ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ރިޔާސީ ވައުދުތައް ފުއްދިފައިވާ މިންވަރު އެއްވެސް މީހެއްގެ އަންދާޒާތަކާއި ދިމާ ނުވޭ: ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ބައެއްގެ އަންދާޒާތަކާއި ދިމާ ނުވާފަދަކޮތަކަށް ވައުދުތައް ފުއްދައިފިކަމަށާއި، ބެރިކޭޑު ބޭނުންކޮށް ރައްޔިތުންގެ އިހުސާސްތައް މައިތިރިކޮށްގެން ހުރި ރައީސަކު ގޮތް ހުސްވެ މީޑިއާއަށް ފިއްލަވާ އޮންނެވި ނަމަވެސް ހަރަކާތެއް ނެތް ޗަރުކޭހުގެ ރޭލު 2023ގެ މަންޒިލައް ދަތުރު ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޓްވިޓާރ މެދުވެރިކޮށް ރައީސް ޔާމިން މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބައި ގުޅިގެން އެޕާޓީ ބައިބައިވެ އުފެދިފައިވާ ވާދަވެރިކަމުގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ މައްޗައް އަދި ފެންނަމުންދާ މަންޒަރުތަކަށް އިޝާރާތް ކުރަށްވާ ކަމަށް ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމިން މިފަދައިން ވިދާޅުވެފައިވާ އިރު، ދާދި ފަހުން އިންޑިއާއަށް ކުރެށްވި ދަތުރެއްގައި އެގައުމުގެ ނޫސް ޗެނަލްއަކަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ރައީސް ސޯލިހުއާއި ބޮޑު ޒާތީ މައްަސަލައެއް ޖެހިފައި ނުވީ ނަމަވެސް ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރިއަށް ދާ ބާރުމިނާދޭތެރޭ އެ ދެބޭފުޅުން ހިޔާލުތަފާތުވެލައްވާކަމަށެވެ. އަދި ހާއްސަކޮށް ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ކަންކަން ކުރިއަށް ގެންދަވާ ގޮތާއި މެދު ހިޔާލުތަފާތުވެލައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކުގައި ރައީސް ނަޝީދު ނުސީދާ ގޮތަކަށް ތާއީދު ކުރަށްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުންވެސް މިހާރު ރާއްޖޭގައި އޮތް ސަރުކާރުގެ ހިންގުންތެރިކަމުގައި އެތައް މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ބެލިފައި ނުވާކަމަށާއި ރިޔާސީ ވައުދެއް ކަމަކަށްވާ މަރުތަކުގެ މައްސަލަތައް ބެލުން އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލިފައިނުވާ ކަމަށްވެސް ބުނަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމިންގެ ޓްވީޓްގައި ބެރިކޭޑް ބޭނުންކޮށްގެން ރައްޔިތުންގެ އިހުސާސްތައް މައިތިރި ކޮށްފައިވާކަމަށް ބުނެފައިވާ އިރު، އެ މަނިކުފާނު އިޝާރާތް ކުރެށްވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ދަންޑިވަޅުތަކަށް ކަމަށް ބެލެވެއެވެ. މިގޮތުން ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ “އިންޑިއާ އައުޓް” ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކާވާކަމަށް ވިދާޅުވެ، އެ ކެމްޕެއިންއަކީ ގާނޫނާއި ހިލާފު އަމަލެއްކަމަށް ކަނޑައަޅައި ގާރާރެއްގައި ސޮއި ކޮށް ނެރުއްވާފައިއެވެ.

“ވަޢުދުތައް ފުއްދީއެކަކުވެސް އަންދާސާ ކޮށްފައިނުވާ މިންވަރަކަށެވެ. އޮހެމުންދާ ރައްޔިތުންގެ އިހްސާސްތައް މައިތިރި ކުރަނީ ފުލުހުންގެ ބެރިކޭޑުގެ އެހީގައެވެ. ގޮތްހުސްވެފައިވާ ރައީސް އުޅުއްވަނީ މީޑިއާއަށް ފިލައެވެ. އެހެނަސް ހަރަކާތެެއްނެތް ސާކަސް ރޭލު 2023 މަންޒިލަށް ދަތުރުކުރަނީއެވެ.” ޔާމިން

ރައީސް ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނީ އެއްވެސް ބާރެއް ލިބިގެންވާ އެއްޗެށް ނޫންކަމަށް ރައީސް ޔާމިން އަދި އިދިކޮޅުގެ އިސް ފަރާތްތަކުން ވިދާޅުވަމުންދާއިރު، އެ ކެމްޕެއިންގެ ތެރެއިން ހަރުކުރެވޭ ބެނާތައް ނެގުމަށް ފުލުހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި މި ފަހުން ހިންގި “އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް އެމުއައްސަސާއިން ބާރުގެ ބޭނުން ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

Abdulla Yameen on Twitter: “Pledges fulfilled beyond anyone’s expectation????Public’s emotional outpour held in check by police barricades.The beleaguered Prz shuns de media. Yet de sluggish circus train is chugging down its track to Destination 2023” / Twitter

ރައީސް ޔާމިންގެ ޓްވީޓްގައި މީޑިއާއަށް ފިއްލަވާ އޮންނެވިކަމަށް އިޝާރާތް ކުރަށްވާފައިވަނީ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ބެލެވެއެވެ. އެހެންކަމަުން ރައީސް ސޯލިހުއަކީ، ރާއްޖޭގެ އެހެނިހެން ވެރިންނާއި ހިލާފަށް މީޑިއާތަކާއި ދުރު ބޭފުޅެއް ކަމަށްވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން މިޒާޖުގައި ބަސްމަދު އަދި އަމަލުތަކުން ދައްކަވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކޮށްލެވިފައިވާއިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެންވެސް އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ނޫސްޗެނަލްއަކަށް ރައީސް ނަޝީދު ދެއްވި އިންޓަރވިއުގައި، 2023ގެ ރިޔާސީ އިންތިހާބުގައި ކުރިމަތި ލައްވާނެކަމަށް ވިދާޅުވެފައިވާއިރު، ދިވެހި ނޫސްތަކުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ރައީސް ސޯލިހު ވިދާޅުވެފައިވާނީ އެ މަނިކުފާނަށް މުހިއްމުވެފައިވަނީ މި ދައުރަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެލައްވާނެ ކަމުގެ އެއްވެސް އިޝާރާތެއް އެ މަނިކުފާނު ކުރަށްވާފައި ނުވެއެވެ.

މީގެ އިތުރުން ރައީސް ޔާމިންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޗަރުކޭހުގެ ރޭލެއް 2023ގެ މަންޒިލަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ޓްވީޓްގެ އެބައި އަމާޒު ކުރެށްްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެންމެހާ މެމްބަރުންނަށް ކަމަށް ބެލެވެއެވެ. އެގޮތުން އެމަނިކުފާނު ނުސީދާ ގޮތަކަށް ވިދާޅުވެފައިވަނީ ރިޔާސީ ވައުދުތައް ފުއްދިފައި ނުވާ، އެތެރޭގެ އިންތިހާބެއްގެ ސަބަބުން އެތައް ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާ އަދި މެމްބަރުންގެ ތެރޭގައި ބޮޑެތި ބައިބައިވުންތައް އުފެދިފައިވާ ޕާޓީއެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށްކަން ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: