ނިއުޔޯކްގެ ހިއުމަންރައިޓްސް ވޮޗް ޖަމިއްޔާއިން، ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުނުވާ ކަމަށް ބުނެ ނެރުނު ރިޕޯޓާއި ގުޅިގެން ފާހަގަކުރެވިފައިވާ ކަންކަން ހައްލުކުރުމަށް ބާރުއެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ހައްގުތައް ދިފާއުކުރުމުގެ ނަމުގައި އުފައްދާފައިވާ ހިއުމަން ރައިޓްސް ވޮޗްއިން ކޮންމެ އަހަރަކު ނެރޭ ޖާނަލްއެއް ކަމަށްވާ ވޯލްޑް ރިޕޯޓްގައި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ކުރު ހުލާސާއެއް ހިމަނަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ”އައި ކުޑް ހެވް ބީން ނެކްސްޓް: ސްޓައިމީޑް ރިފޯމްސް އިން ދަ މޯލްޑިވްސް“ ގެ ނަމުގައި ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުވެފައި އޮތް މިންގަނޑުތަކަށް ބުނީ މިހާރުގެ ދިވެހި ސަރުކާރުން ވެރިކަށް އައުމަށްޓަކައި، ޖިނާއީ ކުށްތަކާއި ބެހޭ ގާނޫނު އިސްލާހުކޮށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވީ ވައުދުތައް، ދައުރު ނިމެން ގާތްވި އިރު ފުރިހަމަވެފައި ނުވާކަމާއި ސަރުކާރުގެ ފަރާތުން ނޫސްވެރިނަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަ ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ނުފޫޒު ފޯރުވާ މިންވަރު ކުޑަ ކުރެވިފައި ނުވާކަން ފާހަގަ ކުރި އެވެ.
ރިޕޯޓުގައި ޖުޑިޝަރީ ދާއިރާ އަދި، ޖަލުގައި ހައްގުތަށް ކަށަވަރު ނުކުރެވޭކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ޖާގައެއް ނެތްކަމަށް ބުނެފައިވާތީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައި ޖުޑީޝަރީ މިނިވަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލު ކުރަން ވީ ވައުދު ވެސް ފުއްދިފައި ނުވާ ކަމަށެވެ.
އެހެންވެ މެމްބަރު ހުސެއިން ހުށަހެޅީ ސަރުކާރަށް ހަތަރު އަހަރު ފުރެން ދާއިރު މިހާތަނަށް އެއްވެސް ވައުދެއް ފުއްދިފައި ނެތުމާއި އެކު، ރިޕޯޓުގައި ހިމަނާފައި ހުރި ކަންބޮޑުވުންތައް ބެލުމަށެވެ. މަޖިލީހަށް ހާޒިރުވެ ތިބި މެމްބަރުންގެ ތެރެއިން ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ. އަދި ފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވި އެވެ.
އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއެއްކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ނެރުނު މިރިޕޯޓްގައި ދިވެހި ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގައިއާއި ޖުޑިޝަރީގައިވާ މައްސަލަތައް ހައްލުކުރުމުގައި ފެއިލްވެފައިވާކަމަށް ބުނެފައިވާތީ މިކަންކަން އިސްލާހުކުރުމަށް ގޮވާލާ ހުށައެޅި މައްސަލަ ބަލަން ފާސްވުމަށް 21 ވޯޓް ބޭނުންވެއެވެ، ނަމަވެސް ބަހުސްކުރުމަށް ފެންނަކަމަށް ވޯޓުދެއްވައިފައިވަނީ 8 މެމްބަރުން ކަމުގައިވާތީ، މިމައްސަލަވަނީ މަޖިލީހުގެ ތަޅުމުން ބޭރުވެފައިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި، މެމްބަރު ހުސެއިން ލަތީފްވަނީ މައްސަލަ ހުށައެޅުމުގެ ތެރޭގައި ހިއުމަން ރައިޓްސް ވޮޗްގެ މިރިޕޯޓްގައިވާ ބައެއް ކަންކަން ފާހަގަކުރަށްވާފައިއެވެ. އަލިއަޅުވާލެވިގެންދިއަ ކަންކަމުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހު އުފެއްދެވި، ގެއްލިފައިވާ މީހުންނާއި ގޮތްނޭގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިށަންއިނ،ް 3 އަހަރު ފާއިތުވެގެން އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި، ވެރިކަން ލިބި ދައުރުގެ 4 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޝަރުއީ ދާއިރާއަށް އިސްލާހު ގެންނަން ވީވަައުދު ފުއްދިފައްފައި ނުވާކަމަށާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގާނޫންތައް އުވާލަން ވީވައުދުވެސް އަދި ފުއްދިފައި ނުވާކަމަށް ބުނެފައިވާ ބުނުން ހިމެނެއެވެ.

