ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
އެގޮތުން ހަދިޔާކޮށްފައިވަނީ ދެ ރިބް އާ، ކޯސްޓްގާޑް އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތަކާއި މެރިޓައިމް ޑޮމެއިން އެވެއަރނެސް އަށް ބޭނުންވާ ބައެއް އާލާތްތަކެވެ.
ހުޅުމާލޭ ކޯސްޓްގާޑް ސަރަޙައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ޔޫ.އެން.އޯ.ޑީ.ސީ ޕްރޮގްރާމް ކޯޑިނޭޓަރ އަދި ޖަޕާންގެ އެމްބެސެޑަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖަޕާން ސަރުކާރު އަދި ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެމް.އެން.ޑީ.އެފެ ކޯސްޓްގާޑްއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަގުނަ އެހީތަކެއް ވަނީ ފޯރުކޮށްދީފަ އެވެ. މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނީޓަރކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ގިނަގުނަ ވަޞީލަތްތައް ފޯރުކޮށްދީފައިވެ އެވެ.
މީގެއިތުރުން ދިވެހި ސިފައިންނާއި ކަނޑުމަތީގައި ޙަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސަރޗް އެންޑް ސީޒަރ ޓްރެއިނިންގް ފަދަ ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފުން ބުނީ މި އެހީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޤާބިލިއްޔަތުކަން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

