ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި ކުރެވޭ ދައުވާގެ އިތުރު އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓްގައި ތާވަލް ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 11:30 ގައެވެ.
އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ރައީސް ޔާމީން އާއި ޔޫސުފް ނައީމްގެ މައްޗަށެވެ.
އެ މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހިފުމާއި ރިޝްވަތު ގަބޫލު ކުރި ކަމުގެ ތުހުމަތެވެ.
އަދި ޔޫސުފް ނައީމް ގެ މައްޗަށް ކުރަނީ ރިޝްވަތު ހިފި ކަމުގެ ދައުވާއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓްގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ވަނީ، ރައީސް ޔާމީންގެ މޯބައިލް ފޯންގެ ފޮރެންސިކް ރިޕޯޓް ތައްޔާތުކުރި ފުލުހުންގެ ފޮރެންސިކް ސާވިސް ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި ޑިޖިޓަލް އެގްޒަމިނަރަކަށް މަސައްކަތް ކުރައްވާ އަބްދުﷲ ޝިފާޒުގެ ހެކިބަސް ނަގައިފައެވެ.
ރައީސް ޔާމީންގެ ވަކީލް ވަނީ އެމަނިކުފާނު އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވިކަމުގެ އެއްވެސް މުއާމަލާތެއް މި މައްސަލައިގައި އެއްކުރި ޑާޓާ ތަކުގެ ތެރެއިން ހެކިވެރިޔާއަށް ފެނިފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝިފާޒް ވިދާޅުވީ އޭނާ ތައްޔާރު ކުރި ރިޕޯޓްގައި ވާނީ ޔޫސުފް ނައީމްގެ ނަމްބަރުން ރައީސް ޔާމީނަށް ކޮށްފައިވާ މެސެޖްތައް އެކަނި ކަމުގައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ރައީސް ޔާމީން ހިޔާނާތްވީކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާކަމަށް ބުނެ އެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރަނީ، ރަށް ވިއްކާލައިގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ.

