އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް އަދި ހިތަށް އެރި ވާހަކަ އެއް ލިޔެ ބުނެ ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި މިހާރު އެބައޮތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުންވެސް މިހައްގުގެ ބޭނުން ހައްދެއް ނެތް މިންވަރަށް ކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީ އަށް އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާއި އެކު ތަފާތު ހިޔާލު ތަކާއެކު ކުރިއަށް ދިއުން ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އެއްބަސްވެވޭ ކަންތައްތަކާއި ދެބަސްވެވޭ ކަންތައްތައް ހުންނާނެ ކަމާއި ނަމަވެސް އެމްޑީޕީ އަށް އޮތް ގޮތަކީ އެހުރިހާ ކަމަކާއިއެކު ކުރިއަށް ދިއުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އެމްޑީޕީ އަކީ ދިވެހިންނަށް އިންސާފާއި ހަމަހަމަ ކަމާއި ހައްގުތަށް ހޯދައި ދިނުމަށް ރޯކުރި ޑިމޮކްރަސީގެ ދަންމަރު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ޒަމާނާއި ވަގުތު ގެނެސްދޭ އޮޔާއި ވައިގެ ސަބަބުން އެދަންމަރު ކަނިވެ، ނިވުނަ ނުދިނުމަށް އިލްތިމާސް ކުރައްވައި ވިދާޅުވީ އެކަން އެހެން ވިޔަ ނުދިނުމަކީ އެމްޑީޕީގެ މެމްބަރުންނަށް އޮތް އިހްތިޔާރެއް ނޫން ކަމުގައެވެ.
އެމްޑީޕީ އުފެދިގެން އައީ ގަބޫލު ކުރާ ހަމަތަކަކާއި އުސޫލުތަކެއް ގެންނަން ބޭނުންވާ ބަދަލުތަކެއްގެ މައްޗަށްކަމަށާއި، އެއް ކަމަކީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުން އޭރު އަޑު އިވެމުން ދިޔަ ރުއިމުގެ އަޑުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަނެއް ކަމަކީ ހައްދު ފަހަނަ އަޅައިދިޔުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ކުރެވޭ އިޝާރާތަކުން ބުނެވޭ ބަހަކުން ނުވަތަ ހީވާ ހީވުމަކުންވެސް މީހާގެ އަޖަލު އޭނާގެ ދޮރުގައި ޓަކި ޖަހާފާނެ ކަމާއި އެކަމަށް ވަކި އިރެއް ހިނދެއް މެންދުރެއް އަދި މެންދަމެއްގެ ތަފާތެއް ނެތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ވަންނާނެ ވަކި ގެއެއް ދައްކާކަށް ކޯޓު އަމުުރެއް އޭރުގައި ނޯންނަ ކަމާއި ފުރިހަމަ ކުރަން ގާނޫނީ އިޖުރާއަތެއް އޭރުގައި ނޯންނަ ކަމާއި އެއީ އެދުވަހުގެ ހާލަތު އޮތް ގޮތް ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
އެމްޑީޕީ އިން ނައްތާލަން ބޭނުންވީ އެ ބިރުވެރިކަމާއި ބޭއިންސާފާއި ލާއިންސާނިއްޔަތާއި އަނިޔާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ހަމައެކަނި އެބަދަލަށް ބެލި ނަމަވެސް އެމްޑީޕީ އަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ހައްގުވާ ތައުރީފުގެ ކޮޅެއް ނެތް ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
އެއް ތަނެއްގައި ހިފަހައްޓާ ޖަމާކޮށް ގުދަން ކުރެވިފައިވާ ޒަމާންވީ ސިޔާސީ އަދި އިދާރީ ބާރުތައް ދޫކޮށްލުން އެއީ އެމްޑީޕީ އުުފެދުނު އެއް މަގްސަދު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ބޭސްފަރުވާ އަށް ސަލާންޖެހުން ނައްތާލުމަކީ އެމްޑީޕީ އިން ގެންނަން ބޭނުންވި ބަދަލުކަމަށާއި، ފުލުސް ކޯޓެއް ނެތް، މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް ރައްޔިތުންނަށް ހޯދައިދިނުމަކީ ވެސް އެމްޑީޕީ އިން ގެންނަން ބޭނުންވި އެންމެ ބޮޑު އެއް ބަދަލު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ދައްޗާއި ތުރާލާއި އުނދަގުލާއެކު، ގިނަ ކަންކަން ހާސިލްކުރެވުނު އިރު، އަދިވެސް ބޭނުންވި ކިތަންމެ ކަމެއް ނުކުރެވި އެބަހުރި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެއީ ޕާޓީގެ އެތެރޭގެ ހިންގުން ކަމަށް ވިޔަސް، ގައުމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ކަމަށް ވިޔަސް އަދި ކުރަން އޮތް މަސައްކަތް ގިނަވެފައި ބޮޑުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

