ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހްގެ ނަޒަރުން: ނާޒިމާއި ރިޔާޒަކީ އަދިވެސް ބާޣީންނެވެ.

ކާނަލް ނާޒިމާއި ރިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުން 07 ވަނަ ދުވަހުން ވެއްޓިގެން ދިއުން އެއީ ހަމައެކަނި އެމްޑީޕީއަށް ލިބުނު ގެއްލުމެއް ނޫނެވެ. ޅަފަތުގައި އޮތް ޑިމޮކްރަސީގެ ކަރުގައި އެދުވަހު ހުރަސްވި ކަށި އަދިވެސް އެހުރީ އަރުތެރޭގައި ތާށިވެފައެވެ. ކަށި ބޭރުކޮށެއް ނުލެވުނެވެ. ކަށި އެތެރެއަށް ދަމައި ގަންނަ ގޮތެއް ވެސް ނުވިއެވެ.

ކޮންމެއަކަސް ސިޔާސީ ގޮތުން ތޫފާންތައް އެރުމަށްފަހު، އޮބެމުން ގައުމު މިހަރަގެން ދަނީ ކުރިއަށެވެ. މިހާރު ސިޔާސީ ބޭފުޅުންގެ އަމާޒަކަށް ވެފައި މިއޮތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. ރިޔާސީ އިންތިހާބަށް އެންމެ ފުރަތަމަ ފޮށިތަންމަތި ބަނދެގެން ތައްޔާރުވަމުން މިއަންނަނީ އެމްއެންޕީންނެވެ. އެއީ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަބްދުﷲ ރިޔާޒްގެ ޕާޓީއެވެ.

ނާޒިމާއި، ރިޔާޒް ޕާޓީއެއް ހަދަން މަސައްކަތް ފެށުމުން ބައެއް މީހުން ބުނީ މިއީ ރައީސް ސޯލިހް އެމްޑީޕީން ބޭރުކޮށްލައިފިނަމަ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނިކުންނަން އުފައްދަވާ ޕާޓީއެއް ކަމަށެވެ. ރައީސް ސޯލިހް ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން ރިޔާސީ ޓިކެޓެއް ނުލިބެ ކަނޑުވެއްޖެ ހާލަތެއްގައި އެމަނިކުފާނު އަރާނެ ”ރެސްކިއު ބޯޓަކަށް“ ވާނީ ނާޒިމާއި ރިޔާޒްގެ ޕާޓީ ކަމަށް ބައެއް މީހުން ބުންޏެވެ. ކޮންމެވެސް ވަރަކަށް އެވާހަކަ ގަބޫލު ކުރި މީހުން ވެސް ތިބެދާނެއެވެ.

ނަމަވެސް މިދިޔަ ހަފްތާ ނިމިގެން މިދިޔައީ ނާޒިމާއި ރިޔާޒްގެ ޕާޓީ އާއި ގުޅޭ ގޮތުން އުފެދިފައި އޮތް އެންމެ މުހިއްމު އެއްސުވާލުގެ ޖަވާބު ލިބިގެންނެވެ. އެސުވާލަކީ ނާޒިމާއި ރިޔާޒްގެ ޕާޓީ އުފެއްދުމުގެ ފަހަތުގައި ހުރީ ރައީސް ސޯލިހް ހެއްޔެވެ؟

އެސުވާލުވާލުގެ ޖަވާބު ވަރަށް ސާފެވެ. ރައީސް ސޯލިހް ސާފު ބަހުން އެވިދާޅުވީ ނާޒިމާއި ރިޔާޒަކީ ބާޣީން ކަމަށެވެ. އެމްޑީޕީން އަބަދުވެސް ގަބޫލު ކުރާ ގޮތައް 2012 ވަނަ އަހަރު ވެރިކަން ފުރޮޅާލި ”ބަޣާވާތުން“ ނާޒިމާއި ރިޔާޒް ސަލާމަތް ނުވާނެކަން ރައީސް ސޯލިހް ސާފުކޮށް ވިދާޅުވެ ދެއްވައިފިއެވެ. އެހެންކަމުން ސިޔާސީ ދާއިރާގައި ނާޒިމާއި ރިޔާޒް އަބަދުވެސް ތިބެން ޖެހޭނީ ބާޣީންގެ ލަގަބު ނަމުގެ ކުރިއަށް އިތުރު ކޮށްގެންކަން މިހާރު ވަރަށް ބޮޑަށް ސާފުވެއްޖެއެވެ.

ނާޒިމާއި ރިޔާޒްގެ ނަން ދިވެހިންގެ މެދުގައި ކިތައްމެ މަޝްހޫރަސް ދެބޭފުޅުން ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ހުރި މަގުތައް ފަސޭހައެއް ނޫނެވެ. އެއްވެސް ސިޔާސީ ލީޑަރެއްގެ އެހީއެއް، ތާއީދެއް ނެތި ފުއްމައިގެން އަރައި ތަހުތުގައި އިށީންދެވަޑައިގެންނެވޭ ވަރުގެ ސިޔާސީ ގާބިލްކަމެއް އެއިން އެއްވެސް ބޭފުޅެއްގެ ކިބަޔަކު ނެތެވެ.

މިހެން ދެންނެވުމުން ދެން ބައެއް ބޭފުޅުން ވިދާޅުވާނީ ނާޒިމް އެއިންނެވީ ދުވަހަކު އެބޭފުޅާ ޒިޔާރަތް ނުކުރައްވާ ދާއިރާއެއްގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ. އަބްދުﷲ ރިޔާޒް އެއިންނެވީ ބާރުގަދަ ”ތިމަރަފުށީ މުސްތަފާބެ“ ބަލި ކުރައްވާ މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ.

ނޭނގޭ ބޭފުޅުން އަޑުއައްސަވާށެވެ. ނާޒިމަށް ދަނގެތީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނީ ނާޒިމްގެ މޮޅު ކަމަކުން ނުވަތަ މަގުބޫލް ކަމަކުން ނޫނެވެ. ދަނގެތީ ދާއިރާއަށް ގާސިމް އިބްރާހިން ”ހިކަންޖެއް“ ނެރުނަސް އެއިންތިހާބު ކާމިޔާބު ކުރާނެއެވެ. ދަނގެތީ ދާއިރާގެ ގޮނޑިއަކީ ގާސިމްގެ ގޮނޑިއެކެވެ. މާމިގިލީ ދާއިރާގެ ގޮނޑިއަށް ވުރެވެސް ބޮޑަށް ދަނގެތީ ދާއިރާގެ ގޮނޑި ގާސިމަށް ކަށަވަރު ވާނެކަން އދ.އަތޮޅުގެ ސިޔާސީ އޮޔާއި ވައި ޖެހޭ ގޮތް އެނގިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވަރަށް ސާފު ވާނެއެވެ.

ދެން ހުންނެވީ ރިޔާޒެވެ. ރިޔާޒްގެ ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ތ.އަތޮޅުގައި ހުޅުވި ޕޮލިސް ސްޓޭޝަންތަކުގެ އަދަދާއި، އެޕޮލިސް ސްޓޭޝަންތައް ހުޅުވި މަޤުޞަދާއި އެއްކޮށް ގުނަކޮށް ވިޔަ ކުރުމުން ނިކުންނަ ނަތީޖާ ވަރަށް ސާފެވެ. އަދި އެއަށްވުރެ ބޮޑަށް ސާފުކޮށް ފެންނަ އޮތް ހަގީގަތަކީ ރިޔާޒްގެ ކޮމިޝަނަރު ކަމުގައި ހުންނަވައިގެން ފުލުހުންގެ ވަޒީފާ ދިން މީހުންގެ އަދަދާއި ޕްރޮމޯޝަން ދިން ކަމެވެ. އެއީ ސިޔާސީ ގޮތުން ކުރިމަގުގައި ފައިދާ ހޯދަން ރިޔާޒް ކުރި ކަމެކެވެ. އަދި މުދަލާއި ފައިސާ ގިނަ އަދަދަކަށް ހޭދަކޮށްގެން ރިޔާޒް ތިމަރަފުށީ ގޮނޑިއަށް އިންތިހާބު ވުން އެއީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ.

ނާޒިމާއި ރިޔާޒަށް ސިޔާސީ ގޮތުން ކުރިއެރުމެއް ލިބެން އޮތީ ކޮންމެވެސް އެއްފިކުރެއްގެ ފަހަތުން ގޮސްގެންނެވެ. އެމްޑީޕީގެ ފިކުރު ނުވަތަ ޕީޕީއެމްގެ ފިކުރުގެ ތެރެއިން ޖާގައެއް ނުލިބި މިދެބޭފުޅުންނަށް ސިޔާސީ މުސްތަގުބަލެއް ނެތެވެ.

ނަމަވެސް އެމްޑީޕީ އަކުން މިބޭފުޅުންނަށް މަރުހަބާއެއް ނުކިޔާނެވެ. ދެން އޮތީ ޕީޕީއެމްއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނާޒިމްގެ ގެއިން ހަތިޔާރެއް ފެނުނުކަން އެއޮތީ ސާބިތުވެފައެވެ. އެމައްސަލައިގައި ޖަލު ހުކުމެއް ނާޒިމްގެ މައްޗަށް އިއްވުމަކީ ގާނޫނީ ގޮތުން ބަލާއިރު ރައީސް ޔާމީނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އެމައްސަލައިގައި ނާޒިމްގެ މައްޗަށް ޖަލު ހުކުމެއް އިއްވީތީ ޔާމީންގެ މައްޗަށް ނާޒިމްގެ ހިތް ހެވެއް ނޫނެވެ. ޔާމީނާއި މެދު ނާޒިމްގެ ހިތުގައި އޮތް ޒާތީ ހަސަދަ ވަރަށް ސާފުކޮށް މިހާރު އެތައް އިންޓަވިއުއަކުން ސާފު ވެއްޖެއެވެ. އެހެންކަމުން ޕީޕީއެމް ފިކުރުގެ މީހަކު ވެސް ޔާމީނަށް ބައިވެރި ނުވެވޭ އިންތިހާބެއްގައި ވެސް ނާޒިމާއި ރިޔާޒަށް ވޯޓް ދިނުމުގެ ފުރުސަތެއް ނެތެވެ.

ނާޒިމާއި ރިޔާޒް ވިދާޅުވަނީ އެބޭފުޅުންގެ ޕާޓީ އަކީ ”ގައުމީ ފިކުރުގެ“ ރައްޔިތުން ވޯޓް ދޭނެ ޕާޓީ ކަމަށެވެ. ނުވަތަ ”ސައިލެންޓް މެޖޯރޮޓީ“ އޮތީ އެބޭފުޅުންނަށް ކަމަށެވެ. ތިވާހަކައަށް ދަންނަވަން އޮތީ ތިވިދާޅުވީ ގައުމީ ފިކުރާއި ސައިލެންޓް މެޖޯރިޓީ އަކީ އިންތިހާބެއް ކާމިޔާބު ކުރެވޭނެ އަދަދެއް ނަމަ 2008 ވަނަ އަހަރު ޑރ.ހަސަން ސައީދު އަދި 2013 ވަނަ އަހަރު ރައީސް ވަހީދު ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ.

ސިޔާސީ ހަޔާތް ކުރިއަށް ގެންދަން ވިސްނަވާއިރު އަވާމެންދުރާއި ހަގީގަތުގެ ތަފާތު ވަޒަން ކުރައްވަން އެނގިވަޑައި ނުގަންނަވާނަމަ ސިޔާސީ ގޮތުން އެއްވެސް ކާމިޔާބެއް ނުހޯއްދެވޭނެކަން ވަރަށް ސާފެވެ. އެކަން ރާއްޖޭގެ ސިޔާސީ މަސްރަހުން ވެސް ކިތަންމެ ފަހަރަކު ފެނިގެން ހިނގައްޖެއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: