ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯޓަބަޔާ ފިއްލަވަން ރާއްޖެއިން ޑިޕްލޮމެޓިކް ކްލިއަރެންސް ދިން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ރައީސް ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާ ބަނޑަށް ޖެއްސުމަށްފަހު، ފިއްލަވައިގެން، އަސްކަރީ އުޅަނދެއްގައި ރާއްޖެވަޑައިގަތް، އެ ގައުމުގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ، ރާއްޖެ ބޭނުންކުރެއްވީ ޓްރާންސިޓު މަންޒިލެއްގެ ގޮތަށް ކަމަށާއި، ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ޑިޕްލޮމެޓިކް ކޮލިއަރެންސް ދީފައިވާކަމަށްވެސް ފޮރިން މިނިސްޓަރީއިން ބުނެފިއެވެ.

އަވައްޓެރި ގައުމު ސްރީލަންކާގެ އިގްތިސޯދީ، މާލީ، އަދި އިޖްތިމާއީ ހާލަތު އަޑިއަޅާލުމުގެ ޒިންމާ ނަންގަވަންޖެހޭ ފަރާތްކަމަށް އެ ގައުމުގެ ރައްޔިތުން ފާހަގަކުރަމުންދާ ރައީސް ގޯޓަބަޔާ، ރާޖަޕަކްސާ ދަންވަރުގެ ވަގުތެެއްގައި އަސްކަރީ އުޅަނދެއް ބޭނުންކޮށް، ރާއްޖެ ވަޑައިގަތުމާއި ގުޅިގެން، ރާއްޖޭގެ ރައްޔިތުންވެސްވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައިއެވެ. އަދި ލަންކާގެ ރައްޔިތުންތަކެއްވަނީ ރައީސް ގޯޓަބަޔާ ދިވެހިރާއްޖެއިން، ސްރީލަންކާއަށް ފުރުވާލައި އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުގައި ދިވެހި ސަރުކާރުގެ އެހީއަށް އެދި ގޮވާލައިފައިއެވެ.

އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގެން، ދިވެހި ރައްޔިތުންނާއި، ލަންކާ ރައްޔިތުންގެވެސް ނުރުހުމާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން، ފުރަތަމަ ހިޔާލު ކުރެއްވި ގޮތަށް، ސިންގަޕޫރުގެ ވައިގެ އުޅަނދެއްގައި އެ ގައުމަށް ފުރާވަޑައިގަންނަވަން ރޭވި ރޭވުންވެސް ގޮޓަބަޔާވަނީ ބަދަލު ކުރައްވަން ނިންމަވާފައިއެވެ. އެގޮތުން އެނާ ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ، ސައުދީ އެއަރލައިންގައިއެވެ.

ރައީސް މައުމޫނު އަބްދުލް ގައްޔޫމަކީ، ހުދުމުހުތާރު ވެރިއެއް ކަމަށް ސިފަ ކުރައްވާ، ހެޔޮ ބަދަލެއް ގެނައުމުގެ ނަމުގައި ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގޯތަބަޔާ ރާޖަޕަކްސާ ފިއްލަވައިގެން ދިވެހިރާއްޖެ ވަޑައިގެންނެވި ދަނޑިވަޅު ވެލާނާ އެއަރޕޯޓަށް ވަޑައިގަތުމުން، އެ މަނިކުފާނަށްވަނީ ދިވެހި ރައްޔިތުންނާއި ސްރީލަންކާގެ ރައްޔިތުންގެވެސް ފާޑުކިޔުންތައް އަމާޒުވެފައިއެވެ.

އެގޮތުން ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، ރައީސް މައުމޫނަކީ ހުދުމުހުތާރު ވެރިއެއް ނަމަވެސް، އެ މަނިކުފާނުގެ ވެރިކަމުގެ ދަށުގައި ދިވެހިން ދިރިއުޅެމުންދިޔައީ، ސާދާ ނަމަވެސް ދިރިއުޅުމެއް ނަމަވެސް ހަމަ ޖެހުމާއި އެކު ކަމަށެވެ. އެހެން ނަމަވެސް ގޯޓަބަޔާގެ ވެރިކަމުގައި ސުލްހަވެރި ސްރީލަންކާ އެއްކޮށް ދަވާލައި، ފުށުން ޖަހާލާފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

ރައީސް ނަޝީދަށް ބައެއް ފަރާތްތަކުން އަމާޒު ކުރި ފާޑުކިޔުންތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި 30 އަހަރުގެ ވެރިކަމެއް ކުރެއްވި ރައީސް މައުމޫނަށްވުރެ، ހުދުމުހުތާރު އުސޫލުތަކެއް ގެންގުޅުއްވާ ފަރާތަކަށް ތާއީދު ކުރެއްވުންވެސް ހިމެނެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ގޯޓަބަޔާއަކީ، މައުމޫނަށްވުރެ ހުދުމުތާރު ވެރިއެއް ކަމަށް ސިފަކޮށް ބުނަމުންދިޔައީ، ރައީސް ނަޝީދުގެ އަސްލު ކުލަވަރުން މިހާރު ދިވެހި ރައްޔިތުންނަށް ސިފަވެގެން ގޮސްފައިވާނެކަމަށެވެ. އަދި އެ މަނިކުފާނު ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭކަމަށްވެސް ބުނިއެވެ.

ރައީސް ނަޝީދަަށް ގިނަ ފާޑުކިޔުން އަމާޒުވިނަމަވެސް، އިދިކޮޅު ޕީޕީއެމްގެ ކޯލިޝަނުންވެސްވަނީ، ރައީސް ގޯޓަބަޔާއަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުގެ ޒިންމާ އެޅިގެންދަނީ ރައީސް ނަޝީދުގެ ބޮލުގައި އެކަނި ނޫންކަމަށް ފާހަގަކުރައްވާފައިއެވެ. އެގޮތުން ރައީސަކު ވަޑައިގަންނަ އިރު، ފޮރިން މިނިސްޓްރީއާއި މަޝްވަރާ ކުރެވިގެންދާނެކަމަށާއި، އަސްކަރީ އުޅަންދެއްގައި ވަޑައިގަންނަ ނަމަ، ޑިފެންސް މިނިސްޓްރީގެ ހުއްދަވެސް ބޭނުންވާނެކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

އަވައްޓެރި ސްރީލަންކާގެ ހާލަތުވަނީ އިންތިހާއަށް ގޯސްވެފައިއެވެ. އެ ގައުމުގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވަން، ރައްޔިތުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގައި ފިއްލަވައިގެން ރާއްޖެ ފުރާ ވަޑައިގަތުމުން، އެ ގައުމުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައްވަނީ އިތުރުވެގެންދިޔައެވެ. މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުން، ދިވެހި ސަރުކާރުން ރައީސް ގޯޓަބަޔާއަށް ފިއްލަވަން އެހީވެފައިވުމުން، އެ ގައުމުގައި އަލަށް އެކުލަވާލާނެ ސަރުކާރާއި، ރާއްޖެއާއި ދޭތެރޭގައި އޮންނާނެ ގުޅުމަކީ، ގާތް ގުޅުމަކަށް ވެގެންދާނެކަމާއި މެދު، ޝައްކު އުފެދޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: