ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ މަރު: ވަޅީގައި އަދުހަމްގެ ޑީއެންއޭ ހުރި!

ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް ކުރިމިނަލް ކޯޓަށް ވައްދަނީ - ފޮޓޯ : މުއާވިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ކުރިކީލަމަގު ބަލައި ފާސްކުރަމުން ދިޔައިރު ގަސްތަކެއްގެ ތެރޭ ހުރި ވަޅުގަނޑަކުން ދިގުމިނުގައި 12 އިންޗި ހުރި ވަޅިއެއް ފެނިފައިވާ ކަމަށާއި އެވަޅިން ތިން މީހެއްގެ ޑީއެންއޭ ފެނުނު ކަމަށް ހެކިބަސް ދެމުން އެ ސަރަހައްދު ބަލައި ފާސްކުރި އޮފިސަރު މިއަދު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ހާމަކޮށްފިއެވެ.

ގާސިމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށެވެ. މައްސަލައިގާ މިއަދު އޮތް އަޑުއެހުމުގައި ވެސް ކުރިޔަށް ގެންގޮސްފައިވަނީ އަދުހަމާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެވެ.

ހެކިބަސް ދެމުން އެ ސަރަހައްދު ބަލައި ފާސްކުރި އޮފިސަރު ބުނީ ކުރިކީލަމަގު ބަލައި ފާސްކުރަމުން ދިޔައިރު ގަސްތަކެއްގެ ތެރޭ ހުރި ވަޅުގަނޑަކުން ދިގުމިނުގައި 12 އިންޗި ހުރި ވަޅިއެއް ހޯދިފައިވާ ކަމަށާއި އެހެންނަމަވެސް އެވަޅީގެ ބޭރުން އެއްވެސް ކަމެއް ފާހަގަވާން ނެތް ކަމަށެވެ.

މީގެ އިތުރުން ޑީއެންއޭ ތަހުލީލު ކުރި އޮފިސަރު ވަނީ ވަޅިން ތިން މީހެއްގެ ޑީއެންއޭ ފެނުނުކަމަށާއި އެއީ އަދުހަމްއާއި ގާސިމްގެ އިތުރުން ކާކުކަން ނޭނގޭ ތިންވަނަ މީހެއްގެ ޑީއެންއޭ ކަމަށް މިއަދު ކޯޓުގައި ހެކިބަސް ދެއްވަމުން ބުނެފައެވެ.

ގާސިމް ދުއްވި ކާރުންނާއި އެ ސަރަހައްދުން ގިނަ ސާމްޕަލްތަކެއް ނެގި ކަމަށާއި މި މައްސަލައިގައި އަޅައިކިޔަން ބޭނުންކުރި އަދުހަމްގެ ރިފަރެންސް ސާމްޕަލްއަކީ އެހެން މައްސަލައެއްގައި ނަގައިފައިވާ ސާމްޕަލް އެއްކަންވެސް އޭނާގެ ވާހަކައިގައި ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން މި މައްސަލައިގައި ބޭނުންކޮށްފައި ވަނީ ކުރިން ފޭރުމުގެ މައްސަލައެއްގައި ފުލުހުން ނަގައިފައިވާ ސާމްޕަލްއެކެވެ.

މިއަދުގެ އަޑުއެހުމުގައި ވީޑިއޯ އެންޑް އިމޭޖް އެނަލިލިސް ހެދި އޮފިސަރު ވެސް ވަނީ ހެކިބަސް ދީފައެވެ. އެގޮތުން އެދުވަހު އަދުހަމް އުޅުނު ތަންތަނާއި ކުރި ކަންކަން އެނގޭ ބައިވަރު ސީސީޓީވީ ފުޓޭޖްތަކެއް ތަހުލީލުކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިވެރިޔެއްގެ ހެކިބަސް އަދި ނުނެގި އެބަ އޮތެވެ. އެއީ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ރިޕޯޓް ތައްޔާރުކުރި ޑޮކްޓަރުގެ ހެކިބަހާއި، އާންމު މީހެއްގެ އިތުރުން ފުލުސް އޮފިސަރެކެވެ.

މީގެ ތެރެއިން މެޑިކޯ ލީގަލް ރިޕޯޓާއި ޑެތު ސަމަރީ ތައްޔާރުކުރި ޑޮކްޓަރު މިވަގުތު ރާއްޖޭގައި ނެތުމުން އޭނާގެ ބަދަލުގައި އެހެން ޑޮކްޓަރަކު ކޯޓަށް ހާޒިރުކުރުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ދައުލަތުން ކުރިން ބުނެފައިވެއެވެ.

މި މައްސަލައިގާ އަދުހަމާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ނެގުމަށް މާދަމައަށް ވެސް ޝަރީއަތެއް ބޭއްވުމަށް ތާވަލްކުރުމަށްފަހު މިހާރު ވަނީ ކެންސަލްކޮށްފައެވެ.

ގާސިމް މަރުވީ އަދުހަމްގެ ސަބަބުން ކަމަށް އޭނާ މީގެ ކުރިން ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.

އެހެންނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ.

ދައުލަތުން މިވަގުތު ހުށަހަޅާފައިވާ ހެކިންނަކީ އަދުހަމްގެ ގަސްތު ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: