މިއަހަރުގެ ރޯދަ މަހުގެ އެލަވަންސް ކުރިއަށް އޮތް ހޯމަ ދުވަހު ދޭން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައި ވަނީ މި އަހަރު ވެސް ރޯދަ އެލަވެންސްގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އަދި އެއް ވަޒީފާއަށް ވުރެ ގިނައިން ވަޒީފާ އަދާކުރާ ނަމަ އެ މުވައްޒަފަކަށް އިނާޔަތް ދޭނީ އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި ކަމަށެވެ.
ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ރޯދަ މަހު ޕޭ ލީވްގަ އާއި ނޯޕޭގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވެންސް ދޭކަށް ނުޖެހޭނެ ކަމަށް ވެސް ސާކިއުލާގައި ބުނެފައި ވެއެވެ.
ނަމަވެސް ޗުއްޓީ ނިންމާފައި ރޯދަ މަހު ވަޒީފާއަށް ނުކުންނަށް ފަށައިފި ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި އެލަވެންސްގެ ގޮތުގައި އެ އަދަދު ދިނުމަށް ވަނީ އަންގާފަ އެވެ.
ރޯދަ މަހު ވަޒީފާއިން މުވައްޒަފަކު ވަކިވާ ނަމަ އެ މުވައްޒަފަކު ވަކިވާ ތާރީހުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދެއް ބަލައި އެ ފައިސާ އަނބުރާ ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

