ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ދޭނަން: އުމަރު

ކުރީގެ ހޯމް މިނިސްޓާ އުމަރު ނަސީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް އަދަބު ދޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިސްލާމީ ޝަރީއަތް ހިފުމަށް އެ ޝިޔާރުގެ ދަށުން ރޭ ބޭއްވި ކެމްޕެއިން އިވެންޓްގައި އުމަރު ވިދާޅުވީ  މުޅި ރާއްޖޭގެ އެތައް ރަށެއްގައި ވައްކަން ކުރުމާއި ޑްރަގް ބޭނުންކުރުމާއި ފާހިޝް އަމަލްތައް އިތުރުވެ މުޅި ރާއްޖޭގެ އިޖްތިމާއީ ފޭރާންވަނީ ހަސްފަސްނެތި ވީދިކުދިކުދިވެފައިކަމަށެވެ.

ވޭތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ރާއްޖެ މިހާ ދަށުދަރަޖައަކަށް ވެއްޓުނީ ކީއްވެގެންތޯ މިއަދު ކޮންމެ ފަރުދަކު ހިތާހިތުން ސުވާލު ކުރާ ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން މިއަދު ސޯޝަލް މީޑިއާ ބަލައިލާ ކޮންމެ ފަހަރަކު ފެންނަނީ ހަޑިހުތުރު ފާހިޝް އަމަލުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯ ތަކާއި ޓީވީތަކުން އިވެނީ މީހުން މަރާ އަތްފައިބުރިކުރާ ވާހަކަ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކުށްތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް އަދި ބިރުވެރިކަމެއް ނެތި ކަމަށެވެ. މިއަދު ގައުމުގެ ހާލަތަކީ ދަރިފުޅަށް އެކަނި ބޭރަށް ނިކުތުމަށްފަހު އަނބުރާ ގެއަށް އަންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ކަމުގައި އުމަރު ވިދާޅުވިއެވެ.

ހުޅަނގުން ކޮޕީކޮށްގެން ރާއްޖޭގައި ހެދި ގާނޫނު އަސާސީ ހިފައިގެން ސާދަ އަހަރުވަންދެން ކުރި ދަތުރުގައި މިރާއްޖެ މިވަނީ އަމަންއަމާންކަމުގެ ގޮތުންނާއި އަހުލާގީ ގޮތުންނާއި ދަރަނީގެ ގޮތުންނާއި ކޮރަޕްޝަންގެ ގޮތުން އަޑިނޭނގޭ ފުންވަޅުގަނޑަކަށް ވެއްޓިފައިކަމަށް އުމަރު ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ބަދަލުގެނެވި ސިޔާސީ ޕާޓީތައް ތައާރަފްކުރެވުނު އިރުވެސް ހުޅަނގުގެ ލިބަރަލް ޑިމޮކްރަސީ އެއް ރާއްޖެއަށް ކަމުނުދާނެ ވާހަކަ އައީ ބުނަމުންކަމަށް އުމަރު ވިދާޅުވިއެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެންނަން ވާނީ ރާއްޖޭގެ ދީނާއި ސަގާފަތަށް ފެތޭ ދިވެހިންގެ މިވެއްޓާއި ގުޅޭ ގައުމިއްޔަތުގެ ޝުއޫރުތަކުން އެކަމަށް ތަރުހީބުދެވޭ ގޮތަށް ބައްޓަންކޮށްގެން ކަމަށް ދިޔައީ ބުނަމުން ކަމަށް އުމަރު ވިދާޅުވިއެވެ.

މިއަދު ކުރިމަތިވަމުންދާ ނުތާހިރު ގިނަކަންތައްތަކުގެ އަސްލަކީ އިމްޕޯޓްކުރި ހުޅަނގުގެ ޑިމޮކްރަސީގައި ހުރި އުނިކަންތައްތަކެއްގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަތަކެއް ކަމަށް އުމަރުވިދާޅުވިއެވެ. ހުޅަނގުން އިމްޕޯޓްކުރި ގާނޫނު އަސާސީގެ ދަށުން ތިން ޕާޓީ އަކުން ފަސް ބޭފުޅަކު މިއަދާ ހަމައަށް ވެރިކަން ކުރައްވައިފިކަމަށާއި އެހެން ނަމަވެސް އެއްވެސް ވެރިކަމަށް އެއްވެސް ޕާޓީ އަކަށް މައްސަލަތައް ހައްލުކޮށް ނުދެވުނު ކަމުގައި އުމަރު ވިދާޅުވިއެވެ. ސަބަބަކީ ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރެއްވީ ހުޅަނގުން ދެއްކި މަގުން ހިނގަައި ކުރަހައިދޭ ޗާޓުން ދަތުރުކުރަން ކަމަށް އުމަރު ވިދާޅުވިއެވެ.

ހުޅަނގުން އިމްޕޯޓްކުރި ނިޒާމްގައި ވަރަށް ރަނގަޅު ކަންތައްތަކެއް ހުރި ކަމާއި ނަމަވެސް އޭގައި ހުރި އިންތިހާއަށް ކަންބޮޑުވާ އުނިކަންތައްތަކެއް އެކުލެވޭ ކަމުގައި އުމަރު ވިދާޅުވިއެވެ. އެގޮތުން ހުޅަނގުގެ ޑިމޮކްރަޓިކް ނިޒާމް ބިނާވެފައި އޮތީ އެމީހުންގެ ވެލިއުސް ތަކާއި ތާރީހާއި ސަގާފަތާއި ވިސްނުންތަކުގެ މައްޗަށް ކަމާއި އެއީ އޭޝިޔާ ނުވަތަ މުސްލިމުންގެ ވެލިއުސް ތަކެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

ދިވެހިންގެ ވެލިއުސް ތަކަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ހޯދައިގެންފައިވާ އުސޫލުތަކެއް ކަމުގައި އުމަރު ވިދާޅުވިއެވެ. ދިވެހިން ގަބޫލު ކުރާ ހަމަތަކާއި އުސޫލުތައް ހުޅަނގުން ބުނާހާގޮތަކަށް ބަދަލުކުރަން ނުޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

ކޮންމެ ގައުމަކީ ތަފާތު ގައުމެއް ކަމާއި އެބަޔަކު ގަބޫލުކުރާ ގޮތްތައް އެބަޔަކު ހިފައްޓަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ދުނިޔޭގެ ހުރިހާ ގައުމުތަކަކީ ހުޅަނގުން ގަބޫލު ކުރާ އުސޫލުތަކަށް ތަބާވެގެން އެމީހުން ބުނާހާ ގޮތް ހަދައިގެން އެމީހުންގެ ވެލިއުސްތަކުގައި ހިފަހައްޓާ ބަޔަކަށް ވާން ނުޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހިރާއްޖެ މިއަދު މިވަނީ ހުޅަނގުގެ ވެލިއުސް ތަކާއި އިސްލާމީ ވެލިއުސް ތަކާއި އެކު ދެ ކަލްޗަރ އެއްގެ ވެލިއުސް ތަކެއްގެ ދޭތެރޭގައި ތާށިވެފައި ކަމާއި ދާންވީ ކޮންދިމާލަކަށް ކަން ނޭނގިފައިކަމަށް އުމަރު ވިދާޅުވިއެވެ.

ހުރިހާ ވެރިންވެސް މަސައްކަތް ކުރެއްވީ ހުޅަނގުން ބުނާ ގޮތަށް އެމީހުންގެ ފާޑުކިޔުން ނުލިބޭ ގޮތަށް ކަންކަން ކުރެވޭތޯ ކަމަށް އުމަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ބައެއް ވެރިން ވަނީ ދޮންމީހުން އުޅޭ ގޮތަށް އުޅުމުން ރަނގަޅުވާނެ ކަމަށް ބުނެފައި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެމީހުން އުޅޭ ގޮތަށް އުޅުމަށް ވިދާޅުވި ކަމާއި ނަމަވެސް ދިވެހިންގެ ވެލިއު ސިސްޓަމް އައިސްފައި އޮތީ އޭޝިޔާގެ ތެރެއިންނާއި އިސްލާމް ދީނުގެ އުސޫލުތަކާއި ހަމަތަކާއި ދިވެހިންގެ ތާރީހާއި ސަގާފަތްތަކުގެ ތެރެއިން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދިވެހިންގެ ވެލިއު ސިސްޓަމާއި ހުޅަނގުގެ ވެލިއު ސިސްޓަމަކީ މުޅިން ތަފާތު ދޭތި ކަމާއި އެ އޮންނަން ވާނީ ދޭއްޗެއްގެ ގޮތުގައި ކަމާއި ދޮންމީހުން އުޅޭހެން ދިވެހިން އުޅެން ނުޖެހޭ ކަމާއި އުޅެންވާނީ މުސްލިމުން އުޅޭހެން މަށެވެ. ހުޅަނގުން އިމްޕޯޓްކުރި ގާނޫނު އަސާސީ ގައި އޮތް ގޮތަށް 14 އަހަރު އުޅުމުން ދިމާވީ ކާޅު އުޅޭ ގޮތަށް ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތަށް ވެސް އުޅެން ނޭނގުނު ކަމާއި ކުރިން އުޅުނު ގޮތް ހަނދާން ނެތިއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ. ދިވެހިންނަށް ޖެހޭނީ ހުޅަނގުން އިމްޕޯޓްކުރި ބައެއް ކަންކަން ދޫކޮށްލަން ކަމަށް އުމަރު ވިދާޅުވިއެވެ. ދިވެހިން ގަބޫލުކުރާ ހަމަތަކާއި އިސްލާމީ އުސޫލުތަކުގައި ހިފައިގެން ކުރިއަށް ދިއުމަށް އުމަރު ގޮވާލެއްވިއެވެ.

ދިވެހި ރާއްޖެއަށް ދިމާވެފައިހުރި ބޮޑެތި މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައި ހިފަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. ދިވެހިއްޔަތު ދިރުވައި ޒަމާންވީ ރީތި އާދަކާދަތަކުގައި ހިފެހެއްޓުމާއި ދިވެހިންގެ ރީތިއާދަކާދަތަކުގައި ހިފަހައްޓަން ދިވެހިންގެ ރީތި އަހުލާގު އިސްކޮށް އެގޮތް މިވެށީގައި އަލުން ހަރުލައްވަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ތިޖޫރިން ވައްކަންކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ތަންފީޒުކުރަން ފަށައިފިނަމަ މުޅި ދައުލަތުން ވަރަށް ގިނަ ފައިސާ ސަލާމަތް ކުރެވިގެން ދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމުގައެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދައުލަތުން މީހެއްގެ ގުދާރު ބިންދާލައިފިއްޔާ އިސްލާމީ ޝަރީޢަތުގަ އޮތީ ކޮން އަދަބެއް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: