ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ގޯގޯ ލަތީފް”

އެމްޑީޕީގެ އެއް ބާނީ މުހައްމަދު ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާކަމަށް އެ ޕާޓީން ހާމަކުރައްވައިފިއެވެ.

ގޯގޯ ލަތީފް މިއަދުގެ ވަގުތެއްގައި އަވަހާރަވުވެފައިވާއިރު މިކަމާއި ގުޅިގެން އެމްޑީޕީން ކުރި ޓްވީޓެއްގައި ވަނީ އެ ޕާޓީ އުފެއްދުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާކަމަށްވާ ގޯގޯ ލަތީފް އަވަހާރަވުމުގެ ފުން ހިތާމަގައި ޕާޓީން ބައިވެރިވަންކަމަށެވެ. ޓްވީޓުގައި އިތުރަށް ވަނީ ގޯގޯ ލަތީފަކީ ރާއްޖެ މި ދެކޭ ހެޔޮ ބަދަލު ގެނެސްދެއްވުމަށް އިސްނަންގަވާ އިހްލާސްތެރި މަސައްކަތްތަކެއް ގައުމަށް ކޮށްދެއްވި ބޭފުޅެއްކަމަށެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާޓީގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔާފައިވެ އެވެ. ރާއްޖެއިން ބޭރުގައި އުޅުއްވަމުން މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެއްދުމުގައި ލަތީފް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން އެކަމާ ހިތާމަ ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓްވީޓްކުރައްވައި ވިދާޅުވީ ލަތީފަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ޕާޓީގެ ރައީސް ރައީށް މުހައްމަދު ނަޝީދު ވެސް ވަނީ މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާ ހިތާމާގައި ބައިވެރިވެވަޑައިގެންފައެވެ. ޓްވީޓުގައި ވަނީ ގޯގޯ ލަތީފަކީ، ވަރަށް ހިތް ހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި އެހާމެ ހިތްވަރުގަދަ ބޭފުޅެއްކަމަށެވެ. ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއް ބައިވެރިއްކަމަށްވެސް ނަޝީދުގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަތީފަކީ އެމްޑީޕީ ވުޖޫދަށް ގެނެސް ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތައް ހޯދައިިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަދި އަގުނުކުރެވޭ ގުރުބާނީތަކެއްވި ހިތްވަރުގަދަ ދިވެހި ދަރިއެއް ކަމަށެވެ.

އެމްޑީޕީ އުފެދުމުގެ އަސްލެއްގެ ގޮތުގައި އެ ޕާޓިއަށް ނިސްބަތްވާ ބައެއް މެންބަރުން ސިފަކުރައްވަނީ 1989 ވަނަ އަހަރު ރާއްޖޭގައި ނެރުނު “ސަންގު” ނޫހެވެ. ސަންގު ނޫސް އުފެދިގެން އައިއިރު، މަސްއޫލުވެރިންގެ ގޮތުގައި އޭރު އުޅުއްވާފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ޝަފީގު (ކުރަހާ ސައްޕެ) އާއި، ޑޭޒީމާގޭ އަހުމަދު އައްބާހެވެ. މިބޭފުޅުންގެ އިސް ނެންގެވުމުގެ މަތިން ނެރުނު ސަންގު ނޫހުގައި މައިގަނޑު ގޮތެއްގައި ލިޔުއްވަމުން އައީ އެއިރު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކާއި ބެހޭގޮތުންނެވެ. އަދި މިއީ އެއިރުގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ބިރުވެރި، ޖާނާއި މާލަށް ގެއްލުންވުުމުގެ ނުރައްކާ އޮތް ކަމެއް ކަމަށް މި މަސައްކަތުގައި އުޅުއްވި ބޭފުޅުން ސިފަކުރައްވައެެވެ. ސަންގު ނޫސް އުފެދިގެން އައި ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށްވަނީ ޒުވާން ބޭފުޅުންތަކެއް އިންތިހާބުވެފައެވެ. އޭގެ ތެރޭގައި ބަގީޗާގެ މުހައްމަދު ޝީހާބާއި، ހަސަން އަފީފާއި، ކުރީގެ ފުވައްމުލަކު ދާއިރާގެ މެމްބަރ މުހައްމަދު އިބްރާހީމާއި މުހައްމަދު ލަތީފް (ގޯގޯ ލަތީފް) ހިމެނެއެވެ. ގޯގޯ ލަތީފް ވަނީ “ސަންގު” ނޫހުގައިވެސް ވަރަށް އިސް ދައުރެއް އަދާކުރައްވާފައެެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އީވާން ނަސީމް ޖަލުގައި މަރާލުމާއި އަދި އޭގެ ފަހުން ޖަލުގައި ބަޑި ޖަހައި ބަޔަކު މަރާލި ހާދިސާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ގޯގޯ ލަތީފެވެ. އޭނާ ވަނީ އެދުވަސްވަރު “ސީއެންއެން” އާއި “ރޮއިޓާސް” ފަދަ ދުނިޔޭގެ ނަން މަޝްހޫރު އެތައް ނޫހަކަށް ރާއްޖޭގެ ހާލަތު ކިޔައިދީފަައެވެ. އަދި ސްރީލަންލާގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވާ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަން ދިވެހި ސަރުކާރަށް ޕްރެޝަރު ކުރުމުގައި ގޯގޯ ލަތީފް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

ލަތީފް މަޖިލިސް މެންބަރުކަން ކުރެއްވީ 1989 ވަނަ އަހަރު އެވެ. މެންބަރުކަން ދޫކޮށްލެއްވީ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ އިސްލާހީ މަސައްކަތްތައް ކުރެއްވުމުގެ ސަބަބުން ހައްޔަރުކުރުމާ ގުޅިގެންނެވެ.

2012 ވަނަ އަހަރުު ރައީސް ނަޝީދުގެ ވެރިކަން ނިމުމަށްފަހުން އޭނާ އެމްޑީޕީގެ ބައެއް މުޒާހަރާތަކުގައި ބައިވެރިވި ނަމަވެސް އޭގެފަހުން ސިޔާސީ މަސްރަހުން ގޯގޯ ލަތީފް ނުފެނެއެވެ. އޭނާ ދިރިއުޅުއްވަމުން ގެންދެވީ ސްރީ ލަންކާގައެވެ. އަދި އަވަހާރަވީއިރުވެސް ހުންނެވީ ސްރީ ލަންކާގެ ކޮލޮމްބޯގައިކަމަށް މައުލޫމާތު ލިބެއެވެ.

ގޯގޯ ލަތީފްގެ ދަރިކަނބަލުން ޖެނިފާ ލަތީފަކީ ވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި ބޭކަނބެލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: