މާލޭގައި މިއަދު މިނީބަހުގެ ހިދުމަތް ފަށައިފިއެވެ.
ބަސް ދަތުރުތައް ފަށާފައިވަނީ ރޭ ފަތިހު 5:45 ގައެވެ.
މިނީ ބަހުގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ.
މިނީ ބަހުގެ ދަތުރުތައް އިންތިޒާމް ކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރު ކުރެވޭ ގޮތަށް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އެގޮތުން ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ވަނީ ހަދާފައެވެ. އެ ބަސް ސްޓޮޕްތަކަށް ކޮންމެ 15 މިނެޓަކުން ބަސް ކައިރިކުރާނެއެެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް އެމްޓީސީސީ އިން ގެނެސްފައިވާއިރު އޭގެތެރެއިން 8 ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަަށް އަރާ ފޭބޭގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހިމެނޭ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުން ދަތުރުކުރާ ބަސްތަކުގައި 20 ގޮނޑި ހުންނައިރު އެހެނިހެން ބަސްތަކުގައި ހުންނަނީ 22 ގޮނޑިއެވެ.
މިނީ ބަސްތަކުގައި ހުންނަ ގޮނޑިތަކުގެ އިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.
މިނީ ބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާ ކުރާނީ ހިލޭ ކަމަށް މީގެ ކުރިން އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އޭގެ ފަހުން ފީގެ ގޮތުގައި 7 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

