ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރިއުމުގެ މައިގަނޑު އަސާސްތަކާއި ރައްކާތެރިކަން ނުވެސް ދަންނަ ބައެއްގެ އަތްމަތީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ގެސްޓް ހައުސްތައް އަދި އެނޫންވެސް ތަންތަން ހިންގުމަށް ގާނޫނުތައް ފަރުމާކޮށް ގަތާ އަމުނަނީ ރީތި މާތް އިބާރާތުންނެވެ.

އެހާމެ ބަރުދަން ބޮޑު ގާނޫނުތައް ހެދިފައިވާއިރު، އެ ގާނޫނުތައް ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގާނޫނުތަކަށްވުރެ މާ ފުރިހަމަވެފައި ސާދާވާނެކަމަށް ވަކާލާތުކުރައްވައެވެ. ގާނޫނު ނަންބަރުތަކުގެ އިތުރަށް ހަށަނަބައިގެ އަކުރުތައް ހުސްކޮށް ޒީނަތްތެރިވެ ފުރިހަމަވެގެންވާ މާއްދާތަކެވެ. ނަމަވެސް އެއްވެސް ގާނޫނެއް އެއީ އޭގެ ޒާތުގައި ތަންފީޒުވާނޭ އެއްޗެއްނޫނެވެ. ގާނޫނުގެ ބޭނުމެއް އޮންނާނީ އިންސާނާ އެއަށް އަމަލުކޮށް އަމުރުތައް ތަންފީޒްކުރާނަމައެވެ. ނޫންނަމަ އެ ގާނޫނުގެ މިސާލައްވާނީ މޭވާ ނާޅާ، މިލާފައިވާ ގަހެއްގެ މިސާލެވެ.

ގާނޫނުތައް ހެދިފައިވަނީ ކެފޭ ރެސްޓޯރަންޓުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ނަމަވެސް ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި ކައްކާ އުޅޭނީ އަދި ސާރވީސް ދޭން ތިބެނީ ގައިގަޔަށް އަރާ އަދި ފެތުރޭ ބަލިތަކުން ސަލާމަތްވެ ތިބި ބައެއްކަށް ކަށަވަރުކުރަނީ ކިހާ މިންވަރަށްކަށް އަދި ކިހާ ފުރިހަމަކޮންބާއެވެ؟ އަދި ބަދިގެ ތެރޭގައި އާއި ވެއިޓަރުންގެ ގޮތުގައިވެސް އެ ހަރަކާތްތެރިވަނީ ސިއްހީ ގޮތުން ކިހާ ފުރިހަމަ ބައެއްބާއެވެ؟ އެތަންތަނުން ހިދުމަތް ދެނީ ގަވާއިދުން ކަނޑައެޅިފައި ތިބި ބައެއްކަން ނުވަތަ އެކި ދުވަހު އެކި މީހުން ނޫންކަން ބަލާ ކަށަވަރުކުރެވޭބާއެވެ؟

ކައްކަން ތިބެނީ ކިހާ ފުރިހަމައަށް އެކަން ދަންނަ ބައެއްކަން ތަނުގެ މެނޭޖުމެންޓަށްވެސް ގިނަފަހަރު ނޭގެއެވެ. ކައްކާއެއްގެ މައްސަލަ ހުރިކަން ރޭކާވެސް ލަނީ މީހެއްގެ ޝަކުވާއެއް ހުށައެޅުމުންނެވެ. ކާން ތައްޔާރުކުރާ އެއްޗެއްގައިވެސް މައްސަލައެއް ހުރިކަން އެގެނީ އެހާ ހިސާބުންނެވެ. މައްސަލަ ސަރުކާރުގެ ކަމައި ބެހޭ އިދާރާތްތަކައް އެގެނީ އަދި އެ ޝަކުވާގެ ވެރި ފަރާތް ހުށައެޅިއްޔާއެވެ.

ހޮޓާތަކާއި ރެސްޓޯރެންޓްތަަކަކީ މުޅި ދިވެހި އާބާދީގެ ބޮޑު ބައެއް އެމީހުންގެ ދިރިއުޅުމުގައި ބަރޯސާވާ ތަންތަންކަމުގައިވީއިރު، ދިވެހިން މިތިބީ ތުނޑިއެއްގެ ވެއްޓެމުންދާ ގުންޑެލިމަތީގައެއްނޫންތޯއެވެ؟

ދިރިއުމުގެ މައިގަނޑު އަސާސްތަކާއި ރައްކާތެރިކަން އެއްވެސް ގުޅުމެއް ނެތް، ތަންދޮރު ދައްނަނީ ކިހާވަރަކަށްކަންވެސް ނުދަންނަ ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ފުދުންތެރިކަމެއް ނެތް ދެކޮޅަށް ވާންވެ ނޮޅިގެންދާންވެފައި އޮތް ދިރިއުޅުމެއްގައި، ގަދަ ކަނޑެއްގައި ދަތުރެއް ފަށައިގެން އުޅޭ މިސާލުގައި ތެޅެމުން ފޮޅެމުން މިދަނީ ކިހާ ނުރައްކާތެރި ހާލަތެއްގައި ހެއްޔެވެ؟

ހޮޓާތަކާ ރެސްޓޯރެންޓުތަކުގައި ކައްކާ މީހުން އަޖިނަމިޓޯ އާއި އެކި ބާވަތް ބާވަތުގެ ކެމިކަލް އެކުލެވޭ، އިންސާނާގެ ސިއްހަތައް ގެއްލުންލިބޭފަދަ އެކި ކަހަލަ ސޯސްތަކާއި ޕޭސްޓްރީތައްފަދަ ތަކެތި އެ ތައްޔަރުކުރަނީ ރަނގަޅައްތޯ އާދައިގެ މީހަކު އިގޭނީ ކިހިނަކެއްތޯއެވެ؟ ކަމާއިބެހޭ މާހިރެއް ނޫނީ ކަށަވަރުކުރާނީ ކިހިނަކުތޯއެވެ؟

ތަފާތު ސަގާފަތްތަކުގެ މީހުން ހެވެއް ނުބައެއް ނޭގި އުފައްދާ ތަކެތި ކައިގެން ދުވަސްތަކެއް ފަހުން ލެބޯޓްރީއަކަށް ނުވަތަ ހޮސްޕިޓަލަށްދާއިރު، ކަމަކުދާކަށްނޯވެއެވެ. ލެބޯޓްރީ ނަތީޖާ ދައްކަނީ މުޅި ހަށިގަނޑުގެ ބަޔޯކެމިސްޓްރީ ހަމައިންނައްޓާ ގޮއްރާޅު އުފެދިފައިވާ ކަނޑެއްގެ ސިފައިގައެވެ. ކޮލޮސްޓްރޯލު އަރާވަހުގައި ޖެހި އޮބެސިޓީގެ މީހަކަށްވީއެވެ. ލަހެއްނުވެ ލޭގެތެރޭގައި ގަނޑުލޭގަނޑެއް ހެދިގެން ސްޓްރޯކެއްޖެހުމުގެ ފުރުސަތު އިތުރުވެ، ހަކުރާ ލެޔާ މައްޗަށް ގޮސް މި ބާވަތުގެ އެތައް މައްސަލައެއް ފެންމަތިވެއެވެ. އަންހެނެއްވިއްޔާ ރަހިމުގައި ދަރިން އުފެދުމަށް ހުރަސް އަޅާ އެތައްކަމެއްވެއެެވެ. ރާއްޖެފަދަ ނިސްބަތުން ކުޑަ ގައުމަކާއި އަޅާބަލާއިރު ދަރި މައި ނުވުމުގެ މައްސަލަތައްވެސްް އިންތިހާއަށް ގިނައެވެ.

މިއީ އެތައް ބައެއްގެ ކަންބޮޑުވުން ހުރި، ސަމާލުކަން ނުލިބި، ޒިންމާވާންޖެހެނީ ކާކުކަން ނޭގޭ ހިސާބުގައި ހުރި މައްސަލަތަކެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދެއްވެސް އޮވެއެވެ. މިގަވާއިދުގައި ބަޔާންކުރާ ޞިއްޙީ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވައި ކަނޑައެޅިފައިވާ އުސޫލުން ފިޔަވަޅުއެޅުންވެސް މިއީ މި ގާނޫނުގައި ހިމެނޭކަމެކެވެ. އުފެދޭ ސުވާލަކީ މި ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒުކުރަން ތިބި ފަރާތްތައް ކިހާ ޒިންމާދާރުތޯއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވުމުގެ ސަބަބުން ދުނިޔެއިން ގިނަ އަދަދެއްގެ މީހުން މަރުވާއިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުކުރެވުމުގެ ސަބަބުން 200 އަށްވުރެ ގިނަ ބަލި ފެތުރޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ފަރާތުންވެސް ވަނީ ބުނެފައެވެ. މީގެތެރޭގައި ގައިންގަޔަށް އަރާ ބައްޔާއި ގައިންގަޔަށް ނާރާ ބަލި ހިމެނޭއިރު، ރާއްޖޭގެ އާބާދީގެ 85 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލި ތަހައްމަލުކުރާ މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ކާބޯތަކެތީގެ ކަންކަން ރެގިއުލޭޓްކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ މިކަމުގެ ހައްލެއްކަމުގައި ކަމާއި ބެހޭ މާހިރުން ވިދާޅުވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނެއް މުހިންމުކަމަށެވެ. އެ ގާނޫނު އުފެދިއްޖެނަމަ ކާބޯތަކެތީގެ ކަންކަން ރަނގަޅަށް ރެގިއުލޭޓްކޮށް، ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެކަމަށް ފާހަގަކުރައްވައެވެ.

އެހެންކަމުން ދެ ގޮތުން ކުރެ އެއް ގޮތަކުން ބެލި ނަމަވެސް މިއީ ސަރުކާރުގެ ކުށެވެ. ކަމާއިބެހޭ އިދާރާތްތަކުގެ ކުށެވެ. ނަމަވެސް ކެބިނެޓުގައި ތިއްބެވި ވަޒީރުން ވިދާޅުވަނީ ސަރުކާރަށް ކޮންމެ ރައްޔިތެއްގެ ދިރިއުޅުމުގެ ކަންކަން ރެގިއުލޭޓުކޮށް ބަލަހައްޓައި ނުހެދޭނެކަމަށާއި އެފަދަ ވިސްނުންތައް ދޫކޮށްލަންޖެހޭކަމަށެވެ.

މިފަދައިން ކަންބޮޑުވުން އޮތްއިރު މަޖިލީހުގައި މިހާރު މަޝްވަރާކުރަމުންދާ ބިލުގައިވެސް ވަނީ ގޭގޭގައި ކާބޯތަކެތި އުފައްދައިގެން ވިއްކުމަށް ރެޖިސްޓްރިކުރަންޖެހޭ މާއްދާއެއް އުނިކޮށްފައެވެ. މާނައަކީ އެތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ހުއްދަ ކަމާއިބެހޭ އިދާރާތްތަކައް ނުލިބޭނެކަމެވެ. އެހެންކަމުން މުޖުތަމައަށް ސިއްހީ ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތީ ކިހާ މިންވަރަކަށްވެސް ދެނެގަންނާނީ ކިހިނަކުންހެއްޔެވެ؟

ރައްޔިތުންގެ ހައްގުތަކާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އުފައްދާ ގާނޫނުތަކުން ނުވަތަ އިސްލާހުކުރެވޭ ގާނޫނުތަކުން ލިބެނީ ހައްލުގެ ބަދަލުގައި ހައްގުތަކާއި، ރައްކާތެރިކަން ކަށަވަރުވެދާނެތޯ ކުރެވޭ ސުވާލެވެ. މަކަރާ ހީލަތުން ފުރިފައިވާ ބަސްތަކަކުން ޒީނަތްކުރާ ހިޔާނާތްތެރި ސިޔާސަތެއްގައި ލިބޭނެ ހިޔަލެއް އަދި ފޮޅޭނެ މަލެއްވެސް ނޯންނާނެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: