ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވިދާޅުވީ ޓެކްސް ބޮޑު ކުރަނީ ދައުލަތުގެ ހަރަދުތަކުން ފައިސާ ހުސްވެދާނެތީ، ލޯނު ދެއްކުމަށްކަމަށް!

ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ/ ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަންނަ އަހަރާއި 2024 ވަނަ އަހަރު ދަރަނި އަދާކުރުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވާނެތީ، ދަރަނިދެއްކުމަށް ތަކައި ޖީއެސްޓީ ކޮންމެވެސް ވަރަކަށް ބޮޑު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް އާއި ދިމާކޮށް، ސަރުކާރަށް ފާޑުވިދާޅުވެ އެ ބައްދަލުވުމަށް ހުށަހެޅުއްވި ގަރާރުތައް އެންމެ ފަހު ވަގުތު އަނބުރާ ގެންދެވި ރައީސް ނަޝީދު މިވަގުތު ހުންނެވީ އައްޑޫ ސިޓީގަ އެވެ. އެމްޑީޕީގެ ކޮންގްރެސްއަށް ފަހު ސަރުކާރުގެ ހިންގުމާއި ގުޅުވައި ވާހަކަތައް ނުދައްކަވައި ހުރުމަށް ފަހު އައްޑޫ ސިޓީއަށް ވަޑައިގެން ރައީސް ނަޝީދު ވަނީ ރައްޔިތުންނަށް ވީ ވައުދުތައް ސަރުކާރަށް ފުއްދޭނެކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ރޭ އައްޑޫ މަރަދޫގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ވޯޓާއި ގާތްކޮށް އެންމެ ހާއްސަ ސަމާލުކަމެއް ދެނީ ރާއްޖޭގެ އެންމެ ދެކުނަށް ނަމަވެސް ގެނެވުނު ތަރައްގީއެއް ނެތް ކަމެވެ. އަދި ވެފައިވާ ވައުދުތަކާއި އެއްގޮތަށް، ރާވާފައި ހުރި މަޝްރޫއުތައް ކުރިޔަށް ނުދާކަން ފާހަގަ ކުރި އެވެ. އޭގެ އިތުރުން އަސާސީ އެކި ހިދުމަތްތައް ލިބިގަތުގައި  ހުރި ދަތިތައް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ.

ޓެކްސް ބޮޑު ކުރުމަށް ނިންމައި، އެކަމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ އާއްމުން އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާ ކުރި އެވެ. ޖީއެސްޓީ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ވާހަކަ ދެއްކެވުމަށް ބައެއް ރައްޔިތުންގެ ފަރާތުން އެދިފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މަޖިލީހުގެ ރައީސަށް ވުމާއި އެކު ބިލުތަކަށް ބަހުސް ކުރެވެން ނެތް ކަމަށެވެ.

”އަޅުގަނޑު ގާތު އެދިލެއްވި ޖީއެސްޓީ އަށް ވަކާލާތުކޮށްދިނުމަށް. ޖީއެސްޓީ ކުޑަކުރުމަށް ވަކާލާތު ކޮށްދިނުމަށް. މިހާރު އަޅުގަނޑަކަށް ނެތް ވަކާލާތު ކޮށްދެޭކަށް . އަޅުގަނޑަކީ މަޖިލީހުގެ ރައީސް. އަޅުގަނޑަށް ހުއްދައެއް ނޯވެ ބަހުސްގައި ބައިވެރިވާކަށް” ނަޝީދު

ހިދުމަތުގެ އަގުން ނަގާ ޓެކްސްގެ އިންސައްތަ ބޮޑުކޮށް ބަދަލު ގެންނަން ޖެހޭކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ. އޭގެ ސަބަބެއްކަމަށް ރައީސް ނަޝީދު ވިދާޅުވީ ދައުލަތުން ދަރަނިތައް ނަގާފައިވާތީ އެ ދަރިނިތައް އަނބުރާ ދެއްކޭނެ ގޮތްތަކެއް ހޯދަން ޖެހޭތީ އެވެ. ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުކަމަށާއި އެ ހާލަތުގައި އަންނަ އަހަރު ދައުލަތުގެ ފައިސާ ހުސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތަށް ކަން ދިމާވެއްޖެ ނަމަ ރާއްޖެ ދާނީ ޑީފޯލްޓަކަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަވައްޓެރި ލަންކާ މިސާލެއްގެ ގޮތުގައި ނަންގަވައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ޑީފޯލްޓަކަށް ގޮސްފި ނަމަ ލަންކާއަށް ދިމާވި ހެން އިންޓަނޭޝަނަލް ޓްރާންސެކްޝަން ނުވަތަ ބޭރު މީހުންނާއި ގައުމުތަކާއި އެކު ވިޔަފާރި ކުރަން ދަތިވާނެ ކަމަށެވެ.

“ދައުލަތުގެ އާމްދަނީ ބޮޑު ވާން އެބަޖެހޭ އަންނަ އަހަރާއި އޭގެ އަންނަ އަހަރާ. ދެ ކަމެއް ކުރެވެން އޮތީ. އެއް ކަމަކީ ކޮންމެވެސް ކަހަލަ އެއްޗެއް ވިއްކާލުން. ނުވަތަ ރައްޔިތުންގެ އަތުން ޓެކުހެއް ނެގުން. އަޅުގަނޑަށް ފެންނަ ގޮތުގައި އެއްޗެއް ވިއްކުން، ނުވަތަ ޕަބްލިކް، ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމަކީ ވެސް ބޭނުންތެރި ކަމެއް.” ނަޝީދު

މީގެ އިތުރުން، ދަރަނި ދެއްކުމަށް މަދުވާ މިންވަރު ފޫނުބައްދައި، އަންނަ އަހަރާއި 2024 ވަނަ އަހަރާ ކުރިމަތިލައިފި ނަމަ، ދިވެހިންނަށް ލިބޭނެ ނުރައްކަލާއި ގެއްލުން ވަރަށް ބޮޑު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން، ދައުލަތަށް އާމްދަނީ ހޯދެން މިވަގުތު އޮތް ގޮތަކީ ޓެކްސް ބޮޑުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ވެސް ދަނީ އިންފްލޭޝަން މަތިވެ ދަރަނި ނުދެއްކޭ ހާލަތަކަށް ގޮސްދާނެކަމަށް ރިޕޯޓު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ ވޯލްޑް ބޭންކާއި، ޖޭޕީ މޯގަން ފަދަ އިދާރާތްތަކުގެ ރިޕޯޓުތައް ބަލައިގަތުމަށް ދެކޮޅު ހަދަމުންނެވެ.

ޓެކްސް ބޮޑު ކުރުމަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި އިރު، ރައީސް ނަޝީދަކީ ރައްޖޭގެ ރިޒާވާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ހިއްސާ ކުރި މައުލޫމާތުތަކަށް ދެކޮޅު ހައްދަވައި އެއީ އިތުރުފުޅުތަކެއްކަމަށް ސިފަ ކުރެއްވި ބޭފުޅެކެވެ. އަދި މަޝްރޫއުތައް މަޑުޖައްސާލުމަށް ސަރުކާރަށް ގޮވާލިކަން ވެސް ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: