އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް އެފައިސާ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އެ މައްސަލައިގާ ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން މި އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި ސިޓީއެއް ލިބިފައިވާކަމަށެވެ. އެހެންކަމުން އެކޯޓުން މިއަދަށް ތާވަލްކުރި ހެކިބަސް ނެގުމުގެ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ.
މައްސަލައިގައި އިއްޔެ ވެސް ވަނީ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބާއްވާފައެވެ. އިއްޔެ ވަނީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފަށާފައެވެ.
އިއްޔެ ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްގެ އެވެ. އޭނާ ވަނީ ޔާމީން ދެއްވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައިމާ ހަވާލުކުރި ކަމަށް ހެކިބަސް ދީފައެވެ.
މައްސަލައިގާ އަދިވެސް އިތުރު ދިފާއީ ހެކިން ހުށަހަޅާފައިވެއެވެ.
މައްސަލައިގާ ޔާމީންގެ މައްޗަށް ވަނީ ޖުމުލަ ދެ ދައުވާއެއް އުފުލާފައެވެ. އެއީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ދެން ދައުވާކޮށްފައިވަނީ ކުރިން މަޖިލީސް މެންބަރުކަން ކުރެއްވި ޔޫސުފް ނައީމްގެ މައްޗަށެވެ. ދެ ބޭފުޅުން ވެސް ދައުވާއަށް އިންކާރު ކުރައްވައެވެ.

