އެމްޑީޕީގެ މި ސަރުކާރު ވައްޓާލުމަށް، އިދިކޮޅު ޕީޕީއެމްގެ ކޯލިޝަނަށްވުރެ ބުރަ މަސައްކަތްތަކެއް އެމްޑީޕީގެ ބަޔަކު ކުރަމުންދާކަމަށް، އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގަތީއްސުރެއް، އެމްޑީޕީގެ ތެރޭގައި ބައިބައިވުންތަކެއް ވާކަމަށް އެ ޕާޓީގެ މެމްބަރުން ފާހަގަކުރައްވާފައިވާ ދަނޑިވަޅެއްގައި ރޮޒައިނާ ވިދާޅުވީ، މިވަގުތު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ޕާޓީގެ ތެރެއިން ބަޔަކު، އެމްޑީޕީގެ މި ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުން ދިއުންކަމަށެވެ. އަދި ރައީސް ސާލިހަށް ލިބެމުންދާ ތާއީދު ނަގާލުމަށްވެސް، އެބަޔަކު މަސައްކަތް ކުރަމުންދާކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ ޕާޓީގެ ވެރިކަމެއް ވައްޓާލުމަށް، ޕާޓީއަށް ނިސްބަތްވާ ބަޔަކު މަސައްކަތް ކުރަމުން ދިއުންކަމަށާއި، ރައީސް ސާލިހަށް ލިބެމުންދާ ތާއީދު ނައްތާލުމަށްވެސް އެ ބަޔަކު މަސައްކަތްތަކެއް ކުރާކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ ބަޔަކު ރައްޔިތުންނަށް އޮޅުވާލައި، ފިތުނަ އުފެއްދުމަށް ރެޔާ ދުވާލު މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ޕީޕީއެމްއަށްވުރެ ބުރަކޮށް އެމްޑީޕީއާއި ދެކޮޅަށް އެބަޔަކު މަސައްކަތްކުރާކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ވައްޓާލުމަށް ޕީޕީއެމްއަށްވުރެ ބުރަކޮށް، އެމްޑީޕީގެ ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ރޮޒައިނާ ފާހަގަކުރެއްވިއިރު، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސާލިހު ނަންގަވާ ހުރިހާ ފިޔަވަޅަކަށް ފާޑު ވިދާޅުވަމުންދާ މަންޒަރުތައް ފެނިގެންދެއެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންވެސް ރައީސް ސާލިހަށް ފާޑުވިދާޅުވާކަން ފާހަގަކޮށްލެވެއެވެ.

