ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ދައްކަން ދަރަނި ނެގުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން: ރައީސް ނަޝީދު

ެައީސް ނަޝީދުއާއި ރައީސް ސާލިޙް ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނި ދައްކަން ސަރުކާރުން ދަރަނި ނެގުމަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުން ނަގާފައިވާ އެކިއެކި ލޯންތަކަށް ކުރިޔަށް ދެތިން އަހެރެއް ތެރޭގައި ބޮޑު އަދަދެއް ދައްކަން ޖެހޭތީ ދިވެހި ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓަކްޗަރ ކުރަން ރައީސް ނަޝީދު ވަނީ ސަރުކާރަށް ގޮވާލާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން އެގޮތަށް ނުކުރަން ނިންމާފައެވެ.

މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ މި ސަރުކާރުން ދަރަނި މެނޭޖު ކުރަނީ އެންމެ ރަނގަޅަށް ކަމަށާއި ސަރުކާރުން ދަރަނި މެނޭޖު ކުރާގޮތް ނޫންގޮތަކަށް އެކަން ނުކުރެވޭނެކަމަށެވެ. މިނިސްޓަރު އަމީރް ވިދާޅުވީ ދަރަންޏަކީ ދައުލަތުގެ އާމްދަނީއާ ހަރަދުގެ ސިޔާސަތުގެ ނަތީޖާކަމަށާއި ދަރަނި ނަގަނީ އާމްދަނީއާ ހަރަދުގެ ފަރަގު ފޫބައްދަންކަމަށެވެ.

އަމީރު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ބަޖެޓުތަކަކީ ވޭތުވެ ދިޔަ ހުރިހާ އަހަރު ތަކެއްގައިވެސް ދަރަނި ބަޖެޓްތަކެއްކަމަށާއި އިގްތިޞާދު ރަނގަޅަށް ކުރިއަރަމުން އަންނަ އަހަރުތަކުގައިވެސްރާއްޖޭގެ ބަޖެޓުތަކަކީ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓުތަކެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ދަރަނި އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިފަދައިން މާލީ ވަޒީރު ވާހަކަފުޅު ދައްކަވާފައި ވަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 2012 އިން ފެށިގެން 2018 އާއި ދެމެދު ނަގާފައިވާ ގިނަ ލޯންތަކަކީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ނަގާފައިވާ ކޮމާޝިއަލް ލޯންއާއި ބޮންޑު މާކެޓުން ނަގާފައިވާ ލޯންތައް ކަމަށެވެ. އަދި މި ލޯންތަކުގެ ބޮޑު ބައި ދައްކަން ޖެހެނީ 2022 އަދި 2023 ގައި ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދަރަނި ދައްކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިތުރަށް ދަރަނި ނެގީ ކަމަށާއި އެގޮތަށް އެކަން ކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯއާއި ވެސް ހިލާފަށް ކުރެއްވި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދަރަނި ދައްކަން ދަރަނި ނެގުމަކީ އެއްވެސް އިރެއްގައި އެމްޑީޕީން ގަބޫލު ކުރާ ސިޔާސަތެއް ނޫން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އިތުރަށް ދަރަނި ނުނަގައި ދަރަނި ފަހަތަށް ޖެއްސުމަށެވެ. އަދި ލޯން ރީސްޓްރަކްޗަރ ކުރުމުން ބޮންޑު މާކެޓުގައި ރާއްޖޭގެ ބޮންޑު ނުވިއްކޭނެ ކަމަށް ސަރުކާރުން ބުނާއިރު ބޮންޑު މާކެޓުގައި ބޮންޑު ވިއްކުމަކީ ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ނުކުރަން ނިންމާފައިވާ ކަމެއް ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އަމީރު މިހެން ވިދާޅުވީ، ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން، މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައެވެ. އަމީރު ވިދާޅުވީ، ރާއްޖޭގެ ދަރަނި މެނޭޖުކުރަން ޖެހޭނީ މާކެޓާ ފްރެންޑްލީ ގޮތަކަށް ކަމަށާއި ސަރުކާރުން އެކަން ކުރަނީ އެގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް ދަރަނި މެނޭޖްކޮށްފައި ވަނީ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.

ދަރަނި ރީސްޓްރަކްޗާ ކުރެވިދާނެ ގޮތްތައް އަމީރު ވިދާޅުވެފައި ވާއިރު އޭގެ ތެރެއިން އެއްގޮތަކީ މިހާރު ހުރި ލޯނުތަކުގެ މެޗުއަރިޓީ ޕީރިޑު ދިގުކުރުން ނޫނީ އިންޓަރެސްޓު ރޭޓު ދަށްކުރުން، ކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ. އަމީރު ވަނީ މި ނޫން ގޮތަކަށް ޑެޓް ރީސްޓްރަކްޗަރިން ހިންގައިފިނަމަ ފެންނާނީ ދަރަނި ނުދެއްކި ގޮތް ހުސްވާ ހާލަތެއްގައި އޮތް ތަން ކަމަށް ވިދާޅުވެ މިވަގުތު ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ހާލަތު ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: