ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ ރައްކައުތެރިން ކަށަވަރު ކުރުން: ކާށި ފަދަ ތަކެތިވެސް އިމްޕޯޓުކުރޭ

މާލޭ ލޯކަލް މާރުކޭޓް. ފޮޓޯ: ޓްރިޕްއެޑްވައިޒަރޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި އިގްތިސާދީ ހާލަތު ދަށް ވާހަކަ، މާލީ ހާލަތު ދަށްވުމުގެ ސަބަބުން ގައުމު ބަންގުރޫޓުވެދާނެ ވާހަކަ އަދި އެކަމުގެ ސަބަބުން އާންމު ރައްޔިތުން ނިކަމެތިވެ “މަގޫ ފަތް” ކައިގެން އުޅެން ޖެހިދާނެކަމުގެ ވާހަކަތައް ސިޔާސީ އިސްވެރިންނާއި އިޖްތިމާއީ ކަންކަމަށް ނަޒަރު ހިންގާ ފަރާތްތަކުގެ ތެރޭގައިވެސް ދެކެވެއެވެ.

ކޮވިޑް19 އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެން ސަބަބުން ދުނިޔޭގެ އެންމެހާ ގައުމުތަކުންވެސް އެކި ބޮޑެތި ދަތިތައް ތަހައްމަލުކޮށްފައިވާއިރު، ކާބޯ ތަކެތީގެ ދަތިކަމާއި އެންމެހާ ގައުމުތަކުންވެސް ކުރިމަތިލިއެވެ. ބައެއް ގައުމުތަކަށް ތަކެތި ލިބުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އިރު، އަނެއް ގައުމުތަކަށް ތަކެތި ލިބިގެންދިޔަ އަގުތައް އިންތިހާއަށް ބޮޑުވުން، އަދި ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދޭއިރު އެ ތަކެތީގެ ތާޒާކަން ގެއްލިގޮސްފައިހުރުމުގެ ސަބަބުން ބޭނުން ނުހި އުކާލަންޖެހުންފަދަ އުނދަގޫތަކާއިވެސް ކުރިމަތިލާންޖެހުނެވެ.

މި ހިތާމަތަކާއި ކުރިމަތިލާންޖެހުނީ ހަނގުރާމަ އާއި ބަލިމަޑުކަމުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރިނަމަވެސް، ހަގީގަތް ވަރަށްވެސް ތަފާތެވެ. މި ދަތިތަކަން ދިމާވީ ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ރައްޔިތުންނަށް ކޮންމެހެންވެސް ކަށަވަރުކޮށްދޭންޖެހޭ މުހިންމު އެއް ކަން ކަށަވަރުކޮށްދެވިފައިނުވާތީއެވެ. ކޮވިޑް19ގެ ހިތްދަތިކަމުންވެސް ފިލާވަޅެއް ލިބިފައިނުވާފަދައެވެ. މިއަދުވެސް ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރެވިފައިނުވެއެވެ.

ވާހަކަދެކެވުނަސް ހައްލު ކުރެވިފައިނުވާ އެ މައްސަލައަށް ހައްލުތަކެއް ލިބުމުގެ ބަދަލުގައި ފެނިގެންދަނީ ހާލަތު އިތުރަށް ގޯސްވެގެންދާ މަންޒަރެވެ. މި ކަމާއިމެދު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދާދި ކުރެއްވި ޓްވީޓެއްގައި ފާހަގަކުރައްވާފައިވާގޮތުން ކަނޑައެޅިގެން ރާއްޖޭގައި އުފެއްދޭ އެއްޗެއް ކަމަށްވާ، ކާށި ފަދަ ތަކެތި އިމްޕޯޓު ކުރުމުން ރާއްޖޭ ސޮއްސާލާފައިވާ ހިސާބު އޭނާ އަށް ފެނިގެންދެއެވެ.

ވެރިކަން ކުރާ ޕާޓީގެ މެމްބަރެއްކަމަށްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ވަނީ މި މައްސަލައާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު އަމީން އިގްތިސާދީ ސިނާއަތާއިމެދު ދެއްވާފައިވާ އިރުޝާދެއްގެ މައްޗަށް އަލިއަޅުއްވާ، އުފެއްދިދާނެ ނުވަތަ ލިބެން ހުރި ތަކެތި އިމްޕޯޓު ކުރުމުގެ ސަބަބުން ގެއްލުންތަކެއް ލިބިގެންދިއުމުގެ ފުރުސަތު ފަހިވެގެންދާކަން ފާހަގަކުރައްވާފައެވެ.

ވަހީދު ވިދާޅުވީ، އިމްޕޯޓު ނުކުރަންވީ ތަކެތި ތިބިކަން ރައީސް އަމީންވަނީ ފާޙަގަކުރައްވާފައިކަމަށެވެ. އެގޮތުން ރާއްޖެއަށް އެތެރެ ނުކުރަންވީ ދެ ބާވަތެއް ވާކަމަށް ވިދާޅުވިކަމަށާއި އޭގެ އެއް ބާވަތަކީ ކާށި ކަމަށް ވަހީދު އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އަނެއް ބާވަތަކީ ކަނޑުމަސްކަމަށެވެ. މެމްބަރު އަލީ ހުސައިން ވަނީ ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ބޭރު ގައުމުތަކަށް އެކްސްޕޯޓު ކުރާ މަސް އަނބުރާ އެ ގައުމުތަކުން ރާއްޖެއަށް އިމްޕޯޓު ކުރެވެމުންދާކަންވެސް އޭނާއަށް ފާހަގަކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ބާނާ ކަންނެލި އެކްސްޕޯޓު ކުރުމަށްފަހު ރާއްޖޭގެ ރިސޯޓުތަކަށް އަނބުރާ އިމްޕޯޓު ކުރެވޭކަމަށެވެ.

ދުނިޔޭގެ ސިއްހީ ޖަމިއްޔާތަކުން އެކި ފުރުސަތުތަކުގައި ސަމާލުވުމަށް އެދެމުންދާއިރު، އަދި ދިވެހިރާއްޖެވެސް ހިމެނޭހެން ކޮވިޑްގެ ވަބާއިން ދުނިޔޭގެ ގައުމުތަކަށް ފުރިހަމައަށް މިންޖުވެވިފައިނުވާއިރު، އަނެއްކާވެސް އެފަދަ ހާލަތެއް މެދުވެރިވުމަކީ ނެތްކަމެއް ކަމަށް ނުބުނެވޭނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި އޮތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

ކާބޯ ތަކެތީގެ ރައްކައުތެރިކަން ކަށަވަރު ކުރުމާއި އެ ގައުމެއްގެ މާލީ އަދި އިގްތިސާދީ ދުޅަ ހެޔޮކަމާއިވެސް ވަނީ ގުޅި ލާމެހިފައެވެ. އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ މިންގަނޑަށް އުފެއްދުމުން އިމްޕޯޓު އެކްސްޕޯޓު ދާއިރާއަށް އަންނަ ލޮޅުމެއް ނުވަތަ އެހެން ގައުމެއްގައި ދިމާވާ ކަމެއްގެ ސަބަބަން ރައްޔިތުން ހާލުގައި ޖެހި ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަން ނުޖެހޭކަން ކަށަވަރު ކުރުމުގައި ބޮޑެތި ކުރިއެރުންތައް ލިބިގެންދެވެ.

ރައްޔިތުންނަށް ބޭނުންވާ މިންގަނޑަށްވުރެ އިތުރަށް އުފެއްދުމުގެ ސަބަބުން އެހެނިހެން ގައުމުތަކުގެ ދެމެދު އިގްތިސާދު ކުރުމަށް ދިވެހި އުފެއްދުންތަކެއް ލިބި، އިގްތިސާދީ ދުޅަހެޔޮކަން އިތުރުވެގެންދާއިރު، ދިވެހިރާއްޖޭގައި އުފައްދާ ތަކެތި ބޭރު ގައުމުތަކުގެ މާކެޓުތަކަށް އެކަށީގެންވާ އަގެއްގައި ވިއްކުމުގެ ސަބަބުން ރާއްޖޭގޭ މާލީ ހާލަތުވެސް ރަނގަޅުވެގެންދިއުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

އަމިއްލަ ގައުމުގައި ކާބޯތަކެތި އުފެއްދުމުގެ ސަބަބުން ލިބިގެންދާ އިތުރު ފައިދާތައްވެސް ހުރެއެވެ. އިމްޕޯޓު ކުރާ ތަކެތި އެ މަރުހަލާގެ ތެރޭގައި ގިނަ ދުވަސްވުމުގެ ސަބަބުން ނުވަތަ ރައްކައުކުރެވިފައިވާ ގޮތުގެ ސަބަބުން މަންޒިލަށް ވާސިލުވާއިރު، ތާޒާކަން ގެއްލިފައި ހުރުމަކީ އާންމު ކަމެކެވެ. އެހެންނަމަވެސް އެ ގައުމެއްގައި އުފައްދާ ތަކެއްޗަކީ ވަގުން އާންމުންނާއި ހިސާބަށް ފޯރުވޭކަމަށްވުމުން އެ ތަކެތި ލިބިގެންދަނީ ވީ އެންމެ ތާޒާ ކަންމަތީގައެވެ. ތާޒާ ކާނާ އާއި އެކު ގައުމުގެ ރައްޔިތުންގެ ސިއްހީ ހާލަތުވެސް ރަނގަޅުވެގެންދެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު އޮތީ ނުރަނގަޅު ހާލަތެއްގައިކަމަށްވުމުންނާއި، ސިއްހީ ދާއިރާއަށް ލުއިތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވުމުން ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ މައްސަލައަކީ ސަރުކާރާއި ސިޔާސީ އިސްވެރިން އަދި ދިވެހި ރައްޔިތުންވެސް އެއްބާރުލުންދީގެން ކޮންމެހެންވެސް ހައްލު ކުރަންޖެހޭ މައްސަލައެއްކަން ޔަގީނެވެ. އެހެންކަމުން ރާއްޖޭގައި އުފެއްދޭ ތަކެތި ދެނެގަނެ އެތަކެއްޗަށް މާކެޓު ހޯދައި، އެ މިންގަނޑަށް އުފެއްދުމަށް މަސައްކަތްތައް ކުރުން މުހިންމު ވަރު ސާފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: