ޒުވާން ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓި ދެ މީހަކު ރާއްޖެއިން ބޭރަށް ދިޔައީ ހުއްދަ ނަގައިގެންކަމަށް ފުލުހުން ބުނެފި އެވެ.
އަލަމްގިރިއާއި އެކު ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ފާހަގަ ކުރެވުނު މީހުންގެ ތެރެއިން 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވެ އެވެ. އަދި މައްސަލައިގައި ހިމެނޭ ބައެއް މީހުން ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާތީ ސުވާލު ކުރުމުން ފުލުހުން ބުނީ އެ މުވައްސަސާއިން ބޭރަށް ދިއުމަށް ދެ މީހަކަށް ހުއްދަ ދިން ކަމަށެވެ. އަދި އެއީ އުމްރާއަށް ދިއުމަށް ވަރަށް ކުރިން އެ އިންތިޒާމުތައް ހަމަޖައްސާފައިވާ މީހުންކަމަށް މައުލޫމާތު ދިނެވެ.
އިތުރު ބައެއްގެ މައުލޫމާތުތައް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. ނަމަވެސް ވިދާޅުވީ ފުރައިގެން ދިޔަ ބައެއް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނާ އަދަދުތަކާއި ގުޅޭގޮތުން ވެސް ތަފާތު އެކި ގޮތަށް ވާހަކަތަކެއް ދެކެވެ އެވެ. ތަހުގީގަށް މިހާތަނަށް ފާހަގަ ކުރެވިފައި ވަނީ 38 މީހެކެވެ.
ފުލުހުން ބުނީ ތަހުގީގަށް އިތުރު ކުރިއެރުންތައް ލިބޭ މިންވަރަކުން، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މިހުންގެ މައްޗަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދައުލަތުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރާ މީހެއްގެ މައްސަލައެއް ބަލައި ތަހުގީގު ކުރާނަމަ، އެކަން އަންގާނެ ކަމަށް ވެސް މީޑިއާތަކަށް ބުންޏެވެ. އެގޮތުން މީޑިއާތަކަށް އެނގިގެން މިހާތަނަށް މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރި ސްޓާފަކާއި، ހޯމް މިނިސްޓްރީގެ މުވައްޒަފެއް، އަދި ކަސްޓަމްސްގެ ދެ އޮފިސަރުންނާއި، މުދިމެއް، އަދި ޓީޗަރުންތަކެއްގެ އިތުރުން އެމްއެންޑީއެފްގެ އޮފިސަރެއް ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވ. އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި ރާފިއު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މި މައްސަލައިގައި ގިނަ ބައެއްގެ ޕާސްޕޯޓު ހިފެހެއްޓި އިރު، ވީޑިއޯތައް ލީކުވި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު ވެސް ވަނީ އެހެން މީހަކާއި އެކު ގުޅުން ހިންގާ ވީޑިއޯއެއް ލީކުވުމުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ދޫކޮށްލަމުން ދާކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި މި މައްސަލައިގައި ސިޔާސީ އެކި މީހުންނާއި، އެމްޑީޕީގެ އެކްޓިވިސްޓުން އަދި ސަރުކާރުގެ އިސްވެރިންތަކެއްގެ ދަރީން ހިމެނޭކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ރައީސް ނަޝީދު ވެސް ވަނީ، ސަރުކާރުން ވަކި ބައެއްގެ މައްސަލަތައް ނުބަލައި ދޫކޮށްލާފައިވާކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

