ މީހާ އެވެ. އަދި އަދުހަމްއަކީ މައްސަލައިގައި ދައުވާ އުފުލާފައިވާ 09 މީހުންގެ ތެރެއިން މިވީ އަހަރެއްގެ ތެރޭގައި ހުކުމް އައި ހަމައެކަނި މީހާ އެވެ. ޓެރަރިސްޓް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލުމުން އޭނާގެ މައްޗަށް އައީ 23 އަހަރުގެ ހުކުމެކެވެ.  ހަމަލާ ދިނުމުގައި ބައިވެރިވެވުނީ ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ކަމަށާއި އެ ހަމަލާގައި ނަޝީދާއި އިތުރު ބަޔަކަށް އަނިޔާ ވެފައިވާތީ ނަޝީދާއި އަނިޔާ ލިބުނު އެންމެންގެ ކިބައިން މައާފަށް އެދޭކަމަށް ޝަރީއަތުގައި އަދުހަމް ބުނެފައި ވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އައިއީޑީ ގޮއްވާލި ވަގުތާއި އޭގެ ކުރިން އަދުހަމްގެ ހަރަކާތްތައް ހުރި ގޮތާއި، އެ ހާދިސާގެ ފަހުން އޭނާއާއި އެކު ދެން ހައްޔަރު ކުރި މީހުންގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ސީސީޓީވީ ފުޓޭޖު ހިއްސާކޮށްފަ އެވެ. އަދި އޭނާގެ ޖީބުން ހުދު ކުލައިގެ ރިމޯޓެއް ނަގައިގެން ހުންނަތަން އެ ވީޑިއޯއިން ސާފުކޮށް ފެނެ އެވެ. ރައީސް ނަޝީދު ގެއިން ނިކުތްކަން އެނގުމާއި އެކު އެކަމަށް ސަމާލުވެ ހުރެ، އަދުހަމް އައިއީޑީ ގޮއްވާލަ އެވެ. އަދި އަތަމާއިން ނިކުމެ، ދުއްވައިގަނެ އެވެ. 

ހާދިސާ ހިނގުމުގެ ކުރިން އަދުހަމް ހުރީ އެ ސަރަހައްދުގައި ހުންނަ މަޝްހޫރު އަތަމާ ޕެލަސް ރެސްޓޯރަންޓުގެ ތެރޭގައި ފޯނުން ވާހަކަ ދައްކާށެވެ. އޭނާ ފޯނުން ވާހަކަ ދެއްކުމަށްފަހު، ހަމަޖެހިލަން ފައިވާން ބާލައި ފާރުގައި ފައި ޖައްސާލަ އެވެ. ފުލުހުން ވަނީ، އެއީ މުހިންމު ހެއްކެއްކަން ފާހަގަކޮށް އަދުހަމްގެ ޑީއެންއޭއާއި އެތަނުން ނެގި ފޮރެންސިކް ސާމްޕަލްތަކާއި ދިމާވާކަން ފާހަގަކޮށްފަ އެވެ. ހަމަލާ އަށްފަހު އަދުހަމް މުޖާޒާ ބައްދަލު ކުރިއިރު، އޭނާއަކީ ހަމަލާއާއި ސީދާ ގުޅުން އޮތްމީހެއްކަމަށް ފުލުހުން ބުނެ އެވެ.

ދެން ހައްޔަރު ކުރި ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރި މީހާ އެވެ. ސައިކަލު ގޮއްވާލުމުގެ ކުރިން ސައިކަލުގެ އިންޖީނު ރެޖިސްޓްރީ ނަންބަރު ބަދަލު ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ފޮރެންސިކު ޓީމުން އޭގެ އަސްލު ދެނެގަނެފައިވާ ކަމަށް އޭސީޕީ ރިޔާޒު ވަނީ ވިދާޅުވެފައެވެ.

އަދުހަމް އަކީ އާންމު ކުށްތަކުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތަފްސީލެއް ހާމަ ކޮށްފަ އެއް ނުވެއެވެ.

މި ތިން މީހުންނަކީ ހަމަލާ އާއި ސީދާ ގުޅުން އޮތް މީހުންކަމަށް ފުލުހުން ބުނި ނަމަވެސް، މިހާތަނަށް ހުކުމް ކުރި ހަމައެކަނި މީހަކީ އަދުހަމް/ އަދުހަމަށް ހުކުމެއް އައީ އިއުތިރާފު އެއްބަސްވުމެއް ހެދުމުން

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް، ލ.ގަން / ދުންފިނި އުފާ، އަހުމަދު ފާތިހު (23 އ) ހައްޔަރުކޮށްފައި ވަނީ މެއި 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ އަކީ އައިއީޑީ ހަރުކޮށްފައިން ސައިކަލު މަޖީދީ މަގުގައި ޕާކު ކުރި މީހާ އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި، ބަންދުން ވަނީ ދޫކޮށްލާފަ އެވެ.

ފާތިހު ދޫކޮށްލި ސަބަބާއި މެދު ނޫސްވެރިން ސުވާލު ކުރަން ފެށުމުން ފުލުހުން ބުނީ، މިވަގަތުގެ ތަހުގީގަށް އޭނާ ބަންދުގައި ނުބެހެއްޓި ނަމަވެސް ކުރިޔަށް އޮތް ތަނުގައި ތަހުގީގަށް އިތުރު ހެއްކެއް ލިބިއްޖެ ހާލަތެއްގައި އޭނާ އާއި ސުވާލު ކުރާނެ ކަމަށެވެ.

އެންމެ ފުރަތަމަ ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައީ ފާތިހު، އެ ވަޒީފާ ދޫކޮށް ފުލުހުންގެ އިންޓެލިޖެންސާއި ގުޅުނު އިރު ހަރުކަށި ފިކުރުގެ ތެރެއަށް ކޮންމެވެސް ވަރަކަށް ވަދެފައިވާކަމަށް މައުލޫމާތު ލިބެ އެވެ. ހަމަލާގެ މައްސަލައިގައި ފާތިހު ހައްޔަރު ކުރީ، އޭނާ ފުލުހުންގެ ވަޒީފާ ދޫކޮށްލި ފަހުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ: ފާތިހުއަށް އަދި ދައުވާ ކުރެވެން ނެތް!

ހަތަރު ވަނަ ޕްރެސް: 11 މެއި 2021

މި ޕްރެސްގައި ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދަނީ ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ. ނަމަވެސް މިއީ އިތުރު އެއްވެސް އާ މައުލޫމާތެއް ލިބުނު ޕްރެސް އެއް ނޫނެވެ. ފަންޑު ކުރި މީހުންނާއި، ތަހުގީގު ގޮސްފައި އޮތް ހިސާބު އަދި ދައުވާ ކުރަން ފޮނުވޭނެ ދުވަހެއް ތަހުގީގު ކުރިޔަށް ދާ މައްސަލައެއްކަމަށް ބުނެ ހިއްސާއެއް ނުކުރި އެވެ.

ފަސްވަނަ ޕްރެސް: 20 މެއި 2021

ރައީސް ނަޝީދު އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދިޔައިރު އެ ހޮސްޕިޓަލުގެ ފާހާނާގެ ތެރެއިން ފިސްތޯލައެއް ފެނުނެވެ. ނޫސްވެރިއެއްގެ ސުވާލަށް ފުލުހުން ބުނީ، އެކަމާއި ބެހޭ މައުލޫމާތާއި ނުލައި ޕްރެސްއަށް އާދެވުމުން އެކަން ޕޮލިސް މީޑިއާ މެދުވެރިކޮށް ނޫސްވެރިންނާއި ހިއްސާ ކުރާނެ ކަމަށެވެ. އޭގެ ފަހުން ނޫސްވެރިން ގުޅައި ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ، އެއީ ސެކިއުރިޓީއެއްގެ ފިސްތޯލައެއް ކަމަށާއި އޭނާއަށް އެ ފާހާނާގައި ބޭއްވުނީ އޮޅިގެން ކަމަށެވެ. އަދި ވަގުތީ ގޮތުން އޭނާ މަސްއޫލިއްޔަތުން ދުރުކޮށްފައިވާކަމަށް ބުންޏެވެ.

މި ޕްރެސްގައި ދެކެވުނު މުހިންމު ވާހަކައަކީ މިއީ އެވެ. އިތުރު ތަފްސީލެއް ނުލިބެ އެވެ. މީގެ ކުރިން ދައްކާފައި ހުރި ވާހަކަތައް ތަކުރާރުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި އޮޕަރޭޝަންތައް ކުރިޔަށް ގެންދާކަމަށް ބުންޏެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އަހަރެއް ވެގެން ދިޔައިރު، ގިނަ އާއްމުންނާއި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުގެ ކަންބޮޑުވުމަކީ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ނުލިބުމެވެ. އަދި މިވަގުތު ހައްޔަރުގައި ތިބި މީހުން ނޫން އިތުރު ބައެއްގެ އަތެއް މީގައިވާނެކަމާއި، ފަންޑު ކުރި ބަޔަކު ހޯދިއްޖެތޯ ދަނީ ސުވާލު ކުރަމުންނެވެ. މި ސުވާލުތަކަށް ޖަވާބު ދޭން ފުލުހުން އުޒުރުވެރި ވަނީ ތަހުގީގު ކުރިޔަށް ދާތީ އިތުރު މައުލޫމާތެއް ހިއްސާ ކުރެވެން ނެތްކަމަށް ބުނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި “ސަންގު” އިން އަމާޒު ކުރި ސުވާލަށް ފުލުހުން ބުނީ އެކި ގޮތް ގޮތުން ހައްޔަރުގައި އޭރު ތިބި 14 މީހުންގެ ތެރޭގައި މީގެ ކުރިން ވެސް ހަރުކަށި ފިކުުރު ފެތުރުމުގެ ތުހުމަތަށް ހައްޔަރު ކުރި މީހުން ހިމެނޭ ކަމަށެވެ. އަދި ހަމަލާއެއް ދޭން އުޅުނު ބަޔަކު ވެސް އެފަދަ ގޮތަކަށް ހިމެނޭއިރު، މިވަގުތު ކޯޓުގައި ޓަރަރިޒަމްގެ ކުށުގައި މައްސަލަތައް ކުރިޔަށްދާ މީހުން ވެސް ފުލުހުންގެ ހައްޔަރުގައި އެބަތިއްބެވެ.

މީގެތެރެއިން މީީޑިއާތަކަށް ޔަގީންކޮށް އެނގޭ އެއް ނަމަކީ އަބްދުﷲ އަލިމަނިކެވެ. އޭނާއަކީ 2007 ގައި އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. މައްސަލައިގައި ކޯޓުން އިއްވި 10 އަހަރުގެ ހުކުމް ފުރިހަމަ ވާން ބާކީ ދުވަސްތަކެއް އޮއްވައި އޭނާ މިހާރު “ރަނގަޅު” ކަމަށް ނިންމައި ދޫކޮށްލީ މި ސަރުކާރުންނެވެ. ޓެރަރިޒަމަށް ހިއްވަރުދީ، ހަރުކަށި ފިކުރު ފަތުރައި، ހަމަލާތައް ދޭން ރާވާފައިވާކަމަށް ބުނެ ދައުލަތުން ކުރާ ބޮޑެތި ތުހުމަތުތަކަށް ޝަރީއަތުގައި އަލިމަނިކުގެ އެންމެ ބޮޑު ދިފާއަކީ ވެސް މުޖްތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ތުހުމަތު ކުރާނަމަ މި ސަރުކާރުން އޭނާ ދޫކޮށްލި ސަބަބާއި މެދު އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ފުލުހުން މިހާތަނަށް ބޭއްވި އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ލިބުނު އާ މައުލޫމާތެއް ނެތެވެ. ލިބުނު ކުރިއެރުމެއްގެ ވާހަކަ ވެސް ހިއްސާއެއް ނުކުރެވުނެވެ. ކޮންމެ ޕްރެސްއެއް ނިމޭއިރު ނޫސްވެރިން ހިތްހަމަނުޖެހިފައި ތިބި މިންވަރު ރިޕޯޓުތަކުން ފެންނާނެ އެވެ. އަދި އާއްމުންގެ ރުޅިގަނޑު މީސް މީޑިއާއިން ފެންނާނެ އެވެ.

ހަވަނަ ޕްރެސް: 25 ޖުލައި 2021

ރައީސް ނަޝީދަކީ ތްރެޓް ލެވެލް ހައި، ސެކިއުރިޓީ ވަރުގަދަ ވާން ޖެހޭ ބޭފުޅެއްކަން އެންމެން ވެސް ގަބޫލު ކުރެ އެވެ. އިންޓެލް ފެއިލްވެ ދިން މި ހަމަލާގެ ކުރިން ވެސް އެކި ފަހަރު މަތީން ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދޭން މަސައްކަތް ކުރިކަން ފުލުުހުން ހިއްސާ ކުރީ މި ޕްރެސްގަ އެވެ. އެގޮތުން އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ލައިލާ އަލީގެ ގެކޮޅު ޔާގޫތުގެ ސަރަހައްދުގައި އެއްޗެއް ގޮއްވާލަން ޕްލާންޓު ކުރުމާއި، ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތާއި ދިމާކޮށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މަޝްހޫރު މޭރީ ބްރައުން ސަރަހައްދުގައި އެއްޗެއް ގޮއްވާލަން ރޭވުން ހިމެނެ އެވެ.

މީގެއިތުރުން ރައީސް ނަޝީދު އާއްމުކޮށް ގެއިން ނިކުންނަވާ ވަގުތު ހަމަލައެއް ދޭން ވެސް މަސައްކަތް ކުރި އެވެ. ހަމަލާ ދޭން ބޭނުން ކުރި ސައިކަލަކީ 2019 ވަނަ އަހަރުގެ ތެރޭގައި ގަނެފައިވާ ސައިކަލެކެވެ. އަދި އޭރުން ފެށިގެން އޭގައި އައިއީޑީއެއް ޕްލާންޓު ކުރަން މަސައްކަތްކޮށްފައި ވެއެވެ.

ޔާގޫތުގެ ކައިރީ ބޮމެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލަން ވެސް މަސައްކަތް ކުރި!

ފުޅާ ދާއިރާއެއްގައި އެކަމުގެ ބަހުސްތަކާއި މަޝްވަރާ ކުރުމަށްފަހު، މޭރީ ބްރައުން ސަރަހައްދުގައި އައިއީޑީ ގޮއްވާ ނުލަން ނިންމީ ބޭނުންވާ ގޮތަށް އެކަން ނުކުރެވިދާނެކަމަށް އެ މީހުންނަށް ގަބޫލު ކުރެވިގެންނެވެ.

ރައީސް ނަޝީދުގެ ހާއްސަ މެސެޖު: 12 މެއި 2021 

ރައީސް ނަޝީދަށް ދިން ހަމަލާއަކީ، މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ހާދިސާ އެކެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ސީރިއަސް ޒަހަމްތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ރާއްޖޭގައި ލިބުނު ފަރުވާއަށް ޝުކުރު އަދާކޮށް ޓްވީޓެއް ކުރެއްވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން: 2 ޖޫން 2021 

ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިން ގާތުން ބަލައި، މޮނީޓާރ ކުރުމަށް ނިންމައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ހުށަހެޅީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. ވައްޑެ ގަރާރުގައި ބުނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ތިބި މީހުންނާއި، އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެނައުން ދިގުލައިގެން ގޮސްފާނެތީ ކަންބޮޑުވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތަހުގީގު ހިނގާގޮތް ޕާޓީގެ ފަރާތުން ގާތުން ބަލައި ފާރަވެރި ވުމަށް، ގައުމީ މަޖިލީހުން ކޮމެޓީއެއް ހެދުމަށް ގަރާރުގައި ހިމެނުއްވި އެވެ.

ގައުމީ މަޖިލީހުން އެކުލަވާލި، “މެއި ހައެއް ކޮމިޓީ”

ހަމަލާގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިން މެއި ހައެއް ކޮމިޓީއެއް އެކުލަވާލައި، ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޯރަމް ހަމަނުވުމެވެ. 180 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ވަޒީރުން ބައިވެރިވެފައި ނުވެ އެވެ. އަދި ބައްދަލުވުން ފެށުމަށް ނިންމާ ގަޑީގެ އެތައް އިރެއް ފަހުން، ބައްދަލުވުން ފަށައި އަނެއްކާވެސް ވަކި ހިސާބަކުން މެދުކަނޑާލަން ޖެހެނީ ކޯރަމް ހަމަ ނުވެގެންނެވެ.

މިއަދާއި ހަމައަށް ވެސް ރައީސް ނަޝީދާއި އަރިސް މެމްބަރުން، ތުހުމަތު ކުރައްވަނީ ބަޔަކު ގަސްތުގައި ގައުމި މަޖިލީހުގެ ކޯރަމް ގެއްލުވާލީކަމަށެވެ.

ކޮމިޓީން ހިއްސާ ކުރި ބައެއް މައުލޫމާތުތައް: މިއީ ތަހުގީގީ އިދާރާތަކުން މީޑިއާތަކާއި ހިއްސާ ކުރި ވާހަކަތަކެއް ނޫން

އެމްޑީޕީގެ މެއި ހައެއް ކޮމިޓީގެ ބައްދަލުވުންތައް “ސަންގު ޓީވީން” ގަވައިދުން ލައިވް ކުރަމުން ދިޔަ އެވެ. އަދި އެކަން ގާތުން ކަވަރު ކުރި ނޫސްވެރިއެއްގެ ހައިސިއްޔަތުން ފާހަގަ ކުރެވޭ ބައެއް މައުލޫމާތުތަކެއް އެބަހުއްޓެވެ.

ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހިމެނިވަޑައިގަންނަވާ އެ ކޮމިޓީން ދެއްކި ބައެއް ވާހަކަތަކަށް ފުލުހުން އެއްވެސް ރަސްމީ ކޮމެންޓެއް ނުދެއްވަ އެވެ. ނުވަތަ އެކަން ރައްދުވާ އިދާރާއަކުން ވެސް ކަށަވަރުކޮށް ނުދޭއިރު، ބައެއް ވާހަކަތަށް ދޮގުކޮށް އިދާރާތަކުން ބަޔާން ނެރެފައި އެބައްހުޓެވެ.

  • ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަމުގެ ތުހުމަތު:

ގައުމީ ޔުނިވާސިޓީގެ ބައެއް ދަރިވަރުންތައް “މިހާރަކަށް އައިސް” ހަރުކަށި ފިކުރަށް ތާއިދު ކުރާކަމަށް ފާހަގަވާތީ އެކަން ހިއްސާކުރީ ހިއުމަން ރައިޓްސް ކޮމިޝަނާއިކަމަށް އަފީފް ވިދާޅުވެ އެވެ.

” ގައުމީ ޔުނިވާސިޓީގެ ދަރިވަރުން މިހާރަކަށް އައިސް ވަރަށް ހަރުކަށި ފިކުރަށް ތާއީދުކުރާކަމަށް ފާހަގަ ކުރެވޭކަމަށް އަޅުގަނޑުމެން ދެންނެވިން… އަދި މިކަމަށް އެޗްއާރުސީއެމްއަށް އެއްވެސް ކަމެއް ކުރެވޭނެތޯ ސުވާލު ކުރިން… ޖަވާބުގައި ބުނީ މިއީ ކަމާއި ބެހޭ އިދާރާތްތައް ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށް…. ގައުމީ ޔުނިވާސިޓީގައި ކިޔަވައިދޭ ބައެއް ޓޮޕިކުތައް ނުވަތަ މައުޟޫއުތަކާއި ކުރެވޭ މަޝްވަރާތައް ބަލަންޖެހޭ ކަމަށް” އަފީފް

  • ރައީސް ނަޝީދު އަވަހާރަކޮށްލަން ހަރުކަށި ފިކުރުގެ މީހުންނަށް ބަޔަކު ދިނީ 3 މިލިއަންގެ “ޓާސްކެއް”!

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ރުފިޔާގެ ޓާސްކެއް ދީފައިވާ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ރައީސް ނަޝީދަށް ދިންކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހަވާލާދީ އަފީފް ވިދާޅުވެފައި ވެއެވެ. އޭގެ ކުރިން ވެސް އިލްޔާސަށް އެފަދަ ކަމެއް ހިނގަން އުޅޭކަމުގެ މައުލޫމާތު ލިބި، މާރިޔާ އާއި ހިއްސާ ކުރިކަަމަށް ދެކެވުނެވެ. އިލްޔާސާއި، މާރިޔާ ދެމެދު ދެކެވުނުކަމަށް ބުނާ މި ވާހަކައަކީ އެހާ ބޮޑަށް ސާފުނުވާ އޮޅުންބޮޅުން ވެފައި އޮތް ވާހަކައެކެވެ.

އަފީފް ވަނީ ކޮމިޓީއަށް އިލްޔާސް ދެއްވި މަައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.

“އަދި އެރޭ ބައްދަލުކުރުމަށް އެދިވަޑައިގެންނެވިކަމާއި، އަދި އެއީ ވަރަށް މުހިންމު އާޖެންޓުކަމެއްގައި ކަމަށް ބުނުމުން އެ މީހާއާއި އިލްޔާސް 11:30 ގައި ބައްދަލު ކުރި…. ބައްދަލު ކުރީމާ އޭނާ ވިދާޅުވި ރައީސް ނަޝީދު އަވަހާރަށްކޮށްލުމަށް 03 މިލިއަންގެ ޓާސްކެއް ދީފިކަމަށް.. އަދި މި ޓާސްކު މިހާރު ހިނގަމުންދަނީ އެޑްވާންސް ޕޭމަންޓު ދިނުމުގެ ކަންތައްތައް ކަމަށް… އަދި ރައީސް ވިދާޅުވީ މި މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާއަށް އެރުވުމަށް… ދެން ހަމަ އެރޭމެ މާރިޔާއަށް ގުޅިކަމަށް. އެހެން ނަމަވެސް މާރިޔާ ފޯނު ނުނަންގަވާކަމަށް… އެއީ ރޯދަ މަސްކަމަށް ވުމުން… ދެން މޭއި 04 ވަނަ ދުވަހުގެ ހެނދުނު 07 ޖެހިއިރު މާރިޔާ ގުޅުއްވާފައި އޮތްކަމާއި…. ގުޅައި އެ މައުލޫމާތު އިލްޔާސް ދެންނެވި…. ދެން މާރިޔާ ދެންނެވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ލެވެލް ހުރީ އެންމެ ހައެސްޓު ލެވެލްގައި ކަމަށް…” އަފީފް

ބޭނުން ޖެހުނު ވަގުތު އިމްރާނަށް ޓެރަރިޒަމްގެ ގާނޫނު ފުރިހަމައެއް ނުވި!

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން 2019 ގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނަ އެވެ. ނަމަވެސް އޭގެ ބޭނުން ހިފަން ޖެހުނު ވަގުތު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ގާނޫނު ފުރިހަމައެއް ނޫންކަމަށާއި، ހަރުކަށި ފިކުރަށް ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ގާނޫނުގެ ދަށުން ނެތް ކަމަށެވެ.

“އެފަދަ މީހުން ހައްޔަރުކޮށް ރީހެބިލިޓޭޓު ކުރެވެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭނެ ނިޒާމެއް ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ. މުޖުތަމައުގެ ތެރޭގައި އައިއީޑީ ހެދުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި،” އިމްރާން

މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓު، ފެނުނީ ހުސް އިހުމާލު

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީން (241 ކޮމިޓީ) އިން ފާސްކުރީ 8 ޖުލައި 2021 ގަ އެވެ. 50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް ރިޕޯޓު އެރުވި ނަމަވެސް މިހާތަނަށް އޭގައިވާ ކަންކަން ތަންފީޒު ކުރަން ކުރި މަސައްކަތް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އޭގެ ތެރޭގައި ތްރެޓެއް އޮތްކަމަށް ބެލެވި، ތްރެޓު ލެވެލް ހައި ނުކުރުމާއި އެމްއެންޑީއެފްގެ އެތެރެއިން ހިނގި ބައެއް އިހުމާލު ފާހަގަ ކުރެވެ އެވެ.

ހަމަލާގެ ޕާލިމަންޓް އިންކުއަރީ: 241 ކޮމިޓީގެ 45 ރިކޮމަންޑޭޝަންއެއް!

ހަމަލާއަށް އަހަރެއް ވީއިރު

މިއަދު މުޅި މީސް މީޑީއާއިން ފެންނަނީ ކަންބޮޑުވުންތަކާއި، މީޑިއާ ރިޕޯޓުތަކެވެ. ހަމަލާއަށް އަހަރެއްވެ، ލިބުނު ކުރިއެރުމެއް ނެތްކަމާއި ތަހުގީގު ކުރުމުގައި ފަހަތު ފަހަޔަށް ބުރަވެފައިވާ ވާހަކަ އެވެ.

ހަމަލާ ދެވުނީ ބޮޑެތި އިހުމާލުތަކެއްގެ ތެރެއިންކަމަށްވާއިރު، ރައީސް ނަޝީދުގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް އަވަހަށް މައްސަލައިގެ ތަހުގީގު ނިންމުމެވެ. އަދި ފަންޑު ކުރި މީހުން ހޯދައި ފިޔަވަޅު އެޅުމެވެ. އެހެން ގޮތަކަށް ދަންވަނީނަމަ ރައީސް ނަޝީދުގެ ސުވާލަކީ “އަޅުގަނޑު މަރާލަން ފަނޑު ކުރީ ކާކު” އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: