ރާއްޖެއަށް އިންޑިއާއިން ފޯރުވާ ނުފޫޒާއި ދެކޮޅަށް، ދަމާފައި ހުރި ބެނާ ނެގުމުން ހިތުގައި އެ ގައުމުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް އޮތް ނަފްރަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން ރާއްޖެއަށް ނުފޫޒުތަކެއް ފޯރުވައި، ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އަދި މި އެއްބަސްވުންތަކުގެ ދަށުން ސަރުކާރުން އެ ގައުމުގެ އަސްކަރިއްޔާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއި އެކު ތިބުމުގެ ފުރުސަތު ދީފައިވާކަމަށް ވެސް ދަނީ ބުނަމުންނެވެ.
އިދިކޮޅުގެ ތުހުމަތުތައް ސަރުކާރާއި، އެމްޑީޕީން ދޮގު ކުރިނަމަވެސް ރައްދުގައި ޕްރޮގްރެސިވް ކޯލިޝަނުން ބުނަމުން ދަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ނަމަ އެއްބަސްވުންތައް ޙާމަކުރަން ޖެހޭ ކަމަށެވެ. ނަަވަވެސް އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ ސަރުކާރުން ވަނީ އެގޮތަށް އަމަލު ކުރުމަށް ދެކޮޅު ހަދާފަ އެވެ. އިންޑިއާއާއި ދެކޮޅަށް، ކުރިޔަށް ގެންދިޔަ ހަރަކާތްތައް ވަރުގަދަކޮށް އަތޮޅުތަކަށް ވެސް ހަރަކާތް ފުޅާކޮށް މާލޭގައި ސިލްސިލާ އެއްވުންތަކެއް ބޭއްވި އެވެ. އަދި މި ޖަލްސާތަކާއި ބައްދަލުވުންތަކުގައި އިންޑިއާ އައުޓް ޖެހި ޓީޝާޓާއި އެކު ރައީސް ޔާމީން ބައިވެރިވެވަޑައިގަތެވެ. އަދި އިންޑިއާ އައުޓް ޖެހި ބޮޑު ބެނާއެއް އެމަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހި އާއި ޕާޓީ އޮފީސްގައި ހަރުކުރުމާއި އެކު މާލޭއާއި އަތޮޅުތަކުގައި ހަމަ އެފަދަ ލިޔުންތަކާއި ޕޯސްޓުތައް ޖަހަމުން ދިޔަ އެވެ.
މީގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ، ސަރުކާރުން ސަލާމަތީ ބާރުތަކަށް ނެރުނު ގަރާރާއި އެކު އެއްވުންތަކަށް ހުއްޓުމެއް އައެވެ. ރައީސް ޔާމީން ވިދާޅުވީ ހަރަކާތް މަޑުޖެހުނީ އޭގެ ސަބަބުންކަމަށާއި، އިދިކޮޅުން ގާނޫނާއި ހިލާފު ނުވާނެކަމަށެވެ.
މިރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ތަރުޖަމާނު މެދުވެރުކޮށް ހަފްތާއަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވި ނަމަވެސް އޭގައި ވެސް ދައްކަން ޖެހެނީ ކުރީ ސަރުކާރުގެ ވާހަކަތައް ކަމަށެވެ. އަދި މި ސަރުކާރަށް ކުރެވުނު އެއްވެސް މަސައްކަތެއްގެ ވާހަކަ ނުދެއްކޭކަމަށް ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި އިންޑިގެ އަސްކަރިއްޔާ ތިބޭ ތިބުމަށް މިއަދުވެސް ދެކޮޅު ހަދާކަމަށެވެ. އަދި ގަރާރަކުން މަސައްކަތް ހުއްޓުވި ނަމަވެސް ހިތުގައި ހުރި ޝުއޫރާއި ރުޅިވެރިކަން ނުގެންދެވޭނެކަމަށް ވިދާޅުވި އެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އެއްވެސް ޖާގައެއް ނެތްކަމަށާއި، އެ އޮފިސަރުން ރާއްޖޭގެ ފަސްގަނޑު ދޫކޮށް ދިއުން ނޫން އިތުރު ގޮތެއް ނެތްކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވި އެވެ.
”އަޅުގަނޑުގެ ގޭގައި އިންޑިއާ އައުޓް ޖަހަފައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމުން.. އަޅުގަނޑުގެ ހިތުގައި ބިންވަޅު ނަގާފައި އޮތް އިންޑިއާ އައުޓް އެ ގެންދެވުނީ ތޯ؟.. އެހެންވީމަ މިރޭ ވެސް ދަންނަވާނަން އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމަށް އަޅުގަނޑުމެން ނަފްރަތު ކުރަން“ ރައީސް ޔާމީން
ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގައި ދެމި ބެނާ ނެގި މައްސަލައަށް ވެސް ފާޑުވިދާޅުވެފަ އެވެ. ހަރަކާތް ހުއްޓުވުމުގެ ގޮތުން އެތައް އަނިޔާތަކެއް ޕާޓީގެ މެމްބަރުންނަށް ކުރިއިރު އެއީ ލަދުވެތި މަންޒަރުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

