ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމާދުލްއާޚިރާ މަހުގެ 3، ރާއްޖޭގެ ހުރަވީ ދުވަސް!

ހުރަވީ ދުވަހުގެ ހަނގުރާމަ ރަމްޒުކޮށްދޭ ތަމްސީލެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ރާއްޖޭގެ ހުރަވީ ދުވަހެވެ. ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.

1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ތާރީހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ގައުމިއްޔަތު ދެމެހެއްޓުމުގެ އަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

ހޮޅިން ދިވެހިރާއްޖެ އަޅުވެތިކުރިތާ ތިންމަހާއި ވިހިދުވަސްވީ ތަނާ މުލީގޭ ހަސަން މަނިކުފާނު (ދޮންބަންޑާރައިން) ނާއި އޭނާގެ ހަތަރު އެކުވެރީންނާއި މިމީހުންނަށް ތަބާވީ މީހުންގެ ތެރެއިން ހިތްވަރުގަަދަ ދުއިސައްތައެއްހާ މީހުން ވާހަކަދައްކައި، އެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް އެއްބަސްވިއެވެ. އަދި 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމު ނުވަ ފުޅީގެ ވަގުތެއްގައި، މުނާޖާގެ ވަގުތު ނުވަނީސް މުނާޖާ ގޮވާމީހާ ލައްވައި މުނާޖާ ގޮއްވައި، ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރެއްވިއެވެ.

ހިޖުރައިން 981 ވަނަ އަހަރު ބޮޑުތަކުރުފާނު ޕޯޗުކީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިތާ 185 އަހަރު ފަހުން، މަލާބާރީންގެ ލަޝްކަރެއް މިރާއްޖެ އައިސް، 13 ސަފަރު 1166 (20 ޑިސެންބަރު 1752) ގައި އޭރު ތަހުތުގައި އިންނެވި ރަދުން އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީން (ތިންވަނަ) ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގެން ކަންނަންނޫރަށް ގެންގޮސް، މާލޭގައި އެބައިމީހުންގެ ވެރިކަން ޤާއިމު ކުރިއެވެ. މިކަން ހިނގުމަށް ދިމާވީ ގައުމަށް ހިޔާނަތްތެރިވި ދެ ދިވެހީން އަލްގާޒީ ހަސަން ތާޖުއްދީނުގެ ދެ ދަރިކަލުން ކަމުގައިވާ އެއިރު މާލޭގައި ހުންނެވި ފަނޑިޔާރު ކަލޭގެފާނު މުހައްމަދު ޝަމްސުއްދީނާއި، އޭނާގެ އެއްބަނޑުއެއްބަފާ، ހަތީބު އަހްމަދު މުހްޔިއްދީނު، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވައި، އަލީރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯއްދަވައިދެއްވަން ވިދާޅުވެގެންނެވެ.

މާލެ ހިފުމަށް ނަވަކާއި، ބޭރުދަތުރުކުރާ ދެއޮޑިއަށް ހަނގުރާމައިގެ ތަކެއްޗާއި، މަލާބާރީންގެ މީހުން ލާފައި އަލީރާޖާ ފޮނުއްވީމައި އެމީހުން އައިސް ޞަފަރުމަހުގެ 13 ވިލޭރޭ މެންދަމުން އަލިވެ 3 ޖެހިއިރު މާލޭގެ ކަނޑިންމާ ތަޅުނުލާ ހުއްޓާ ބަނދަރަށްވަނީ އެވެ. މާލޭގެ އެންމެން އޭރުތިބީ ނިދާފައެވެ.

ރަސްކަމުގެ ކޮއިލުތެރެ ބަލަހައްޓާ މީހުންވެސް ތިބީ ނިދާފައެވެ. އެވަގުތު މަލާބާރީންގެ މީހުން ކޮއިލުތެރެއަށްވަދެ އެތާނގައި ތިބި މީހުން މަރާ ބަޑިޖަހާ ހެދުމުން ދުޝްމަނުންނާ ދުރަށް ވަޑައިގަތުމަށްޓަކައި ރަދުން އެމަނިކުފާނުގެ މާފަންނު ގަނޑުވަރަށް ވަޑައިގަތެވެ. ވަޒީރުންނާއި، ލަސްކަރީންގެ މީހުން ފޮނުއްވައިގެން މަލާބާރީން ގަނޑުވަރު ތެރޭން ނެރުއްވުމުން، ނާބަތުޚާނާގައި އެމީހުން ރޯކޮށްލިއެވެ. މިހުޅުގަނޑުގައި އެތެރެ ކޮއިލުގައިހުރި ހުރިހާ ގެތަކާއި، ދޮރާށިތަކާއި، އަދި ފުރަމާލޭގެ ދެބައިކުޅައެއްބައި ގެތައް އަނދައިގެން ދިޔައެވެ. ދެން ރަސްގެފާނު ޞުލްޙައަށް އެދިވަޑައިގަތެވެ.

ނަމަވެސް މަލާބާރީން ދެންނެވީ ހުދު ރަދުން އެމީހުންގެ ގާތަށް ވަޑައިގަތުމުން ނޫނީ އަމާން ނުދޭނެކަމަށެވެ. އެމީހުންނާއި ބައްދަލު ކުރައްވަން ރަދުން ވަޑައިގަތުމުން، ރަދުންނާއި، ރަދުންގެ ވަލީއަހުދު މުހައްމަދު މަނިކުފާނު ހައްޔަރުކޮށްގެން ގެންގޮސް އެމީހުންގެ އޮޑިއަށް ލިއެވެ. މިހިސާބުން މަލާބާރީންގެ އަނިޔާވެރިކަން ރާއްޖޭގައި ފެށުނީމެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެމީހުންނަށް މާލެ ހިފުމުގައި އެހީވެދެއްވި ޤާޟީ މުޙައްމަދު ޝަމްސުއްދީނާއި، އަޙްމަދު މުޙުޔިއްދީން ޚަޠީބު މަނިކުފާނާއި މި ދެބޭފުޅުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައި އެބޭފުޅުން ކަނޑުފައްތައި ޤަތުލުކުރީ ކަމަށް ބުނެވެއެވެ. އެމީހުން ބުނިކަމަށްވަނީ، އުފަން ޤައުމަށް ޣައްދާރުވި ބަޔަކު އެމީހުންނަށް ވަފާތެރިނުވާނެ ކަމަށެވެ.

ހުރަވީ ދުވަސް ނިސްބަތްވާ ބަތަލަކީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) އަށެވެ. އެބަތަލު ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުން މިދުވަހަށް ހުރަވީ ދުވަސް ކިޔުއްވާފައިވަނީި އެމަނިކުފާނަކީ މާލެއަތޮޅު ހުރަޔަށް ނިސްބަތްވާ ބޭފުޅަކަށްވާތީއެވެ. އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީންގެ ކޮލީ ނަންފުޅަކީ ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ.

އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން އަވަހާރަވީ 2 ރަމަޟާން 1180 (1 ފެބްރުވަރީ 1767) ގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: