ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ގޯޓަބަޔަ ދަތުރުކުރި އަސްކަރީ ފްލައިޓަށް ޑިޕްލޮމެޓިކް ކްލިޔަރެސް ދިނިން: ދިވެހި ސަރުކާރު

ރައީސް ސާލިހު އަދި ރައީސް ގޯޓަބަޔާ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ސާލިޙްގެ ސަރުކާރުގެ ހިމާޔަތުގެ ދަށުން ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަ ދަތުރު ކުރެއްވި ލަންކާގެ އެއާފޯސް ފްލައިޓަށް ދިވެހިރާއްޖެއިން ޑިޕޮލޮމެޓިކް ކްލިޔަރެސް ދިން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރައީސް ސާލިޙްގެ ސަރުކާރުން ރައީސް ގޯޓަބަޔާއަށް ޑިޕްލޮމެޓިކް ކްލިޔަރެސް ދިން ކަމަށް ބުނެ ބަޔާނެއް ނެރެފައި މިވަނީ ގޯޓަބަޔާ ރާއްޖެއިން ފުރައިގެން ސިންގަޕޯއަށް ވަޑައިގަތުމަށް ފަހު ލަންކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ފަހުންނެވެ. އޭގެ ކުރިން ރާއްޖޭގެ އެކި މީޑިއާތަކާއި ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ދިވެހި ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ތިން ފޮޅުވަތުގެ ކުރު ބަޔާނުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ރައީސް ގޯޓަބަޔާ ދަތުރު ކުރެއްވި ލަންކާގެ އެއާފޯސް ފްލައިޓަށް ޑިޕްލޮމެޓިކް ކްލިޔަރެސް ދިނީ ލަންކާ ސަރުކާރުން އެދުނު ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި ހުއްދަ ދިނީ ލަންކާގެ ރައީސް ރާއްޖޭގައި ޓްރާންސިޓް ކުރުމަށް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން ނެރުނު ތިން ފޮޅުވަތުގެ ބަޔާން

ރައީސް ގޯޓަބަޔާ ލަންކާގެ އެއާފޯސްގެ ފްލައިޓެއްގައި ރާއްޖެ ވަޑައިގަތުމަށް ހުއްދަ ދިން ގޮތާއި ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބް ނުދީ ކަން ހިނގިތާ 48 ގަޑިއިރު ވާން ކައިރިވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީގެ ތައް ގަނޑު އަދި ވެރިއެއްގެ ސޮއި ވެސް ނެތްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ސަރުކާރުގެ ލިޔެކިޔުންތައް ހުންނަން ޖެހޭނެ ކަމަށް ރައީސް އޮފީޙުން ބުނެފައިވާ ހަމަތަކަށް ފޮރިން މިނިސްޓްރީގެ ބަޔާން ނުފެތޭކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ލަންކާގެ ރައީސް ގޯޓާބަޔަ އިސްތިއުފާ ދެއްވާފައިވާއިރު ރައީސް ސާލިޙްގެ ސަރުކާރުގެ އެހީތެރި ކަމާއިއެކު ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވިއިރު ރައީސް ގޯޓަބަޔާއަށް ރާއްޖެއިން މަރުހަބާ ދެންނެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ.

އެހެނިހެން ގައުމުތަކުގެ ދާހިލީ ކަންކަމަށް ވަދެވަޑައިގަންނަ ކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ސްރީލަންކާގައި ހުދުމުހުތާރު އައިލީ ވެރިކަމެއް ކުރައްވަމުންދިޔަ، ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ރައީސް ގޯޓަބަޔާގެ އިސްތިއުފާއާއިއެކު، ސްރީލަންކާގެ ރައްޔިތުން އެގައުމުގައި މިވަގުތު ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކާއި ދުރުހެލިވެގެންދާނެކަމަށް އެނާ އުންމީދު ކުރައްވާކަމަށެވެ.

ސްރީލަންކާގެ ރައީސް ގޯޓަބަޔާގެ އިސްތިއުފާއާއިއެކު، އެގައުމުގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބި، ހަމަނުޖެހުންތައް ހުއްޓުމަކަށް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެނާ ގަބޫލު ކުރައްވާ ގޮތުން، ފުރާނައަށް ނުރައްކައުތެރިވެފައިނުވާނަމަ، ރައީސް ގޯޓަބަޔާ އިސްތިއުފާ ނުދެއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ، ރައީސް ގޯޓަބަޔާ، ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެހީ ވެފައިވުމަށް ތައުރީފު ކުރައްވާފައިއެވެ.

ސްރީލަންކާގައި ހުދުމުހުތާރު އާއިލީ ވެރިކަމެއް ކުރެއްވި ރައީސް ގޯޓަބަޔާ ރާޖަޕަކްސާއަށް ތާއިދު ކުރައްވަމުންދިއުމާއި ގުޅިގެން ރައީސް ނަޝީދަށްވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައިއެވެ. އެގޮތުން ބައެއް ފަރާތްތަކުންވަނީ ރައީސް ގޯޓަބަޔާ، ރައީސް ނަޝީދު ވިދާޅުވާ ހުދުމުހުތާރު ވެރިޔާ ރައީސް މައުމޫން އަބްދުލް ގައްޔޫމަށްވުރެވެސް ހުދުމުހުތާރު ކަމަށް ސިފަ ކުރައްވާފައިއެވެ. އެހެންކަމުން އެނާއަށް ތާއިދު ކުރުމުން ރައީސް ނަޝީދުގެ އަސްލު ކުލަވަރުތައް ފާޅުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: