ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމުގައިވާ ގ. ކެނެރީގޭ ފާރުގައި ”އިންޑިއާ އައުޓް“ ޖެހި މީހާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ ނ. މިލަދޫ، ނޫއަލި އަބްދުﷲ ޔަޝްފައުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ، މޭ 31، 2022 ވަނަ ދުވަހުގެ 2:37 ހާއިރު، ނީލޯފަރު މަގުގައި ހުންނަ ކެނެރީގޭ ބޭރު ފާރުގައި އިނގިރޭސި އަކުރުން ”އިންޑިއާ އައުޓް“ ސްޕްރޭކޮށް އެ ފާރަށް އޭނާ ގެއްލުން ދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް އުފުލާފައިވަނީ، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.
މި ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުން ނަމަވެސް ކުށަށް އިއުތުރާފުވެއްޖެ ނަމަ އަންނާނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
“ސަންގު“ އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ޔަޝްފައު ވަނީ ކޯޓު މަރުހަލާގައި ކުށަށް އިއުތިރާފުވެފައެވެ. ކޯޓުގައި އޭނާ ބުނީ ކެނެރީގޭ ފާރުގައި ސްޕްރޭއިން ލިޔެފައިވާނެ ކަމަށާއި، ނަމަވެސް އެކަން ހިނގައި ދިޔަ ގޮތް މިހާރު ހަނދާން ނެތް ކަމަށެވެ. ކުށަށް އިއުތިރާފްވުމުން، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާ، އެއްމަހާއި 24 ދުވަހަށް އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
”އިންޑިއާ އައުޓް“ ހަރަކާތަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ކުރިޔަށް ގެންދާ ހަރަކާތަކެވެ. އެ ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށާއި އިންޑިއާ އިން ރާއްޖޭގެ އެކި ކަންކަމަށް އަތްގަދަ ކުރާތީ އެކަމާއި ދެކޮޅަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ކެނެރީގޭގެ އިތުރުން އެތައް ތަނެއްގައި އިދިކޮޅު ބައިވެރިންވަނީ “އިންޑިއާ އައުޓް“ ލިޔެފައެވެ. އަދި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައްވެސް ފުލުހުން ދިޔައީ އަޅަމުންނެވެ.

