ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ބެނާތަކުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަދޭ: ފުލުހުން

ޕީޕީއެމް، ޕީއެންސީ އޮފީސް އިމާރާތުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން އެކި ސަރަހައްދުތަކުގައި އެ ޝިއާރު ޖެހި ބެނާތައް ހަރު ކުރުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަކަމަށް ފުލުހުން ބުނެފި އެވެ.

އިންޑިއާ އައުޓްގެ ހަރަކާތަކީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޖާއިޒް ފައިދާ ނަގައި ބޭރުގެ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

ހަރަކާތުގެ ތެރެއިން އިންޑިއާ އައުޓް ޖެހި ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ ބެނާ ނަގާފައިވަނީ އިދިކޮޅު ލީޑަރުނ ދިރިއުޅުއްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުންނެވެ. އަދި އެ ނޫން ވެސް ބައެއް ސަރަހައްދުތަކުގައި ދަމާފައިވާ ބެނާތައް ނެގުމަށް ގެތަކުގެ ވެރިންނަށް ވަނީ އަންގާފަ އެވެ.

“އިންޑިއާ އައުޓް” ޖަހާފައިވާ ބެނާތައް ނެގުމަށާއި ހ. ދޫވެހި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުން ހޯދައިފައިވާ އަމުރަކީ ގާނުނާއި ހިލާފުވާ އަމުރެއްކަމަށާއި ފުލުހުން މި އަމުރު ތަންފީޒުކުރުމަށް އަމަލުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުގައިކަމަށް ބުނެ ރައީސް ޔާމިންގެ ފަރާއްފުޅުން އެ މަނިކުފާނުގެ ވަކީލުންވަނީ ހައިކޯޓަށް ހުށައަޅައި އިސްތިއުނާފު ކޮށްފައިއެވެ.

މި މައްސަލައިގެ އަޑުއެހުން މިއަދު ނިންމާލައިފައިވާ އިރު ހައިކޯޓުގެ ފަނޑިޔާރުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރާއި މެދު ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. ބެނާތައް ނެގުމަށް ފުލުހުން ހޯދި އަމުރަކީ ކޮން ބޭނުމެއްގައި ހޯދި އަމުރެއްތޯ ވެސް ފުލުހުންނާއި ވަނީ ސުވާލު ކުރެވިފައިއެވެ. ޖަވާބުގައި ފުލުހުންގެ ފަރާތުން ބުނީ ކޯޓު އަމުރަކަށް އެދި ހޯދިފައިވަނީ “އިންޑިއާ އައުޓް” ޝިޔާރު ލިޔެފައިވާ ބެނާ ނަގަން އެންގުމުން ނުނަގައި ހުރުމުންނާއި އެކަމަކީ ކުށަކަށްވާތީ ހެކި ހޯދުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެ ބެނާ ނޫން އިތުރު ހެއްކެއް ހޯދާފައި ނުވާނެ ކަމަށާއި މީހަކާ ސުވާލުކޮށް ބަޔާން ނަގާފައިވެސް ނުވާނެ ކަމަށް ބުންޏެވެ. މި ބެނާތަކުގެ ސަބަބުން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުމަކީ ވެސް، ކޯޓު އަމުރު ނެރެން ޖެހުނު ސަބަބެއްގެ ގޮތުގައި ފުލުހުން ފާހަގަ ކުރި އެވެ.

ފުލުހުން ބުނެފައިވަނީ އާންމު މަސްލަހަތަށް ގެއްލުންވާފަދަ އަމަލެއް ހިންގުމުން އެ މައްސަލަ ހުށައަޅަންޖެހޭނީ ކޮންފަރާތަކުންތޯ ބެންޗުން ސުވާލު ކުރެއްވުމުން ޖަވާބުގައި ފުލުހުން ބުނީ، އާންމު މަސްލަހަތަށް ގެއްލުންވާފަދަ އަމަލެއް ފާހަގަ ކުރެވުމުން ރިޕޯޓު ކުރަން ަޖެހެނީ އާންމުންގެ ފަރާތުންކަމަށެވެ. އަދި މި މައްސަލަ ހުށައަޅާފައި ވަނީ އާންމުންގެ ފަރާތުން ނޫންކަމަށާއި ފުލުހުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފުލުހުންގެ މުއައްސަސާގެ ފަރާތުންކަމަށް އޮފިސަރު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއިން ކްރިމިނަލް ކޯޓުގެ އަމުރަކާއި އެކު ރައީސް ޔާމިން ދިރިއުޅުއްވާ ދޫވެހިއަށް ވަދެ ދަމާފައިވާ ބެނާތައް ނަގާފައިވަނީ މިދިއަ އެޕްރިލް މަހު 21 ގަ އެވެ. އެއީ އިންޑިއާ އައުޓް ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅުއްވައި ރައީސް ގަރާރު ނެރުއްވިތާ މާގިނަ އިރުތަކެއް ނުވެ އެވެ. ނަމަވެސް ކޯޓު އަމުރު ނެރެފައި ވަނީ އެރޭ ފަތިހު، 05:03 ގައެވެ.

ފުލުހުން އެ ދުވަހު އަމަލުކުރި ގޮތާއިމެދު އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ ކޯޓުއަމުރެއް ހިފައިގެން އައި ނަމަވެސް، ފުލުހުން އެ ދުވަހު ވަދެ ފާސްކޮށްފައި ވަނީ އެ އިމާރާތުގައި ރައީސް ޔާމިން ދިރިއުޅުށްވާ ބައި ނޫންކަމަށެވެ.

މިމައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ އިރު، ކުރިއަށް އޮތީ މައްސަލައިގައި ހުކުމް އިއްވުމުގެ މަރުހަލާކަމަށް ފަނޑިޔާރުން ވަނީ އިއުލާނު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: